ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ވަނީ 35000އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއާއެކު އެގައުމު ވަނީ ލިސްޓުގެ އެއްވަނަ އަށް ޖެހިލާފަ އެވެ.
މިއަހަރުގެ ފުރަތަމަ ހަފުތާ ނިމުނު އިރު ޗައިނާ އަކީ ރާއްޖެއަށް 6ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.
ޗައިނާ އިން އެންމެ ގިނަ ޓޫރިސްޓުން އައި އިރު ދެވަނަގައި އޮތީ ރަޝިއާ އެވެ. އަދި ތިން ވަނައަށް މިއަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އަދި އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ތިން ގައުމު ފިޔަވައި ހިމެނެނީ ޔޫރަޕްގެ ގައުމުތަކެވެ. ޔޫރަޕްގެ ގައުމުތައް ފިޔަވައި އެ ލިސްޓުގައި ޗައިނާގެ އިތުރުން ހިމެނެނީ އިންޑިއާ އާއި އެމެރިކާ އެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގަނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އިން 5.55 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 13.8 ޕަސެންޓްގެ ކުރިއެރުމެކެވެ.