އިޓްލޮސް އިން މޮރިޝަސް އަށް ދިން ސަރަހައްދުގެ ކޮންޓްރޯލް ދިވެހި ސިފައިން ނެގި ކަމާއި އެ ސަރަހައްދު ބަލަހައްޓަމުންދާނެ ކަން މިއަދު އިއުލާނު ކުރީ، ރާއްޖޭގެ ސަރަހައްދު ގުނާނީ "ދޫކޮށްލި ކަނޑުގެ ސަރަހައްދު" ހިމެނޭ ގޮތަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ފަހުންނެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އިޓްލޮސް އިން މޮރިޝަސްއަށް ދިން ސަރަހައްދަށް ބެލުމެއް ނެތި އެ ސަރަހައްދު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލަހައްޓަމުންދާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު ގެންގުޅެމުންދާ ކޯސްޓްގާޑްގެ މަނަވަރަކީ މިދިޔަ އޮގަސްޓް މަހުގައި ތުރުކީ ސަރުކާރުން ހަދިޔާކޮށްފައިވާ އަސްކަރީ މިސައިލު ބޯޓެކެވެ. މީގެ އިތުރުން ޑްރޯންތަކަކީ ވެސް ތުރުކީއިން ގަތް ޑްރޯންތަކެކެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ޗާގޯސްގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ އެ ސިޓީ އަނބުރާ ގެންނަން ދިވެހި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދުގެ ގޮތުގައި ބަލާނީ ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ގޮތަށް ކަމަށެވެ. އަދި ރައީސް ވިދާޅުވީ ކަނޑުގެ ސަރަަހައްދުތަކާ ބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު، 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސްއަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.