"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެންބަރު މަހުގެ 16ވަނަ ދުވަހު އެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފަ އެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ޝަރުތު ކަނޑައަޅާފައިވާ ގޮތާ މެދު އާންމުންގެ މެދުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި މިނިސްޓަރު މުއްތަލިބް އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ސަރުކާރުން އަލަށް ތައާރަފުކުރި "އާއިލީ ބޯހިޔާވަހިކަން" މަޝްރޫއުގެ ދަށުން ފުރުސަތު ދިނުމުގައި އެންމެ އިސްކަން ދޭނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ކަމަށެވެ.
ބޯހިޔާވަހިކަމަކީ ބޯނަހެއް ނޫން ކަމަށާއި އެއީ ތައުލީމާއި ވަޒީފާ ފަދަ އެންމެހާ ކަންކަމެއްގެ ފަށާ ހިސާބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ ސޯޝަލް ހައުސިން މަޝްރޫއުތަކާއި ގޯތި ދިނުމުގެ މަޝްރޫއުތަކާއެކު، ކޮންމެ އާއިލާއަކަށް މަދުވެގެން އެއް ބޯހިޔާވަހިކަން ކަށަވަރުވުމުން މި ސިޔާސަތުތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.