ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑު އެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލައިގެ ބެންޗު މިހާރުވަނީ ބަދަލުކޮށްފައެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ބަދަލުވީ، އެ މައްސަލައިގެ ރިޔާސަތު ކުރިން ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން ޝަހީދުގެ ބަދަލުގައި އަބްދުﷲ ޖަމީލް މޫސާ ހިމެނުމުންނެވެ. ޝަހީދުއަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.
މިއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ތެރެއިން އުފަންވި ކޭސްއެއްގެ އިސްތިއުނާފު އަޑު އެހުމެކެވެ.
އެންމެ ފަހުން މި މައްސަލައިގެ އަޑު އެހުމެއް އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.