ads
ފޮރިން މިނިސްޓަރު ހަލީލް: ވިދާޅުވީ އިޒްރޭލުން ސޮމާލީލޭންޑް ބަލައިގަންނަން ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް - ފޮޓޯ: ފޮރިން މިނިސްޓްރީ
އިޒްރޭލުން ސޮމާލީލޭންޑު ބަލައިގަތުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު :ރާއްޖެ
އެފްރިކާގެ އިސްލާމީ ގައުމެއް ކަމަށްވާ ސޮމާލިއާގެ ދައުލަތާ ދެކޮޅަށް ބަގާވާތްކުރުމަށް ފަހު, އެ ގައުމުން ވަކިވެގަނެގެން އުޅޭ "ސޮމާލީލޭންޑް"އަކީ މިނިވަން ގައުމެއްކަމަށް އިޒްރޭލުން ގަބޫލުކުރުން ދިވެހިރާއްޖެއިން ކުށްވެރިކޮށްފި އެވެ.
Advertisement

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް މިހެން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމަކީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަޤްވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި އިޒްރޭލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަކުރައްވާ މިއީ އދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން މެދުއިރުމަތީގެ ސަރަހައްދުގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ހަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ގާނޫނަށް އެ ގައުމުން އިހުތިރާމް ނުކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. 

"ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ބައިނަލްއަގުވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޯއައިސީ އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ މުސްލިމް އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމިއްޔާއެކެވެ. 1976 ވަނަ އަހަރު މި ޖަމިއްޔާގެ މެމްބަރަކަށް ވުމަށްފަހު ރާއްޖެއިން ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް