ރާއްޖެއަށް ގޭސް އެތެރެކުރަން މޯލްޑިވް ގޭހުން ދުބާއީ ކުންފުންޏަކަށް 3.8 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ދެއްކުމުން ގޭސް ނުލިބި އެ ފައިސާ ގެއްލިފައިވާ މައްސަލަ އާއްމުކުރީ މިދިޔަ އޭޕްރިލްމަހުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްއެވެ. އެހެންނަމަވެސް ސިދާ ގެއްލުނީ ކިހާ ފައިސާއެއްކަމެއް ނާޒިމް ހާމައެއް ނުކުރެއެވެ.
އެ މައްސަލަ ރައްޔިތުން މަޖިލީހުން ބަލާ ދިނުމަށް މަޖިލިހަށް ހުށައެޅުއްވީ މާވަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ޝާކިރުއެވެ. އޭނާ މަޖިލިހުގެ ރައީސް އަބްދުއްރަހީމަށް ފޮނުއްވި ސިޓީގައި ވަނީ މޯލްޑިވް ގޭސްއިން އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ ގެއްލުމަކީ ސަރުކާރު ކުންފުންޏެއް މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްކަމުން އެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދިިނުމަށެވެ.
މީގެ އިތުރުން އެކަމުގެ ވާހަކަ މަޖިލީހުގެ ބައެއް މެމްބަރުން ދެެއްކުމުން މޯލްޑިވްސް ގޭސް ގެ މޭނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދު އެ މެމްބަރުންނަށް ބިރުދެއްކުން ދޭހަވާ ފަދަ ގޮތަކަށް ޕޯސްޓެއް ކުރައްވާފައިވާކަމަށް ވިދާޅުވެ އެ މައްސަލަވެސް ބަލާ ދިނުމަށް މާވަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ޝާކިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ފޮނުވި ސިޓީގައިވެއެވެ.
މޯލްޑިވް ގޭހުގެ ފައިސާ ވީ ނުވީއެއް ނޭނގި ގެއްލުނު މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުންވެސް ވަނީ ކުރިން ބުނެފައެވެ. އަދި އެ އިދާރާއިން ތަހުގީގު ކުރަނީ މޯލްޑިވް ގޭހުގެ މަނީ ލޯންޑަރިން މައްސަލައެއްކަމަށެވެސް ފުލުހުން އޭރު ބުނިއެވެ. އެހެންނަމަވެސް އެ މައްސަލައިގެ ތަފްސީލެއް މިހާތަނަށް ފުލުހުން ދީފައެއް ނުވެއެވެ.