ads
ނޭނގި ހިތް ގެއްލުނީ - 65 ވަނަ ބައި
އެޕިސޯޑް 65
Advertisement

އެޕާޓްމެންޓް ދޮރު ހުޅުވުމާއެކު އެންމެންގެ ސަމާލުކަން ހުއްޓުނީ އިވުނު އަޑަށެވެ. 

އުފާވެރިކަމާއެކު ދުވެފައި އައިސް ކިސްވާ އޮޅުލައިގަތީ އަމާރާގެ އުނަގަނޑުގަ އެވެ. 

މަޑުމަޑު ފިޔާތޮށި ކުލައިގެ ނަލަ ހެދުމެއްގައި ހުރި، ލޯބިލޯބި ދަރިޔަކު އައިސް، މަންމާއޭ ކިޔާފައި މުހާތަބް އެ ކުރީ އަމާރާ އަށެވެ. ހިފައިގެން ހުރި ތަށި ބަހަށްޓާފައި އަމާރާގެ އަތުގެ ތެރޭގައި ކިސްވާ ބޮނޑިކޮށްލެވުނީ، އެތަނުގައި ފަލަކް ހުރިކަންވެސް ހަނދާން ނެތި އެވެ.

ފާއިތުވި މަހެއްހައި ދުވަހު ކިތަންމެ ފަހަރަކު ރާފީގެ ގެއަށް އާދެވިފައި ވިޔަސް، އެ ގޭގައި ކުޑަ ކުއްޖަކު އުޅޭކަން ފަލަކްއަށް އެނގިފަ އެއް ނެތެވެ. 

ފެންނަމުން ދިޔަ ލޯބި މަންޒަރަށް ގެއްލިފައި ހުރެވުނު ސަބަބަކީ އެއީ އެވެ.

"އެއީ ކޮން ކުއްޖެއް..؟" ކިސްވާއާއި އަމާރާއަށް ބަލައިލާފައި ސުވާލުކުރީ ފަލަކް އެވެ.

ފަލަކްގެ ސުވާލަށް ޖަވާބު ނުދެވެނީސް، ބާރަށް ދޮރު ހުޅުވާލާފައި އެތެރެއަށް އެވަނީ ސަބާ އެވެ. ކިސްވާ ގެއަށް އަންނަށް ބޭނުންވެއްޖެކަމަށް ބުނެފިނަމަ، ނުގެނެސް ބެހެއްޓޭނެ އެހެން ގޮތެއް ނޯންނާނެކަން އެންމެ ރަގަޅަށް އެނގޭނީ ކިސްވާގެ މަންމައާއި މާމަ އަދި ބޮޑުބެއަށެވެ. ނުތަނަވަސްކަމާއެކު ނިއްކުރީގައި ހިފަހަށްޓާލި ސަބާއަށް، ހަމަޖެހިލުމަށް ރާފީ އިޝާރާތްކުރި ސަބަބަކީވެސް އެއީ އެވެ. 

"ސަބާ ގެއަށް ދިއަޔަސް އެންމެ ރަގަޅު.." ރާފީ އިޒުނަދިނީ ސަބާ، ގެއަށް ދިއުމަށެވެ.

ވާނުވާ ނޭގިފައި ފަހަރަކު މީހަކަށް ބަލަމުން، ނިއްކުރިއަށް ރޫ އަރުވާލާފައިވާ ފަލަކްއަށް ބަލައިލާފައި ރާފީ ހީނލީ ނުތަނަވަސްކަމާއެކު އެވެ.

"އެއީ ކިސްވާ، ދޮންތަގެ ދަރިފުޅު.." ރާފީ ބުނެލީ އާދައިގެ ގޮތަކަށެވެ. ޖަވާބު ދޭންޖެހޭނީ ކިތަށް ސުވާލަށްކަމެއް ނޭގުނަސް، ޒިންމާ ނަގަންޖެހޭނެ ސުވާލުތަކުގެ ބުރަދަން ރާފީއަށް އަންދާޒާ ކުރެވުނެވެ.

"ވަޓް..؟ ދޮންތަގެ؟ ދޮންތަގެ ކުއްޖަކު ހުރޭތަ..؟ އެއީ ކިހިނެއް ވީ ކަމެއް..؟ ދޮންތަގެ ކުއްޖަކު ހުންނަކަމެއް އަހަރެން ނުދެނަހުރިން..؟" އަންތަރީސްވެފައި ފަލަކްގެ ސުވާލުތަށް އަމާޒުކުރީ ރާފީއަށެވެ.

"ކިސްވާގެ މަންމަ ޕްރިޓީކަމުން އެއްވެސް މީހަކު ގަބޫލެއް ނުކުރޭ، ކިސްވާގެ މަންމައަކީ ޑޮކްޓަރ އަމާރާކަމެއް" ރާފީގެ އަނގަހުޅުވާލި ވަގުތު ފަލްކައަށް ޖަވާބު ދިނީ ކިސްވާ އެވެ.

"ކިސްވާގެ މަންމަ ވަރަށް ވަރަށް ޕްރިޓީ.. އެކަމަކު މަންމައަށް ވުރެންވެސް ކިސްވާ މާ ޕްރިޓީ.. ދެމީހުން ވަރަށް ވައްތަރު" ކަޅި ޖަހައިނުލައި ފަލަކް ބަލަމުންދިޔައީ ކިސްވާގެ ލޮލަށެވެ. ބުނެދޭން ނޭގޭ ޖަޒްބާތުތަކެއް ކިސްވާގެ ލޮލުން ފަލަކްއަށް ދިޔައީ އަމާޒުވަމުންނެވެ. ކުޑަކުޑަ ކިސްވާގެ މޫނަށް ފަލަކް ބަލަމުންދިޔައީ ތަފާތު ނަޒަރަކުންނެވެ. 

ކިސްވާއަށް ފަލަކް، އަދި ފަލަކްއަށް ކިސްވާ ތައާރަފްކޮށްދިން މިއީ ފުރަތަމަ ފަހަރެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކިސްވާއާއި ފަލަކްއާއި ދެމެދު އެކުވެރިކަމުގެ ލޮބުވެތި ގުޅުމެއް އުފެދިއްޖެ އެވެ. 

ކިސްވާގެ އެންމެ މަގުބޫލް ކުޅޭއެއްޗެހި ދައްކާލުމަށް ފަލަކްގެ އަތުގައި ހިފައިގެން ކިސްވާގެ ކޮޓަރިއަށް ގެންދިޔައީ ދެމީހުންގެ ދެމެދު މާބޮޑަށް 'ރަހްމަތްތެރިކަން' އުފެދުނީތީ އެވެ.

ބޮޑުދައިތަގެ އަތުގައި ހިފާލައިގެން ލޯބިކޮށް ވާހަކަދައްކަމުން ދިޔަ މަންޒަރު ބަލަން، އަމާރާއާއި ރާފީ ތިބީ، ކުރިމަތިވާނެ ތޫފާނަށް ތައްޔާރުވާނެ ގޮތެއް އަންދާޒާ ކޮށްލާންވެސް ނޭގިފަ އެވެ.

.............

"ފަލަކް، އަހަރެންގެ ހަޔަތުގެ އެންމެ ބޮޑު ސުވާލަށް ޖަވާބު ދޭން މިރޭ، އަހަރެން ތައްޔާރު.." ފަލަކްގެ އަތުގައި ހިފަހައްޓާލާފައި ރާފީ ބުނެލީ، އިސްޖަހައިލާފަ އެވެ. ރާފީ އެބުނި އެއްޗެއް ނުވިސްނުމުން، ފަލަކް ބަލައިލީ ރާފީގެ މޫނަށެވެ.

"ތިއީ ޝައްޔާން ޔޫސުފް ރައިޒާދްގެ ކޮއްކޮކަން އެނގުނު ވަގުތު އަހަރެން ފަލަކް ދޫކޮށްލީ ކީއްވެތޯ އޮޅުންފިލުވަން، މިއަދުވެސް ފަލަކް ބޭނުން ދޯ..؟" 

ރާފީގެ އަޑާއި ހަށިގަނޑާއި މޫނަށް އައި ބަދަލު އިހްސާސްކުރެވުމުން، ފަލަކްގެ ކަނދުރާއިން ހީނބިހި ހިލުވާލި އެވެ. އާއެކޭ ބުނުމަށް ބޮލުގެ އިޝާރާތް އިސްކުރެވުނީ ފަލަކްގެ އިޚްތިޔާރުގައި ނޫންކަން ރާފީއަށް ޔަގީނެވެ. ފަލަކްގެ ފިނިވެފައިވާ ދެ އަތް، ރާފީގެ އަތުގެ ތެރޭގައި ބޮނޑިކޮށްލި އެވެ. ވާހަކަ ކުރިއަށް ގެންދިއުމަށް، އޭނާވެސް ހަކަތަ ބޭނުންވި އެވެ.

"އެއީ، ދޮންތައާއި ކިސްވާއަށް ޓަކައި އަހަރެން ނެގި ފިޔަވަޅެއް..! ކިސްވާއަކީ ހަމައެކަނި އަހަރެންގެ ދޮންތަގެ ދަރިއެއް ނޫން.." ރާފީގެ އަޑު ކުރެހުމުން، އިތުރު ހައިރާންކަމެއް މިފަހަރުވެސް ލިބުނީ ފަލަކްއަށެވެ.

'ކޮންމެ ދަރިއެއްގެ، މަންމައަކާއި ބައްޕައެއް ވާނެކަން ފަލަކްއަށްވެސް އެނގޭނެކަން، ރާފީ ދަންނަންވާނެ އޭ' ބުނާފަދައަކުން ރާފީގެ މޫނަށް ފަލަކް ބަލައިލި އެވެ. 

"ކިސްވާއަކީ އަހަރެންގެ ދޮންތަ އާއި ފަލަކްގެ ދޮންބެ ގެ ދަރިއެއް..!" ވަރަށް އުނދަގުލުން ރާފީ ބުނެލި އެވެ.

ފަލަކްގެ ފައިދަށުން ބިންގަނޑު ދެމިގަތްފަދަ އެވެ. ދެ ކަންފަތް ބަށްވެ، ބޮލަށް އެނބުރުން އެރި އެވެ.

"ވަޓް..؟ ރާފީއަށް ތިޔަ ބުނެވުނު އެއްޗެއް އަމިއްލަ ކަންފަތަށް އިވުނުތަ؟"

ރާފީގެ އަތުގެ ތެރެއިން އޭނާގެ އަތް ދަމައިގަތެވެ. ނިއްކުރިން ދާ ބޮކިތަށް ހިއްލާލުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. ހާސްވެގެން ފަލަކް ތެޅިގަތެވެ. 

ހިމޭންކަމުގެ ހިނދުކޮޅެކެވެ. 

"މޮޔައެއް ފަދައިން އަހަރެންގެ ދޮންތަ، ޝައްޔާންދެކެ ލޯބިވީ، މީގެ ހަތް އަހަރުކުރީން..! އެ ނޫނީ ދުވަހަކުވެސް ލޯބީގެ ގޮތުން، އެއްވެސް މީހަކާ، އެއްވެސް މިންވަރެއްގެ ގުޅުމެއް ދޮންތަ ނުބާއްވާ..! އެ ދެމީހުން ދެމެދުގައި ރަގަޅަށް ލޯބީގެ ގުޅުން ނުވެސް ފެށެނީސް، ދޮންތައަށް ޝައްޔާން ހުށަހެޅީ ކައިވެނި.. ފަލަކް މަންމަގެ ނުފޫޒުން ކޮންމެ ވަގުތެއްގައިވެސް، މަންމަ ބޭނުން އާއިލާއެއްގެ ކުއްޖަކާ، ޝައްޔާން ކައިވެނި ކުރުވާފާނެ ކަމަށްބުނެ، ދޮންތަގެ ބޮލަށް ވަދެގެން މުމްބާއީއަށް ގެންގޮސް، ވަގަށް ކައިވެނީކުރީ އަހަރުމެން އެއްވެސް މީހަކަށް އަންގާނުލާ..!" ރާފީގެ އަޑު ތުރުތުރުލާންފެށީ، ނަފްރަތާއި ރުޅީގެ ސަބަބުންކަމެއް ނުވަތަ އޭނާއަށް ކޮށްފައިވާ ހިތްދަތިކަމުގެ އަސަރުންކަމެއް ފާހަގަކުރާކަށް، ފަލަކްއަކަށް ނޭގުނެވެ. 

