މި ފިލްމުގެ ކާސްޓިންއާ ގުޅޭގޮތުން ދެކެވެމުން އައި ވާހަކަތަކަށް އިތުރު ފޯރިއެއް ލިބިފައިވަނީ، ފިލްމުގެ ނުބައިބައި ރޯލުން ނުވަތަ ވިލަންގެ ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު ކަމަށް ރިޕޯޓުތައް ބުނުމުންނެވެ.
މި ފިލްމުގައި އަނިލް ކަޕޫރު ފެންނާނީ ވަރަށް ތަފާތު ސިފައެއްގައެވެ. އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ކުޅޭނީ ބޯ ބާލައިގެން ހުންނަ ނުވަތަ "ބޯލްޑް ލުކް" އެއްގައި ހުންނަ ވަރަށް ނުރައްކާތެރި މީހެއްގެ ރޯލެވެ. މިއީ އަނިލް ކަޕޫރުގެ ދިގު ފިލްމީ ކެރިއަރުގައިވެސް މިފަދަ ގޮތަކަށް ފެންނަ މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ. އާންމުކޮށް ޒުވާންކޮށް ފެންނަ އަނިލް، މި ފިލްމުގައި ފެންނާނީ އުމުރުން ދުވަސްވީ ނަމަވެސް ބާރުގަދަ މީހެއްގެ ގޮތުގައެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި، މި ސިފަ ގެނައުމަށްޓަކައި އަނިލް ކަޕޫރު ހަގީގަތުގައި ބޯ ބޭލުމުގެ ބަދަލުގައި ބޭނުންކުރާނީ ޕްރޮސްތެޓިކް މޭކަޕެވެ. މި ރޯލަކީ ފިލްމުގެ ވާހަކަ ކުރިއަށް ގެންދިއުމަށް ވަރަށް މުހިންމު ރޯލެއް ކަމަށާއި، ޝާހްރުކް ހާންއާ ދެކޮޅަށް ވަރުގަދަ ކުރިމަތިލުންތަކެއް މި ފިލްމުން ފެނިގެންދާނެ ކަމަށްވެއެވެ.
"ކިންގް" އަކީ ޝާހްރުކް ހާން އާއި އޭނާގެ ދަރިފުޅު ސުހާނާ ހާން އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ޝާހްރުކް ފެންނާނީ ގޭންގްސްޓަރެއް ނުވަތަ "ޑޮން" އެއްގެ ރޯލުން ކަމަށްވާއިރު، އަނިލް ކަޕޫރު ކުޅޭ ރޯލަކީ އޭނާއާ ވާދަވެރިއާގެ ރޯލެވެ. މިއީ ޝާހްރުކް އާއި އަނިލް ކަޕޫރު އެކުގައި ފިލްމަކުން ފެންނަނީ ވަރަށް ގިނަ އަހަރުތަކަކަށް ފަހު ކަމަށްވާތީ، ފޭނުން ތިބީ މި ކުރިމަތިލުން ބަލާލުމަށް ކެތްމަދުވެފަ އެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ސުޖޯއީ ގޯޝް އެވެ. އަދި ފިލްމުގެ އެކްޝަން މަންޒަރުތައް ފަރުމާކުރަނީ މަޝްހޫރު ޑައިރެކްޓަރު ސިދާތު އާނަންދެވެ. ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާއިރު، އަންނަ އަހަރުގެ އީދުގައި މި ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ.