އެމްއެފްޑީއޭ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ފަރަންސޭސި ވިލާތުގައި އުފައްދާފައިވާ "ބޭބީ ބަޔޯ" މަރުކާގެ އިންފެކްޓް ފޯމިއުލާގެ ބައެއް ބެޗްތަކުން، 'ސެރެއުލައިޑް' ނަމަކަށް ކިޔާ ވިހަ މާއްދާއެއް ފެނިފައި ވާކަމަށެވެ. އެހެންކަމުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކައި ނައްތާލުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާކަމަށެވެ.
'ސެރެއުލައިޑް' އަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އަދި އެ މާއްދާއިން ތަގައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ މޭ ނުބައިކޮށް ހޮޑުލެވުމާއި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ އޮތޯރިޓީން ބުނެއެވެ.