އާލިއާގެ އަމިއްލަ ބްރޭންޑް "އެޑް-އަ-މައްމަ" ގެ ދަށުން ކުޑަކުދިންނަށް ހާއްސަ އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމަށް އޭނާ ވަނީ ނިންމައިފައެވެ. މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް އަދި ކުޑަކުދިންގެ ސިއްހަތަށް ރައްކާތެރިވާނެހެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެއް ކަމަށް އޭނާ ބުންޏެވެ.
މި އާ ކަލެކްޝަން ލޯންޗުކުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން އާލިއާ ބުނީ، އޭނާގެ ދަރިފުޅު ރަހާ ލިބުނު ފަހުން ކުޑަކުދިންގެ ހަންގަނޑަށް ބޭނުންކުރާ ތަކެއްޗާ މެދު ވަރަށް ބޮޑަށް ވިސްނާ ކަމަށެވެ. އެހެންކަމުން މި އުފެއްދުންތަކަކީ ގުދުރަތީ ތަކެތި ބޭނުންކޮށްގެން، ކުޑަކުދިންގެ ހަންގަނޑަށް ގެއްލުން ނުވާނެހެން ތައްޔާރުކޮށްފައިވާ ތަކެތި ކަމަށް އާލިއާ ބުންޏެވެ. މީގެ ކުރިން މި ބްރޭންޑުން ވިއްކަމުން ދިޔައީ ހަމައެކަނި ކުޑަކުދިންގެ ހެދުމެވެ.
އާލިއާގެ މި ވިޔަފާރިއަކީ މިހާރު އިންޑިއާގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ. ފާއިތުވި އަހަރު އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރިލަޔަންސް ރީޓެއިލް އިން ވަނީ މި ބްރޭންޑުގެ 51 ޕަސަންޓު ހިއްސާ ގަނެފައެވެ. މިކަމުގެ ސަބަބުން މި ބްރޭންޑުގެ އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.