"ކައިވެނީގެ އެއްވެސް ލިޔެކިޔުމެއް ދޮންތަ އަތަކު ނެތް..! މުޅި ދުނިޔެއަށް ކައިވެނި ސިއްރުކުރުމަށް ދޮންތަ ލައްވައި ޝައްޔާން ހުވާ ކުރުވީ، ޝައްޔާންއާއި ފިލްމް ކުންފުންޏަކާއި ދެމެދު ކުރެވިފައި އޮތް އެއްބަސްވުމެއް ދޮންތައަށް ދައްކައިގެން..! އެ ކުންފުނީން ޝައްޔާންއަށް ދީފައިވާ ފައިސާގެ އަދަދަކީ ނިސްބަތުން، ވަރަށް ބޮޑު އަދަދެއް..! އެ އެއްބަސްވުމުގައި އޮންނަ ގޮތުން، ސޮއިކުރާ ތާރީހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުތެރޭގައި ޝައްޔާން ކައިވެނިކޮށްފިނަމަ، އެ އެއްބަސްވުމާއި ހިލާފްވީކަމަށް ބަލައި، ފަސްއަހަރުގެ ޖަލު ހުކުމަކާއި ބޮޑު އަދަދަކުން ޖޫރިމަނާއެއް ޝައްޔާންގެ މައްޗަށް ކުރެވޭގޮތަށް އޮންނަނީ..!" ފުންކޮށް ނޭވާއެއް ލުމަށްފަހު ރާފީގެ ދެ ލޯ މަރައި ތަގުޅިކޮށްލި އެވެ. 

އޭނާގެ މަންމަފަދަ ދޮންތަގެ ކަރުނަ، ދެ ލޮލުގެ ކުރިމަތީން ސާފުކޮށް ފެންނަމުންދިޔަކަން ފަލަކްއަށްވެސް އެވަގުތު ޔަގީންކުރެވުނީ، ރާފީގެ މޫނުން ފެންނަމުންދިޔަ ހިތްދަތި އަސަރުތަކުންނެވެ.

"އެ ދެމީހުންގެ ކައިވެނީގެ ހަގީގަތް އެނގޭނީ އަހަރެންނާއި ޝައްޔާންގެ ވަފާތެރި 'ޕަޕެޓް' ތަސްކީންއަށް، އެކަނި..! އަހަރެން ގާތުގައިވެސް އެ ވާހަކަތަށް ދޮންތަ ބުނީ، ކިސްވާއަށް ބަނޑުބޮޑުވެ، އެވާހަކަ ނުބުނެ ނުވެގެން.. މަންމައާއި އަހަންނަށްވެސް ޔަގީންކަށް އޮތީ، ކައިވެނިން ބޭރުން އެވަރުގެ ބޮޑު ފާފައެއް ދޮންތަ ދުވަހަކުވެސް ނުކުރާނެކަން.." ދައްތައަށްޓަކައި ފަހުރުވެރި ކޮއްކޮއަކު ފަދައިން ރާފީ ބުނެލި އެވެ.

"ހޭލުންތެރި މުޖުތަމައެއްގެ، ތައުލީމީ ޒުވާނަކަށްވެ ހުރެވެސް، ޝައްޔާން ފަދަ މަކަރުވެރިއެއްގެ މަޅީގައި ދޮންތަ ޖެހެން މަޖުބޫރު ކުރީތީ، އަދިވެސް އަހަރެންގެ ނަފްރަތް، ޝައްޔާންގެ މައްޗަށް އެބައޮތް..! ހިޔެއް ނުވޭ ދުވަހަކުވެސް އަހަރެންގެ މި ހިތުން ޝައްޔާންއަށް މައާފް ދެވޭނެހެނެއް.." މޭގައި ބާރަށް ޖަހައިލަމުން ރާފީ ބުނެލީ އަސަރާއެކު އެވެ. 

ރާފީގެ އަޑާއި ރާގު ބަދަލުވަމުންދިޔައީ ނަފްރަތާއި އަލިފާނުގެ ތޫފާނަކާއި ދިމާއަށެވެ. އެއީ ރާފީއަށް ދުވަހެއްގައިވެސް ހަނދާން ނައްތާލެވޭނެ މާޒިއެއް ނޫނެވެ.

"ދެން.. ޒަޔާނާ..؟" ހައިރާންވެފައި ފަލަކްއަށް ކުރެވުނީ އެންމެ މުނާސަބް ސުވާލެއް ނޫނެވެ. ނަމަވެސް އެފަދަ ވަގުތެއްގައި ދޫ މައްޗަށް އެންމެ ފުރަތަމަ ނެގެވޭނީވެސް ހަމަ އެ ނަމެވެ. 

އިވުނު ނަމާއިއެކު ރާފީ ދަތްކުނޑިވިކާލި އެވެ. 

"ހުރިހައި ކަމެއް ގޯހުން ގޯހަށް ދިޔައީ އެ ހިސާބުން..! (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް