މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ އަންހެނުންގެ ކޮމެޓީއެއް ހޮވިފައި އޮންނަ އެއް ސަބަބަކީ އަންހެނުންނަށް ދިމާވާ އެކި ގޮންޖެހުންތަކުގައި ސިޔާސަތުތައް ކަނޑައެޅިގެންދާއިރު، އަންހެނުންގެ ފަރާތުން، އަންހެނުން އެ މައުލޫމާތު ގެންގޮސް ކުރެވޭނެ ކަންކަން ބެއްލެވުން ކަމަށެވެ.
އެހެންކަމުން އަންހެނުންގެ ކޮމިޓީއަށް ހޮވާ ބޭފުޅުން ވާން ޖެހޭނީ ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ބަޔަކަށް ކަމަށް ސާޖިދާ ވިދާޅުވި އެވެ. އަދި އެ ގުޅުން ގުޅުވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާ ބަޔަކަށް ކަމަށާއި އެ ބަޔަކީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ޑަބްލިޔުޑީސީގެ މެންބަރުންނަކީ ސަރުކާރާ ރައްޔިތުންނާ ގުޅުވައިދޭ ބަޔަކަށް ހަދަން ޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ޕީއެންސީގެ މެންބަރުން ހޮވައިގެން ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.
އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީންނެވެ.