މިއީ، އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާއި، ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭ.އައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހިންގާ ހެކަތޯންއެކެވެ.
އެ ހެކަތޯންއާ ގުޅޭގޮތުން ސްޕާކްހަބްގެ ސީއީއޯ އަދި ކޯ ފައުންޑާ ހުސައިން ޖިނާން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ވެސް އާ ވިޔަފާރިވެރިން ދަނީ އޭއައި ބޭނުންކޮށްގެން ހަލުވިކަމާއެކު ޕްރޮޑަކްޓްތައް އުފައްދަމުން ކަމަށެވެ. އެހެންވެ، އާންމު ހެކަތޯންތަކާ ތަފާތުކޮށް ކުރިއަށްގެންދާ ޖެންއޭއައި ހެކްގެ އަމާޒަކީ ހަމައެކަނި ކޮންސެޕްޓްތަކެއް ހުށަހެޅުމުގެ ބަދަލުގައި އަސްލު ޕްރޮޑަކްޓްތަކެއް އުފައްދައި، އެ ތަކެތި ތައާރަފްކުރުމަށް އެހީތެރިވުން ކަމަށް ވިދާޅުވި އެވެ.
ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ޖެނެރޭޓިވް އޭއައި ހަލުއިކަމާ އެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި، މި ވަސީލަތްތައް ބޭނުންކުރުމަށް ވީހާ ވެސް ގިނަ ބަޔަކު އަހުލުވެރިކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ހެކަތޯނުން ޒުވާނުން އެއް ތަނަކަށް ގެނެސް، 48 ގަޑިއިރުގެ ތެރޭ އެ ފަރާތްތަކުގެ ޚިޔާލުތައް ޖެނެރޭޓިވް އޭއައި ޕްލެޓްފޯމުތައް މެދުވެރިކޮށް ހަގީގީ އުފެއްދުންތަކަށް މަދު ވަގުތުކޮޅެއްގެ ތެރޭ ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމަށް، ދިރާގުން ބުންޏެވެ.
މީގެ އިތުރުން ޕްރޮޑަކްޓުތައް އުފެއްދުމުން ފެށިގެން ތައާރަފްކުރުމާ ހަމައަށް އޭއައި ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެހީތެރިކަން ލިބިގެން ދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ، އެހެން ހެކަތޯންތަކާ ހިލާފަށް މި ހެކަތޯން ކުރިއަށްދާނީ އާންމުކޮށް ހުޅުވާލެވިފައިވާ އޯޕަން ކެޓަގަރީ ފޯމަޓަށް ކަމަށާއި، ހެކަތޯންގެ ބައިވެރިން އުފައްދާނީ މި ހެކަތޯނަށް ހާއްސަކޮށް އަލަށް އުފައްދާ ޕްރޮޑަކްޓްތައް ކަމަށެވެ.
މި ހެކަތޯންގައި ބައިވެރިވާ ޓީމުތަކުން އުފައްދާ ޕްރޮޑަކްޓްތަކުގެ ހިޔާލު ހުށަހެޅުމުގެ ކުރިން، އެ ޓީމުތަކުން އުފައްދާ ޕްރޮޑަކްޓްތައް އާންމުންނަށް ތައާރަފްކުރަން ޖެހޭ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ބުނިގޮތުގައި، "ކޮންސެޕްޗުއަލް ޑެމޯ"، ނުވަތަ އެ ޕްރޮޑަކްޓެއް މަސައްކަތްކުރާ ގޮތް ދައްކާލުމުގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފްކުރާ ފުރިހަމަ ޕްރޮޑަކްޓަށެވެ.
ޖެންއޭއައި ހެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުން އަށް ވަނަ ދުވަހަށެވެ. އެ ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 3 އާއި 5 މެމްބަރުންގެ ޓީމްތަކަށް ހުޅުވާލައިފަ އެވެ. އެ ފުރުސަތު، އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. މި ހެކަތޯންގައި https://genaihack.io/ އިން ބައިވެރިވެވޭނެ އެވެ.