މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ދާއިރާގެ ހަމަޖެހުމުގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ހާއްސަ އިސްކަމެއް ދެވޭނެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުންތަކުގައި، ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތާއި، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އޯޕެކް ފަންޑުން ވަނީ އެ ފަންޑުގެ ސިޑްސް އިނީޝިއޭޓިވް އަދި ގްރީން-ބްލޫ ކަނެކްޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މިއަދު ސޮއިކުރެވުނު އާ އޮނިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އޯޕެކް ފަންޑާއެކު ކުރެވޭ މަސައްކަތްތަކަށް މަގުދައްކައިދީ، ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ ހަރުދަނާ، ދެމެހެއްޓެނިވި އިގުތިސާދެއް ބިނާކުރުމަށް މުހިންމު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.