ޑެއިލީ ނިއުސްއަށް ދެއްވި އިންޓަވިއުގައި މަސްއޫދު ކަންބޮޑުވުން ފާޅުކުރެއްވީ ދިވެހިންނަށް ވިސާ ހޯދުމަށް ލަންކާގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. އެގޮތަށް ކަންކަން ކުރަނީ، ރާއްޖެއަކީ ސަލާމަތީގޮތުން ރައްކާތެރި ގައުމެއްގެ ގޮތުގައި ލަންކާއިން ނުދެކޭތީ ކަމަށް ހީވާތީ، އެކަމާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުގައި ސުވާލުކުރުމުން އެކަމަށް މިހާތަނަށް ވެސް ޖަވާބެއް ނުލިބިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް މަސްއޫދު ފާޅުކުރެއްވި އެވެ.
މިކަން މިގޮތަށް ކުރިއަށްދާ ނަމަ، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނަން ދިވެހި ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ވެސް މަސްއޫދު ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ދާދިފަހުން ދެއްކެވި ވާހަކަތަކަކީ ވިސްނުންތެރިކަމެއް ނެތި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ވަގުތުން އޭނާ އަނބުރާ ގެންދިޔުމަށް ވެސް މީކާއިލް ގޮވައިލެއްވި އެވެ.
މި މައްސަލައިގައި ސަރުކާރުގެ ވިސްނުން އޮޅުންފިލުވައި ދިނުމަށް މީކާއިލް ވަނީ ފޮރިން މިނިސްޓަރު ހަލީލާއި ކުރެއްވުމަށް ހުށަހެޅުއްވި ސުވާލު ހިއްސާކުރައްވައިފަ އެވެ.
ލަންކާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން މަސްއޫދަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އޭނާ ވަނީ މިދިޔަ ހަފްތާގައި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ލަންކާ ސަރުކާރާއި ދެކޮޅު ޕާޓީއަށް ނިސްބަތްވާ ނަމާލް ރާޖަޕަކްސައާ ބައްދަލުކުރައްވާފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭ ޚާރިޖީ ގޮތުން ބޮޑެތި ގޯސްތަކެއް ހަަދާފައިވާއިރު، އެ ކަމުގެ ކަންބޮޑުބުން މި ދާއިރާގެ ބޭފުޅުން އަންނަނީ ފާޅުކުރައްވަމުންނެވެ. އިދިކޮޅުގައި އޮތްއިރު "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ކެމްޕޭނެއް ހިންގި ޕީއެންސީއަށް ޚާރިޖީ ދާއިރާގެ ގިނަ ބައެއްގެ ފާޑުކިޔުން އެ ކަމުގައި ވެސް އަމާޒުވި އެވެ.