ޓްރަމްޕް މި އިންޒާރު ދެއްވާފައިވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތު ސޯޝަލްގައި ނެރުއްވި ބަޔާނެއްގައެވެ.
ޓްރަމްޕް ވިދާޅުވީ ޗައިނާގެ މުދާތައް އެމެރިކާއަށް އެތެރެކުރުމަށް ބޭނުންކުރާ ދޮރާއްޓަކަށް ކެނެޑާ ވެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ. އަދި ކެނެޑާއިން ޗައިނާއާ އެކު ޑީލެއް ހަދައިފިނަމަ، އެމެރިކާއަށް އެތެރެކުރާ ކެނެޑާގެ ހުރިހާ މުދަލަކާއި އުފެއްދުންތަކުން ވަގުތުން 100 ޕަސަންޓު ޓެރިފް ނަގަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޕޯސްޓުގައި ޓްރަމްޕް ވަނީ ކެނެޑާގެ ޕްރައިމް މިނިސްޓަރު މާކް ކާނީއަށް ނިސްބަތްކުރައްވައި "ގަވަރުނަރު" ގެ ނަމުން މުހާތަބު ކުރައްވާފައެވެ.
މި ދެ ގައުމުގެ ގުޅުން ގޯސްވެފައިވަނީ ކެނެޑާގެ ޕްރައިމް މިނިސްޓަރު މާކް ކާނީ ޑަވޯސްގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ފޯރަމްގައި ކާނީ ވަނީ ޓްރަމްޕްގެ ސިޔާސަތުތަކަށް ނުސީދާކޮށް ފާޑުވިދާޅުވެ، ބޮޑެތި ބާރުތަކުގެ ނުފޫޒާއި އިންޒާރުތަކުން ސަލާމަތްވުމަށް ދުނިޔޭގެ މެދު ފަންތީގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. މީގެ ރައްދުގައި ޓްރަމްޕް ވަނީ ކެނެޑާ ދެމިއޮތީ އެމެރިކާގެ ސަބަބުން ކަމަށް ވިދާޅުވެ، ކާނީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ކެނެޑާއިން ދާދި ފަހުން ވަނީ ޗައިނާއާ އެކު ސްޓްރެޓެޖިކް ޕާޓްނަޝިޕެއް އިއުލާނުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކެނެޑާގެ ދަނޑުވެރިކަމުގެ ބާވަތްތަކުން ޗައިނާއިން ނަގާ ޓެރިފް ކުޑަކުރާއިރު، އޭގެ ބަދަލެއްގެ ގޮތުން ޗައިނާގެ 49،000 އިލެކްޓްރިކް ވެހިކަލް ކެނެޑާއަށް އެތެރެކުރުމުގެ ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާ ގުޅިގެން ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.