ads
ވެލިދުއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަނުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު
ސީޕްލޭން ދަތުރުތަކާއެކު ވެލިދޫގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: ސައީދު
ނ.ވެލިދޫއާއި މާލޭގެ މެދުގައި ސީޕްލޭން ދަތުރުތައް ފެށުމާ ގުޅިގެން އެ ރަށުގެ ފަތުރުވެރިކަމާއި ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ވެލިދުއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަނުން މިއަދު މެންދުރު ފަހު ވަނީ އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މޯލްޑިވިއަންގެ އިސްވެރިން އަދި ވެލިދު އާއި އެ ރަށާ ކައިރީގައި އޮންނަ ފޮއްދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ވެލިދޫއަށް ސީޕްލޭން ހިދުމަތް ތައާރަފުކުރެވި ފެށިގެންދިޔައީ، ކަނޑު މަގުންނާއި ވައިގެ މަގުން ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އިސްކަންދެއްވައިގެން ކުރަވައްމުން ގެންދަވާ މަސައްކަތްޕުޅު ކަމަށެވެ. 

ރައީސް ވަރަށް ގާތުން ބައްލަވައިގެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދެވި މި މަސައްކަތުގެ ސަބަބުން ނ.ވެލިދޫ ރައްޔިތުންނާއި، އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މެހެމާނުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ސައީދު ވިދާޅުވި އެވެ. 

ވެލިދުއަށް ސީޕްލޭންގެ ހިދުމަތް މި މަހު ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.

ރައީސް އެ ދުވަހު ވިދާޅުވީ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފިނޮޅުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމަށް ކަނޑައަޅާފައި ވިޔަސް، ވެލިދުއަށް ހާއްސަކޮށްގެން ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން މިހާރު އަންނަނީ ބ. ފުޅަދު އާއި ފެހެންދު, ގޮއިދޫ, ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ދެމުންނެވެ. އަދި އއ. ތޮއްޑުއަށް ވެސް އަންނަ މަހު ސީޕްލޭންގެ ހިދުމަތް ފަށަން ވަނީ ނިންމައިފަ އެވެ.

ވެލިދުއަށް މިއަދު ފެށި ސީޕްލޭން ދަތުރުތަކުގެ ޓިކެޓް އަގަކީ ދިވެހިންނަށް ކޮޅަށް 999 ރުފިޔާ އަދި ޓޫރިސްޓުންނަށް ކޮޅަށް 93 ޑޮލަރެވެ. ސީޕްލޭންގެ ހިދުމަތް ވެލިދޫގައި ފެށުމާއެކު މިއަދު މެންދުރު 2:40 ގައި ފުރަތަމަ ފްލައިޓް ވަނީ މާލެ ގޮސްފަ އެވެ. އެ ފްލައިޓުގައި 15 ފަސިންޖަރުން ވަނީ ދަތުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް