ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އިބޫ ވިދާޅުވީ ސަރުކާރުން ކުރިމަތި ކުރުވާ ދަތިތައް އެބަހުރި ކަމަށާއި ނަމަވެސް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.
މިއަދު މެންދުރު 2:30ގައި ފަށައިގެން މިރޭ 8ގެ ނިޔަލަށް ވޯޓުލުން ކުރިއަށް ގެންދާ މި ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް އޮތީ މާލޭ މޭޔަރުކަމުގެ ޓިކެޓެވެ. އެ މަގާމަށް ވާދަ ކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އެވެ.
ޕްރައިމަރީގެ ވޯޓަށް ފަހު، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް ސޯލިހް ބާރުއެޅުއްވިއިރު، އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެތައް ދުވަހަކަށް ފަހު، މިދިޔަ މަހު ރަސްމީކޮށް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުން ބޭއްވީ ދެ ރައީސުންގެ ހިޔާލުތައް އެއްގޮތް ކުރުމަށް ކަމަށް އޭރު ވިދާޅުވެފައިވެ އެވެ.