ކޮމިޝަނުން ބުނީ އިންތިހާބުވެ ކަންކަން ކުރިއަށްދާ ގޮތް ބަލަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެކަމަށް އެދި އެޕްލައި ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ފުރުސަތު އޮންނާނީ ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާޢަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކި ވަކި ފަރުދުންނަށް ކަމަށް އީސީން ބުންޏެވެ.
ކޮމިޝަނުން ބުނީ އިންތިޚާބު އޮބްޒާވް ކުރަން ހުށަހެޅޭނީ 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.
އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އީސީން ވަނީ އިއްޔެ ހުޅުވާލާފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އެޕްލިކޭޝަން ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދީފައިވާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ. އީސީގެ ޕޯޓަލްއިން ދައްކާ ގޮތުގައި މިހާތަނަށް 300 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.