ހޮސްޕިޓަލުގެ އެނދުގައި ފަލަކް އޮތީ ފުރާނަ ނެތް މަސްގަނޑެއް ފަދައިންނެވެ. ދިރިއުޅުމާއިމެދު ފަލަކްގެ ކުޑަވެސް އުއްމީދެއް ނެތްކަން، އެ މަންޒަރު ފެނުނު ކޮންމެ މީހަކަށް އެނގޭނެ އެވެ.
ފަލަކުގެ، ލޮލުގެ ކުޑަކޮޅުން ވެއްޓެމުން ދިޔަ ކަރުނަތިކި ފޮހެލައިދިނީ ޝައްޔާން އެވެ. ހިމޭންކަމާއި ކެއްތެރިކަމާއެކު ޝައްޔާން އިންތިޒާރުކުރަމުން ދިޔައީ ފަލްކް އެއްޗެއް ބުނާނެ ވަގުތަށެވެ.
ނަމަވެސް އިސްނަގަން ޖެހޭނީ ޝައްޔާންކަން ވިސްނުމުން، ހިންދިރުވާލާފައި ފަލަކްއަށް ބަލައިލި އެވެ.
"ފަލަކް...؟" ޝައްޔާންގެ ދޫ އިތުރަށް ހަރަކާތެއް ނުކުރި އެވެ. ހާލު އަހައިލާނެ ހިތްވަރެއްވެސް ނެތެވެ.
"ދޮންބޭ.." ވަރުބަލިކަމާއެކު ޝައްޔާންއަށް ބަލައިލަމުން މަޑުމަޑުން ފަލަކް ގޮވައިލި އެވެ.
ކޮންމެ ކަމެއްގައި، ކޮންމެ ވަގުތެއްގައި އެންމެ ގާތުގައި ހުރެދޭނެކަމަށް ބުނެ، ޝައްޔާން ވަމުންދާ ވައުދު ތަކުރާރުކުރަން މިވަގުތުވެސް ބޭނުމެވެ. ނަމަވެސް ކޯތާފަތް ހުރަސްކޮށް ލޮލުން ފައިބަމުންދިޔަ ކަރުނަ ކޮންޓްރޯލް ނުވެ، ފަލަކްގެ އަތުގައި ހިފަހަށްޓާލައި ފިރުމާލީ، އެތަށް ވާހަކައެއް ބުނެދިނުމަށެވެ. ދޮންބެގެ ހިތުގައި ކޮއްކޮއަށްޓަކައި އޮތް ލޯބި، ދުވަހަކުވެސް ފަނޑު ނުވާނެކަމާއި ފަލަކްއާއި ނުލައި ދޮންބެގެ ދިރިހުރުން ފަސޭހަ ނުވާނެކަން ބުނެދޭން، އެ ފިރުމާލުމުގެ އަސަރު ފުދުނެވެ.
ފަލަކްގެ އަތް ނަގާފައި ފިރުމާލަމުން އެ އަތުގެ ނުފުށުގައި ޝައްޔާން ބޮސްދިނެވެ.
އެއްޗެއް ބުނެވޭތޯ ޝައްޔާން ހިތްވަރުކުރި ވަގުތު އިވުނީ ފަލަކް ގެ އަޑެވެ. ޝައްޔާންގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވުމުން، ނިއްކުރިއަށް ރޫ އަރުވާލާފައި ފަލަކްއަށް ބަލައިލި އެވެ.
"ދޮންބޭ، ރާފީ ދެކެ އަހަރެން ވަރަށް ވަރަށް ލޯބިވޭ.." ފަލަކްގެ ބުނެލުމާއެކު ޝައްޔާންގެ ލޭ ނާރުތަކުގެ މަސައްކަތް ހުއްޓުނެވެ. މޫނުގެ ކުލަ ބަދަލުވެގެން ދިޔައީ ލިބުނު ޝޮކެއްގެ ސަބަބުންނެވެ.
"ދުވަހަކުވެސް ރާފީ، ދޮގެއް ނުހަދާ.. ދުވަހަކުވެސް ބޭވަފާތެރި ނުވޭ.. އަހަރެން ދޫކޮށްލަން ރާފީ ނިންމީ އެންމެ ސަބަބަކަށްޓަކައި.. އެއީ އަހަރެންނަކީ، ދޮންބެގެ ކޮއްކޮއެއްކަން ރާފީއަށް އެނގުމުން.. އެ ނިންމުމުގެ ސަބަބެއް އެއްގޮތަކަށްވެސް ނޭގެ.. އެކަމަކު ޔަގީންކޮށް ބުނަން، ރާފީ އަހަރެން ދޫކޮށްލީ، އަހަރެން ދެކެ ލޯބި ނުވާތީއެއް ނޫން.. ވަރަށް ވަރަށް ބޮޑަށް ރާފީ، އަހަރެންދެކެ ލޯބިވޭ.. އެއަށްވުރެން އޯގާތެރި، އަހަންނަށް އިހްތިރާމްކުރާ، އަހަރެން ދެކެ ލޯބިވާ އެއްވެސް އިންސާނަކު ދުވަހަކުވެސް ނުލިބޭނެ.. ދޮންބޭ، ހީ އިޒް މައި އެވްރިތިންގ.. !
އަހަރެންގެ ހިނިތުންވުމާއި ކަރުނައާއި ރުޅިއާއި އުފަލާއި ހިތާމައިގައި އެއަށްވުރެން އަޅައިލާ، އިންސާނަކު ދުވަހަކުވެސް ނުލިބޭނެ.. ދޮންބޭ، އަހަރެން ރާފީ ބޭނުން.. ރާފީ ގެނެސްދީ ޕްލީޒް..! ދޮންބެ ރާފީއަށް ގުޅާބަލަ... ޕްލީޒް...! އަހަރެން ރާފީ ބޭނުން.."
ދުވަހަކުވެސް ދޮންބެގެ ކުރިމަތީގައި ފަލަކްގެ ހިތް ނުހުޅުވާ މިންވަރަށް، މިވަގުތު އެ ހިތް ހުޅުވާލައިފި އެވެ. އޮޅުވާލުމެއް ނެތެވެ. ސާފު ހުށަހެޅުމެކެވެ.
ޝައްޔާން ހިންދިރުވާލީ އުނދަގުލުންނެވެ.
އޭނާއަށް ހުށަހެޅުނު ޒިންމާއަކީ، ފަސޭހަ މަސައްކަތަކަށް ނުވާނެ އެވެ.
"އަހަންނަކީ ދޮންބެގެ ކޮއްކޮކަން ބުނެދިން ވަގުތު ރާފީއަށް ވީ ގޮތް، މިވަގުތުވެސް އެބަފެނޭ.. ކުއްލިޔަކަށް އޭނާއަށް ފިޔަވަޅު ނެގުނީ ފަހަތަށް.. ހިފަހަށްޓައިގެން ހުރި އަހަރެންގެ އަތް ރާފީގެ އަތުން ދޫވެގެން ދިޔައީ، ގަސްތުގައި މި އަތުން ރާފީ ދޫކޮށްލީމައެއް ނޫން.." ބެންޑޭޖް ކޮށްފައި އޮތް އަތް އުފުލާލާފައި ދައްކާލެވޭތޯ ފަލަކް މަސައްކަތްކުރި އެވެ.
ޝައްޔާން އެކަން މަނާކުރުމުން، އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައީ އަސަރާއެކު އެވެ.
"ކިތަންމެ ބޮޑު ޝޮކެއް އޭނާއަށް ލިބުނަސް، އެވަގުތުވެސް އަހަރެންދެކެ ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނަކަން، ސާފުކޮށް ރާފީގެ ލޮލުން ދުށީން.. ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ރާފީ ހުރީ ބިރުގަތްފައި.. އޭނާގެ ނިއްކުރިން އެ ގޮތަށް ދާހިއްލާފައި ވަނިކޮށް އެ ރޭ ނޫނީ ނުދެކެން.. ރާފީގެ އެ ނިންމުމުގެ ފަހަތުގައި ކޮންމެވެސް ބޮޑުކަމެއް އެބައޮތް.. ފޮރުވިފައި އޮތް ސިއްރެއް އަހަންނަކަށް ނޭގޭ.." ހުވަފެނީ ގޮތަކަށް، ފަލަކް ވާހަކަ ދައްކަމުންދިޔައި އޭނާގެ ލޮލުގެ ކެމެރާއިން އެހުރިހައި މަންޒަރެއް ބަލަމުންދިޔަ ފަދައިންނެވެ.
ފުން ނަޒަރަކުން، ޝައްޔާން އޭނާގެ ކޮއްކޮއަށް ބަލައިލި އެވެ. ލޮލުން ފައިބަމުންދިޔަ ކަރުނައަށް ހިފެހެއްޓުމެއް ނެތެވެ. ލޯތްބަށްޓަކައި ފަލަކް ތަހަންމަލް ކުރަމުން އެދަނީ އުނދަގޫ ވަގުތުތަކެކެވެ. މައުސޫމް އެ ހިތް ވަނީ ހަލާކުވެފަ އެވެ. ނަމަވެސް އުއްމީދަށް ބަދަލެއް ނާދެ އެވެ. ފަލަކްގެ ހިތާއި އޭނާގެ ވިންދުގައި، ރާފީ ފިޔަވައި ދެވަނަ މީހެއްގެ އިހްސާސެއް ނެތްކަން ޝައްޔާންއަށް ޔަގީނެވެ.
"ރާފީ އާއިމެދު ދޮންބެ ކަންތައް ކުރިގޮތް ޝީން ކިޔައިދީފި.. ދޮންބޭ، ރާފީއާއި ދެކޮޅަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިދީ.. ޕްލީޒް! އަހަރެން ދެކެ ބޭ އިންތިހާ ލޯބިވުމުގެ ސަޒާއަކީ ޖަލުގެ ތޭރިތަށް ކަމުގައި ނުހަދާ.. ރާފިއާއި ނުލައި ދިރިހުންނާނެ ގޮތެއް ނުވެސް ވިސްނޭ.." ކަރުނައިގެ ތެރެއިން ފަލަކް ބުނަމުން ދިޔައީ އޭނާގެ ހިތުގެ އަޑެވެ.
ޝައްޔާން އިސްޖަހައިލި އެވެ. ސިކުނޑީގައި ވަނީ ގަދަ ރުޅިއާއި ނަފްރަތުގެ އަލިފާނެވެ. ހިތުގައިވަނީ ނާއުއްމީދެވެ. ނަފުސުގައި ވަނީ، ބަލިކަށިކަމާއި އާރެއް ބާރެއް ނެތްކަމުގެ އިހްސާސެވެ.
..............
އޮރެންޖުގެ ގަދަކުލަތަކާއި ރަތާއި އަޅި ކުލައިން މުޅި ކާއިނާތު ބަބުޅާލާފައިވޭ އެވެ. ޖެހެމުންދިޔަ ވައިގެ އަޑު ވުޖޫދުގައި ދޭތެރެއަކުން ހިފައިލާ އެވެ. ފިނިފިނި ވައިރޯޅީގެ ސަބަބުން ޓެރަސްގައި ހިފާލާފައިވާ ފިނިކަން އިންސާނުންގެ ހަށިގަނޑަށް ލޮޅުން އަރުވާލާހައިވެ އެވެ.
ޝައްޔާން ހުރި ތަނެއް އޮޅުން ފިލުވައިގެން އަމާރާ، މިވަގުތު ހޮސްޕިޓަލުގެ ޓެރަސްއަށް އަންނާން ޖެހުނީ، ވާހަކަދެއްކުމަށް އެ ނޫން އެހެން މަގެއް ނުފެނުނީމަ އެވެ.
ޖެހެމުންދިޔަ ވައި ރޯޅި މައްލަވަ ކުރަމުން ދިޔައީ އަމާރާގެ މަޑުމަޑު އިސްތަށިގަނޑާ އެވެ. ކާއިނާތުގެ ސަމާސާއަށް މިވަގުތު އަމާރާގެ ޝައުގުވެރިކަމެއް ނެތެވެ. އަނދިރިވަމުންދިޔަ، މަންޒަރުގައި ޓެރަސްގެ ރެއިލިންގައި ހިފަހައްޓައިގެން ޝައްޔާން ފުރަގަސްދީގެން ހުރި މަންޒަރުގެ ހިތްގައިމުކަން، ދޮގުކުރާނެ ބާރެއް އަމާރާގެ ޖަޒްބާތުތަކުގައި ނެތެވެ. ނަމަވެސް އަމިއްލަ އިހްސާސާއި ޖަޒްބާތުގައި ތަޅުއަޅުވާފައި އަމާރާ ތެދުވެ އެ ހުރީ، އޭނާގެ ކޮއްކޮގެ ދިފާއުގަ އެވެ.
"ޝައްޔާން.." ހިމޭންކަމުގެ ތެރެއިން އަމާރާ ގޮވައިލި އެވެ.
އިވުނު އަޑާއެކު މަޑުމަޑުން ޝައްޔާން އެނބުރުނެވެ.
މިފަދަ މާހައުލެއްގައި، މިހައި ގާތުގައި މީގެކުރީން ދެމީހުން ބައްދަލުވެފައި ވަނީ، ލޯބީގެ އެންމެ ހިތްގައިމު ދުވަސްވަރު އެވެ.
ނަމަވެސް މިއަދު ދެމީހުންގެ މަގްސަދާއި މިސްރާބު ތަފާތެވެ. ހުއްޓި ތިބި މައިދާނުގައި ހަނގުރާމައަށް ނިކުތީ ދެމީހުންގެ ވެސް ކޮއްކޮގެ ހައްގުގަ އެވެ.
"އަމާރާ ބޭނުންވެގެން ތިއުޅެނީ ކޮން ކަމެއް؟" ގާތްކަމެއް ނެތް، ހަރުކަށި ސުވާލެކެވެ.
"ބޭނުމީ ވާހަކަ ދައްކަން.." ޝައްޔާން އާއި ގާތަށް ފިޔަވަޅެއް އަޅަމުން އަމާރާ ބުންޏެވެ.
"ފަލަކް ހޭ އަރައިފި... ލޯ ވެސް ހުޅުވައިފި.. ވަހަކަވެސް ދައްކަން ފަށައިފި.." އަމާރާ ވާހަކަދެއްކީ ކެއްތެރިކަމާއެކު އެވެ. ނަމަވެސް ޝައްޔާންގެ ކޯ ކަށިގަނޑު ހީވަނީ ދެންމެ ދެންމެ ބިންދައިގެން ހިނގައިދާނެ ހެނެވެ.
"ތިކަން އިނގޭ" ރުންކުރު ޖަވާބަކުން ޝައްޔާން ފުއްދާލި އެވެ.
"ރާފީ ދެކެ، ފަލަކް ވަރަށް ލޯބިވޭ" ފުން ނޭވާއެއްލާފައި އަމާރާ ބުންޏެވެ.
"ތިއީ އަހަންނާއި ބެހޭކަމެއް ނޫން.. ލޯތްބަކީ ނުވަތަ ލޯބި ވުމަކީ، އަނެއް މީހާ ހަދާލި ގޮތާއި ކަންކުރި ގޮތް، ފޮހެވިގެންދާނެ ކަމެއް ނޫން.."ޝައްޔާންގެ ޖުމުލަ އަމާޒުކުރީ ރާފީގެ ބޮލުގައި ތުހުމަތެއް އަޅުވަންކަން އަމާރާއަށް ޔަގީންވި އެވެ.
"ހަދާލި ގޮތާއި، ކަންކުރި ގޮތޭ..؟ ބޮޑު ތުހުމަތެއްގެ މައްޗަށް އަހަރެންގެ ކޮއްކޮ ހައްޔަރުކުރި މީހަކީ ޝައްޔާން.." އަމާރާގެ އަޑު ކުރިއަށްވުރެން ގަދަވި އެވެ.
"އޭނާއަށް އެންމެ އެކަށީގެންވާ ތަނަކީ އެއީ" ރަހުމެއް ނެތި ޝައްޔާން ބުނެލި އެވެ.
"ކީއްވެ؟ ފަލަކްއަކީ ޝައްޔާންގެ ކޮއްކޮކަށް އެނގުމުން، ފަހަތަށް ޖެހުމުގެ ސަޒާއަކީ ޖަލުގެ ދަގަނޑު ތޭރިތައް..؟" އަމާރާގެ އަޑު ދިޔައީ ގަދަވަމުންނެވެ.
" އެންމެ ހިނދުކޮޅަކަށްވެސް ރާފީ، ފަލަކްއަށް ބޭވަފާތެރި ނުވޭ..! ރާފީގެ އެ ނިންމުމުގެ ސަބަބަކީ ތިއީ..! ރާފީ ބިރުގަތީ ޝައްޔާން ދެކެ.. އޭނާ ބިރުގަތީ އަހަރުމެން ދެމީހުންގެ ސަބަބުން.." އަމާރާގެ އަޑު ދިޔައީ ގަދަވަމުންނެވެ.
ޝައްޔާންގެ މޫނުމަތީން ހިމޭންކަން ފެނުނު ހިނދުކޮޅެކެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި އޭނާގެ ހަށިގަނޑު ހަރު ހިލައަށް ބަދަލުވެއްޖެ އެވެ. (ނުނިމޭ)