ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

Advertisement
ހައުސިން މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯއްޗަށް އެދި މާދަމާއިން ފެށިގެން ހުށަހެޅޭނެ ކަމަށެވެ.
ގޯއްޗާއި ފްލެޓަށް އެދި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުޅުވާލަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން ފެށިގެންނެވެ.
ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން 7،900 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.
ބިން ދޫކުރަން ހަމަޖެހިފައިވާ ގޮތް
މާލޭގެ ރަށްވެހިންނަށް 10،000 ބިން ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 7،000 ބިމަކީ އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ދޫކުރާ ބިމެވެ. 1،000 ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. އަދި 2،000 ބިން ދޫކުރަނީ ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން ދޫކުރާއިރު މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމްވެފައިވާ މީހުންނަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ބިން ދޫކުރަން ވަނީ ނިންމާފަ އެވެ.
ހައުސިން ޔުނިޓް ދޫކުރަން ހަމަޖެހިފައިވާ ގޮތް
މާލޭގެ ރަށްވެހިން 4،000 ޔުނިޓް ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 2،200 ޔުނިޓް ދޫކުރަނީ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
ވިލިނގިލީ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 300 ފްލެޓް ދޫކުރާއިރު މާލޭ ރަށްވެހިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 1،000 ފްލެޓް އަދި ފަހުން މާލޭ ގެއެއްގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 500 ފްލެޓް ދޫކުރަން ވަނީ ނިންމާފަ އެވެ.
މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ މީހުންނަށް 1،500 ފްލެޓް ދޫކުރަން ނިންމާފައިވެ އެވެ.
ހާއްސަ ކެޓަގަރީތަކުން ހައުސިން ޔުނިޓް ދޫކުރަން ހަމަޖެހިފައިވާ ގޮތް
- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން - 100 ޔުނިޓް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް - 100 ޔުނިޓް
- އަލަތު ކައިވެނި ކުރާ ފަރާތްތައް/ ޒުވާން އާއިލާތައް - 250 ޔުނިޓް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް - 50 ޔުނިޓް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން - 200 ޔުނިޓް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝިއަރީގެ މުވައްޒަފުން - 100 ޔުނިޓް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް - 100 ޔުނިޓް
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް - 50 ޔުނިޓް
- ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތައް - 500 ޔުނިޓް
- ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް - 50 ޔުނިޓް
- ދިވެހިންގެ ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން - 100 ޔުނިޓް
- މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުން - 100 ޔުނިޓް
- ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުން - 200 ޔުނިޓް
- މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން - 100 ޔުނިޓް
މީގެ އިތުރުން 22 އިދާރާއަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް 400 ޔުނިޓް ވަނީ ހާއްސަކޮށްފަ އެވެ.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
- ރައްޔިތުންގެ މަޖިލީހުގެ އިދާރާ
- އެޓާނީ ޖެނެރަލްގެ އޮފީސް
- ފޮރިން ސަރވިސް
- ޖުޑިޝަލް ސަރވިސް ކޮމިޝަން
- އިލެކްޝަންސް ކޮމިޝަން
- ސިވިލް ސާރވިސް ކޮމިޝަން
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
- އެންޓި ކޮރަޕްޝަން ކޮމިޝަން
- އޮޑިޓާ ޖެނަރަލް އޮފީސް
- ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް
- މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
- މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
- ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
- މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
- ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
- ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީސް
- ވަޒީފާއާބެހޭ ޓްރައިބިއުނަލް
- ލޯކަލް ގަވަމަންޓް އޮތޯރިޓީ
- ޓެކްސް އެޕީލް ޓްރައިބިއުނަލް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ މާދަމާ އިން ފެށިގެން އެޕްރީލް 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.