ދިވެހި ގައުމީ އެތުލީޓުންނާއި އޮފިޝަލުންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން މިއަދު ފަށައިފި އެވެ.

Advertisement
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވި ގޮތުގައި ގައުމީ އެސޯސިއޭޝަންތަކުގެ ތެރެއިން 18 ކުޅިވަރަކުން ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ އެވެ. އެއީ 385 ކުޅުންތެރިންނެވެ.
މިއީ ދިވެހި ކުޅިވަރުގެ އާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކުޅުންތެރީންނަށް ހާއްސަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ ދިވެހި އެތުލީޓުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ވެސް އެއްހަމަކޮށް 7،000ރ. އަށް ބޮޑު ކުރުމަށް މިދިޔަ އަހަރު ރައީސް މުއިއްޒު ނިންމެވި އެވެ. މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެ މުސާރަ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ދޭން ފަށައިފަ އެވެ.