ads
ކުޑަކުއްޖަކު ސްކްރީން ބަލަމުން ކަނީ
އައިޕެޑް ދީގެން ކާންދިނުން ހުއްޓާލާ: ދަރިފުޅުގެ ސިކުނޑި "ގަނޑުވެދާނެ"
ރާއްޖޭގެ ކޮންމެ ގެއެއްގެ ކާމޭޒު މަތިން ނުވަތަ ރެސްޓޯރެންޓަކުން ވިޔަސް މިހާރު ފެންނަނީ އެއް މަންޒަރެކެވެ. ކުޑަ ދަރިފުޅުގެ ކުރިމަތީގައި އައިޕެޑް ނުވަތަ ފޯނު ބަހައްޓައި، ކާޓޫނެއް އަޅުވާފައި ކާންދޭ މަންޒަރެވެ.
Advertisement

ކުއްޖާ އިނީ ކާއެއްޗެހި ދިރުވާލަ ދިރުވާލައެވެ. ނަމަވެސް، މިއީ ފަސޭހައަކަށް ކުރި ނަމަވެސް، ކުއްޖާގެ ސިކުނޑި "ގަނޑުވުން" ނުވަތަ ސިކުނޑީގެ ހެދިބޮޑުވުމަށް ހީނުކުރާ ވަރުގެ ގެއްލުން ލިބޭ ކަމެއް ކަމަށް ސިއްހީ މާހިރުން އިންޒާރު ދެއެވެ.

އެމެރިކާގެ އެކަޑަމީ އޮފް ޕީޑިއޭޓްރިކްސް (އޭއޭޕީ) އިން ބުނާ ގޮތުގައި، ކާގަޑިއަކީ އާއިލީ ގުޅުން ބަދަހިކޮށް، ކުދިން ވާހަކަ ދައްކަން ދަސްކުރުމަށް ލިބޭ އެންމެ މުހިންމު ވަގުތެވެ. ނަމަވެސް ސްކްރީނަށް ގެއްލިފައި އިނދެ ކެއުމުން، "މައިންޑްލެސް އީޓިން" ނުވަތަ ވިސްނުމެއް ނެތި ކެއުމުގެ އާދަށަށް ކުއްޖާ ހުށަހެޅެއެވެ. 

ކުޑަކުދިންގެ ނަފްސާނީ ތަޖުރިބާކާރު ޑރ. ލިންޑާ ޕަގާނީ ވިދާޅުވެފައި ވަނީ، "ކުއްޖާއަށް ކާންދޭއިރު ފޯނު ދިނުމަކީ، އެ ކުއްޖާގެ ސިކުނޑިން ބަނޑުހައިވުމާއި ބަނޑުފުރިއްޖެކަން އަންގައިދޭ ގުދުރަތީ ސިގްނަލްތައް ބްލޮކް ކޮށްލާ ކަމެއް،" ކަމަށެވެ. މީގެ ސަބަބުން މާ ގިނައިން ކެއުން ނުވަތަ ކާހިތްނުވުމުގެ މައްސަލަތައް ދިމާވެއެވެ.

ނިއުޔޯކް ޔުނިވާސިޓީން ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުގައި، ކާގަޑީގައި ސްކްރީން ބޭނުންކުރާ ކުދިންގެ ބަސްމޮށުންތެރިކަން ލަސްވުމުގެ ފުރުސަތު އެހެން ކުދިންނަށް ވުރެ ބޮޑެވެ. ސަބަބަކީ ކާން އިންނައިރު މަންމަ ނުވަތަ ބައްޕަ ކާއެއްޗެހީގެ ނަންތައް ކިޔައިދީ، ވާހަކަ ދެއްކުމުގެ ބަދަލުގައި، ދެ މީހުންގެ ސަމާލުކަން ވެސް ހުންނަނީ ސްކްރީނަށް ކަމަށް ވާތީ އެވެ. މިއީ ކުއްޖާގެ ސިކުނޑީގެ އިޖުތިމާއީ ގުޅުންތަކާ ބެހޭ ބައިތައް ތަރައްގީވުމަށް އެޅޭ ހުރަހެކެވެ.

މި ނުރަނގަޅު އާދަ ހުއްޓާލުމަށް މާހިރުން ލަފާދެނީ، ކާގަޑީގައި މުޅި އާއިލާ ވެސް ފޯނާ ދުރަށް ދިއުމަށެވެ. ޑރ. މައިކަލް ރިޗް ވިދާޅުވާ ގޮތުގައި، ކުއްޖާ ކާން އުނދަގޫ ކުރިޔަސް ފޯނު ދިނުމަކީ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި ކާއެއްޗެހީގެ ރަހައާއި ކުލައާ ބެހޭ ގޮތުން ވާހަކަ ދައްކައި، ކެއުމަކީ އުފާވެރި ވަގުތެއްކަން ކުއްޖާއަށް އިހުސާސް ކޮށްދޭން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް