ads
ބެލެންސް ޑައިޓު ހިމެނޭ ބަތް ތައްޓެއް
ރޭގަނޑު ބަތް ކެއުމުން ފަލަވޭތަ؟ ޑައިޓީޝަނުންގެ ޖަވާބު
ހަށިގަނޑު ހިއްކަން ނުވަތަ ބަރުދަން ލުއިކުރަން ބޭނުންވާ ގިނަ ދިވެހިން އެންމެ ފުރަތަމަވެސް ކުރާ ކަމަކީ ރޭގަނޑު ބަތް ކެއުން ހުއްޓާލުމެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އިރުއޮއްސުމަށްފަހު ކާބޯހައިޑްރޭޓްސް ނުވަތަ ބަތް ކެއުމުން އެ ސީދާ ބަދަލުވަނީ ސަރުބީއަށެވެ. ނަމަވެސް، ސިއްހީ މާހިރުންނާއި ޑައިޓީޝަނުން ބުނާ ގޮތުގައި މިއީ ސައިންޓިފިކް ގޮތުން ބަލާއިރު މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ.
Advertisement

އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީގެ ސައިންސްވެރިންނާއި ނިއުޓްރިޝަން މާހިރުން ހާމަކުރާ ގޮތުގައި، އިންސާނާ ފަލަވަނީ ވަކި ގަޑިއެއްގައި ކާތީއެއް ނޫނެވެ. ފަލަވަނީ ދުވާލެއްގެ މައްޗަށް މީހާގެ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން "ކެލޮރީސް" އެތެރެވުމުންނެވެ. ހަގީގަތަކީ ރޭގަނޑު 8 ޖަހާއިރު ކާ ބަތް ތަށްޓާއި މެންދުރު 12 ޖަހާއިރު ކާ ބަތް ތަށީގައި ހަކަތަ ހުންނަނީ އެއްވަރަކަށެވެ.

މިކަމާ ގުޅޭގޮތުން މަޝްހޫރު ޑައިޓީޝަން ޕޫޖާ މަކީޖާ ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތެއްގައި ބުނި ގޮތުގައި، ހަށިގަނޑަށް ގަޑިއެއް ނޭނގޭނެއެވެ.

"ހަށިގަނޑު މަސައްކަތް ކުރާނީ ލިބޭ ހަކަތައިން. ރޭގަނޑު ވިޔަސް، ދުވާލު ވިޔަސް މާ ގިނައިން ކައިފިނަމަ އެ ރައްކާކުރާނީ ފެޓް ނުވަތަ ސަރުބީގެ ގޮތުގައި. މައްސަލައަކީ ބަތެއް ނޫން، މައްސަލައަކީ ކާ މިންވަރު ނުވަތަ ޕޯޝަން ކޮންޓްރޯލް ނުކުރުން،" ޕޫޖާ ބުންޏެވެ.

ނަމަވެސް މާހިރުން ފާހަގަކުރާ އެހެން ކަމެއް އެބައޮތެވެ. ރޭގަނޑު ބަތް ކެއުމުން ފަލަވާކަމަށް ހީވަނީ، ގިނަ މީހުން ރޭގަނޑު ކެއުމަށްފަހު އެއްވެސް ހަރަކާތެއް ނުކޮށް ނިދަން އޮންނާތީއެވެ. ދުވާލު ވަގުތު މީހާ ހުންނަނީ ހަރަކާތްތެރިކޮށެވެ. އެކަމަކު ރޭގަނޑު ގިނައިން ބަތް ކައިގެން، ޓީވީ ބަލަން ނުވަތަ ފޯނު ކުޅެން އޮންނަނަމަ، އެ ހަކަތަ އަނދައިގެން ނުދާނެއެވެ.

ޑައިޓީޝަނުން ލަފާދެނީ ރޭގަނޑު ބަތް ކެއުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ސަމާލުވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއް ކަމަކީ ނިދުމުގެ 2 ނުވަތަ 3 ގަޑިއިރު ކުރިން ކެއުމެވެ. އަދި ބަތް ކާއިރު، ތަށީގެ ދެބައިކުޅަ އެއްބައި ތަރުކާރީން ފުރާލުމާއި، ބަތް އަޅާ މިންވަރު މަދުކުރުމެވެ. މި އުސޫލުން ކާނަމަ ރޭގަނޑު ބަތް ކެޔަސް ފަލައެއް ނުވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް