ads
ބެލެނިވެރިއެއް ކަންބޮޑުވެފަ
"މާ ބޮޑަށް ލޯބިން" ކުދިން ހަލާކުވަނީތަ؟
ޒަމާން ބަދަލުވެ، ކުދިން ތަރުބިއްޔަތު ކުރުމުގެ ވައްޓަފާޅިއަށް އައި ބަދަލާ އެކު، ގިނަ މައިންބަފައިން މިހާރު އިސްކަންދެނީ ކުދިންނާ "ރަހުމަތްތެރި" ގުޅުމެއް ބާއްވާށެވެ. އަޑުލުމާއި އަދަބު ދިނުމުގެ ބަދަލުގައި "ޖެންޓަލް ޕޭރެންޓިންގ" ގެ ނަމުގައި ކުދިންގެ އިހުސާސްތަކަށް އިސްކަންދިނުމަކީ މިހާރު ރާއްޖޭގައި ވެސް ވަރަށް ބޮޑު ޓްރެންޑެކެވެ.
Advertisement

ނަމަވެސް، ފަހުގެ ދިރާސާތަކާއި ނަފްސާނީ ތަޖުރިބާކާރުން މިހާރު އިންޒާރު ދެނީ، "މާ ބޮޑަށް ލޯބިވުމުގެ" ނަމުގައި ކުދިންނަށް ހުރިހާ ކަމެއް ދޫކޮށްލުމަކީ އެ ކުދިންގެ މުސްތަގުބަލު ހަލާކުކޮށްލާ ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސް އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، މައިންބަފައިން ކުދިންނަށް މާ ބޮޑަށް ދޫދީ، އިންތަކެއް ކަނޑަނާޅާ ނަމަ، އެ ކުދިންގެ ކިބައިގައި އަމިއްލަ ނަފްސަށް އިތުބާރު ކުރުން ކުޑަވެ، ހާސްކަމާއި ނުތަނަވަސްކަން އިތުރުވެ އެވެ. 

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުއްޖާ ދެރަވެދާނެތީ "ނޫނެކޭ" ނުބުނުމަކީ ކުއްޖާއަށް ލިބޭ ލޯތްބެއް ނޫނެވެ. އެއީ އެ ކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން ނޭނގި، "ރެޒިލިއަންސް" ނުވަތަ ހިތްވަރުގަދަކަން ކުޑަވުމަށް މެދުވެރިވާ ސަބަބެކެވެ.

މަޝްހޫރު ނަފްސާނީ އިލްމުވެރިއެއް ކަމަށްވާ އަބިގެއިލް ޝްރިއާ އޭނާގެ ފޮތް "ބޭޑް ތެރަޕީ" ގައި ލިޔުއްވާފައިވާ ގޮތުގައި، މިހާރުގެ މައިންބަފައިންނަށް އޮޅިފައިވާ އެންމެ ބޮޑު ކަމަކީ "ޖެންޓަލް ޕޭރެންޓިންގ" އާއި "ޕާމިސިވް ޕޭރެންޓިންގ" އެވެ. ޖެންޓަލް ޕޭރެންޓިންގ އަކީ ކުދިންނަށް އިހުތިރާމް ކުރުމާ އެކު ވަރުގަދަ އުސޫލުތަކެއް ގެންގުޅުމެވެ. ނަމަވެސް ގިނަ މީހުންނަށް ކުރެވޭ ކަމަކީ "ޕާމިސިވް" ވުމެވެ.

އެއީ ކުއްޖާ ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލުމެވެ. "ކުދިންނަށް ހިތާމައާ ކުރިމަތިލާން ފުރުސަތު ނުދީ، އަބަދު އުފަލުގައި ބައިތިއްބަން އުޅުމުން، އެ ކުދިން ބޮޑެތިވަނީ ދުނިޔެމަތީގައި އުޅެން ނޭނގޭ، ބަލިކަށި ބައެއްގެ ގޮތުގައި،" ޝްރިއާ ވިދާޅުވި އެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުން ވެސް މިކަން ފާހަގަކުރެއެވެ. ބައެއް ޓީޗަރުން ބުނާ ގޮތުގައި، ގޭތެރޭގައި އެއްވެސް ކަހަލަ ގަވައިދެއް ނުވަތަ "ނޫނެކޭ" ބުނުމުގެ ސަގާފަތެއް ނެތުމުން، ސްކޫލަށް އައުމަށް ފަހު ގަވައިދުތަކަށް ބޯލެނބުމަކީ ކުދިންނަށް ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. މީގެ ސަބަބުން ކުލާސް ތެރޭގައި އަހުލާގީ މައްސަލަތައް ދިމާވެ، ކިޔެވުމަށް ވެސް އޭގެ އަސަރުކުރެ އެވެ.

ތަޖުރިބާކާރުން ލަފާދެނީ "އޮތޮރިޓޭޓިވް ޕޭރެންޓިން" ސްޓައިލް ގެންގުޅުމަށެވެ. މީގެ މާނައަކީ މައިންބަފައިން ކުދިންނާ ގާތްކޮށް، ލޯބިން ވާހަކަ ދެއްކި ނަމަވެސް، ގޭތެރޭގައި ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއް ހުރުމެވެ. ނަފްސާނީ މާހިރުން ބުނާ ގޮތުގައި ކުއްޖާ ރޯ ކޮންމެ ފަހަރަކު އެ ކުއްޖާ ބޭނުންވާ ކަންތައް ކޮށްދިނުމަކީ ލޯތްބެއް ނޫނެވެ. ހަގީގީ ލޯތްބަކީ ކުއްޖާއަށް ރަނގަޅު ގޮތާއި ނުބައި ގޮތް ކިޔައިދީ، އުނދަގޫ ވަގުތުތަކުގައި ކެތްތެރިވާން ދަސްކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް