މަލާމާތުގެ ހިނިތުންވުމަކާއެކު އަމާރާ ފަސްއެނބުރު ވަގުތުގައި އޭނާގެ ބުރަކަށި ތަތްވީ ޝައްޔާންގެ މޭމަތީގަ އެވެ. އިހުނަށްވުރެން ޝައްޔާން ގާތްވެލީ އަމާރާގެ ދެފަރާތުން ރެއިލިންގައި ހިފަހައްޓާލާފައި ދެއަތުގެ ތެރޭގައި އަމާރާ ހައްޔަރުކޮށްލުމަށެވެ.
"މާ ސްމާޓް ވާން އަމާރާ ނޫޅެއްޗޭ.. އަހަރެންގެ ކުރިމަތީގައި މިވަގުތު އަމާރާއަކަށް އެއްވެސް ގޭމެއް ނުޖެއްސޭނެ.. ހަގީގަތް އޮޅުވާލަން ނޫޅެއްޗޭ! އަހަރެން އަމާރާ ދޫކޮށްލީކީ ނޫން.. އަހަރެން ދޫކޮށްލާފައި ދިޔައީ އަމާރާ.." ހަތް އަހަރަށްފަހު ޝައްޔާންގެ ފުރަތަމަ ތުހުމަތު އަމާރާއަށް އަމާޒުކުރީ ބާރުގަދަ ހަމަލާއެއްގެ ގޮތުގަ އެވެ.
"ޝައްޔާން ދޫކޮށް، ޝައްޔާންގެ ގެއިން ނިކުތުމަށް އަހަންނަށް އަމުރުކުރީ ޝައްޔާން.. ޝައްޔާންގެ މުޅި ދިރިއުޅުން ސުންނާފަތިކޮށްލިކަމުގެ އިލްޒާމް އަހަރެންގެ ބޮލުގައި އެޅުވީވެސް އެދުވަހު.. ޝައްޔާންއަށް ކުރިމަތިވި ހުރިހައި އުނދަގުލަކާއި ގެއްލުމެއްގެ އިލްޒާމް އެޅުވީވެސް އަހަރެންގެ ބޮލުގަ.. އެކަމަކު ހަގީގަތަކީ، އެ ކަންކަމުގެ ތެރޭގައި އަހަރެންގެ އެންމެ ކުށެށް ނެތްކަން އެންމެ ރަގަޅަށް އެނގޭނީވެސް ޝައްޔާންއަށް" ޖެހިމުލެއް ނެތި އަމާރާ ބުނެލި އެވެ.
"ހައް..؟؟؟ ކޮންފަދަ ވާހަކައެއް އަމާރާ ތި ދައްކަނީ؟؟ ކީކޭ ކިޔަން ތިއުޅެނީ..؟؟" ނުރުހުންވެފައި ޝައްޔާން ކުރިމަތިލި އެވެ.
"އަހަރެންގެ ދިރިއުޅުމާއި، މަސައްކަތާއި، މުޅި މީޑިއާގައި އެވަގުތު އޮތީ ކޮންފަދަ ތޫފާނެއްކަން އަމާރާއަކަށް ނޭގޭތަ؟ އަހަރެންގެ އަބުރާއި އިއްޒަތާއި ގަދަރަށް އެވަގުތު ކުރިމަތިވެފައި އޮތް ބޮޑު ޒަލްޒަލާ އިތުރަށް ބުނެދޭންޖެހޭތަ؟ ޒަޔާނާއާއި އަހަރެންގެ ނަން ގުޅުވައި ކައިވެނީގެ ލަފުޒު މީޑިއާއަށް ގެނައުން ނޫން އެހެން އެއްވެސް މަގެއް، އަހަރެންގެ މަންމަ ނުދެއްކި..! އަހަރެންގެ މައްޗަށް މަންމަގެ ނުފޫޒާ ބާރު ހިންގާ މިންވަރު އަމާރާއަށް ކިޔައި ނުދެންތަ؟ އެކަމަކު އަމާރާ، ހުރިހައި ތުހުމަތެއް ތި އަޅުވަނީ އަހަރެންގެ ބޮލުގައި؟!! އަހަރެން މަސައްކަތްކުރީ، އަހަރެންގެ އާއިލާއާއި މީޑިއާގެ ހަމަލާތަކުން އަމާރާ ރައްކާތެރިކުރާން ނޫންތަ؟" ޝައްޔާންގެ ދިފާއުގައި އޭނާ ތެދުވުމަކީ އަމާރާއަށް އައު ކަމެއް ނޫނެވެ.
"މާޒީގައި އަހަރެންނާއިމެދު ޝައްޔާން ކަންކަން ކޮށްފައި ހުރި ގޮތުގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން" ހިތްހަމަނުޖެހިފައި އަމާރާ ބުނެލި އެވެ.
"އެވާހަކަ ނުދައްކަންވީ ކީއްވެ؟ އެ އިހްސާސްތަށް ބުރައިގެން ދިޔައީތަ..؟ އަހަރެން މިހައި ގާތްވިޔަސް އަމާރާއަށް މިހާރު އަސަރެއް ނުކުރަނީތަ..؟ އަހަރެންގެ މަގާމު އެހެން މީހަކަށް ދިނީތަ..؟ އެކަމެއް ނުވާނެ..!! އަހަރެން ދުވަހަކުވެސް އަމާރާ ވަރި ނުކުރާނަން..!" ގަދަ ބަސް ބުނެ، އަމާރާގެ މައްޗަށް އޮތް ޝައްޔާންގެ ހައްގު ހަނދާންކޮށްދިނީ، އަދިވެސް އަމާރާގެ ކޮންޓްރޯލް އޮތީ ޝައްޔާން އަތުގައިކަން އަމާރާއަށް އަންގާލުމަށެވެ.
"އަހަންނަކީ ޝައްޔާން ކުޅެއް ގެންގުޅޭ ބުދެއް ނޫން.. ބޭނުންވީމަ ގާތްކޮށްފައި ބޭނުން ނެތުނީމަ ހޫރުވާލާފައި.. ހުރިހައި އިލްޒާމެއް އަހަރެންގެ ބޮލުގައި ނޭޅުވޭނެ.." ދަތްދޮޅި އުފުލާލާފައި ޝައްޔާންއާއި ކުރިމަތިލި އެވެ.
"އަހަރެން އިހްތިޔާރުކުރީ އަހަންނަށް އެންމެ ރައްކާތެރި ގޮތް.. ޝައްޔާންއަށް މުހިއްމުވީ ޝައްޔާންގެ މަންމައާއި މީޑިއާއާއި ޝައްޔާންގެ އަބުރާއި އިއްޒަތާއި ޝައްޔާންގެ ކެރިއަރ..، އެކަން އެހިސާބުން ނިމުނީ! އެކަކު އަނެކަކު އިތުރު އިލްޒާމްތަކެއް އަޅުވައި އިތުރަށް ހިތްދަތިކުރަން، ބޭކާރު ވާހަކަތަކެއް ދައްކާނެކަމެއް ނެތެއްނުން.." އަމާރާގެ ދެ ލޮލުން ކަރުނަ ވިދާލި އެވެ.
ޝައްޔާންގެ ކުށް އަދިވެސް އޭނާއަށް ނުވިސްނެ އެވެ. ހަގީގަތް ހޯދުމަށް ޝައްޔާން ކުޑަވެސް ހިތްވަރެއް ނުލަ އެވެ. ފާއިތުވަމުންދިޔަ ކޮންމެ ސިކުންތެއްގައި ދެމީހުންގެ ދެމެދު އުތުރިއަރަމުންދިޔައީ ނުތަނަވަސްކަމެވެ.
"އަހަރެންނަށް އިންތިޒާރުނުކުރީ، އަމާރާ އިތުބާރު ނުކުރާތީ" ޝައްޔާންގެ އަޑު ތުރުތުރު އަޅަނީ އެވެ. އެޅުވި އިލްޒާމުގެ އަޑު އަމާރާގެ ކަންފަތަށް ހޮނު ގުގުރިއެއް ފަދަ އެވެ.
ދެ ލޮލުން ފޭބި ކަރުނަ ކޯތާފަތް ހުރަސްކުރީ އޭނާގެ އިހްތިޔާރަކު ނޫނެވެ. މުޅި އުމުރުގައިވެސް އަމާރާ ހަމައެކަނި ލޯބިވި އިންސާނަކީ ޝައްޔާން އެވެ. ހައްދެއް ނެތް މިންވަރަށް ހިތުން ދެވުނު ޖާގަ، މިއަދުވެސް ގައިދުކޮށްފައި ވަނީ ޝައްޔާން އެވެ. އަމާރާގެ އިހްތިޔާރު އޭނާގެ އަމިއްލަ ހިތުން ގެއްލިފައިވާކަމުގެ އިޝާރާތެއްވެސް ޝައްޔާން އަށް ނުވަނީ ހެއްޔެވެ؟
ހިތަށް ކެތް ނުވުމުން ޝައްޔާންގެ ދެއަތުގެ ތެރޭގައި ބޮނޑިވެލުމަށް ހަރަކާތްކޮށްލި ވަގުތު މަގުމަތިން އިވުނު ސައިރަންގެ އަޑު އަމާރާގެ ސަމާލުކަން ބަދަލުކޮށްލި އެވެ. ތެޅިގަތްފައި އަނެއް ފަރާތަށް އެނބުރުނީ ގަތް ލަދުންނެވެ.
"އަހަރެންގެ އިހްސާސްތައް ދުވަހަކުވެސް ޝައްޔާންއަށް ވަޒަން ނުކުރެވޭނެ.. މި ބަހުސް ދެމީހުންކުރަންޖެހޭ ސަބަބެއް ނެތް..ޝައްޔާންގެ ހަނދާންތަކުން އެއްކިބާވެ، ހިތްދަތި އެ މާޒީ ދޫކޮށް، އަހަރެންގެ އަމިއްލަ ދިރިއުޅުން ކޮޅަށް ޖެހުނީ ވަރަށް މަސައްކަތުން.. އެކަމަށް ވަގުތު ނެގި! އިތުރަށް އެ ވޭން ތަހަންމަލްކުރާނެ ހިތްވަރެއް އަހަރެންގެ ހިތާއި ނަފުސުގައި މިހާރަކު ނެތް" މަޑުމަޑުން އަމާރާ ބުނެލީ އަސަރާއެކު އެވެ.
ދެމީހުންގެ ހިތުގައި އަޅަމުންދިޔައީ އެއް ވޭނެކެވެ. ތަފާތަކީ ވިސްނުމާއި ފިކުރެވެ.
ހިމޭންކަމުގެ ތެރޭގައި ވައިރޯޅީގެ އަޑު ނޫނީ ނީވެ އެވެ. އަމާރާއާއި ދުރަށްޖެހިލައި، ރެއިލިންގައި ބާރަށް ޝައްޔާން ހިފަހައްޓާލި އެވެ.
"ދެމީހުންނަށްވެސް އެންމެ ރަގަޅު ގޮތަކީ، އެކަކު އަނެކަކާއި ވީހާވެސް ދުރުން އުޅުން.. ކުޑަމިނުން، ދެ އާއިލާގެ މި ބައްދަލުވުންތަށް ނިމެންދެން، އަހަރުމެން ދެމީހުން ބައްދަލު ނުކުރުމަކީ އެންމެ އެދެވިގެންވާ ގޮތް" އަމާރާގެ ނިންމުން ބުނެލި އެވެ.
އިވުނު އަޑު ޝައްޔާންއަށް ގަބޫލެއް ނުކުރެވުނެވެ. މޭގައި ނޭވާ ތާށިވި އެވެ. އޭނާގެ ހިތުގެ ރިހުމާއި މޫނުމަތީގެ އަސަރުތަށް ދެނެގަނެވޭނެ އިންސާނަކު އެވަގުތު ވުޖޫދުގައި ނުވެ އެވެ.
"ރިއަލީ..؟ ހަތް އަހަރަށްފަހު ބައްދަލުވުމުންވެސް އަމާރާގެ ނިންމުމަކީ ތިއީތަ؟" ތުރުތުރުއަޅަމުންދިޔަ އަޑަކުން ޝައްޔާން ސުވާލުކުރި އެވެ. އެ އަޑު އިވުނުކަމުގެ ލިސާނެއްވެސް އަމާރާގެ ކިބައިން ނުފެނުނެވެ.
ނޭވާއެއްގެ އަޑުވެސް ދެމީހުންގެ ދެމެދު މިވަގުތު ނެތެވެ.
އަމާރާގެ ހިމޭންކަން، އެތަށް އަހަރެއްގެ އަލްވަދާއުއަށް ވުރެން މިވަގުތު ޝައްޔާންއަށް ހިތްދައްޗެވެ.
ހިމޭންކަން ދިގުލާން ފެށުމުން، މިފަހަރު އިސްނެގީ ޝައްޔާން އެވެ.
މަޑުފިޔަވަޅުގައި އައިސް ހުއްޓުނީ އަމާރާގެ ކުރިމަތީގަ އެވެ.
މަޑުމަޑުން އަމާރާގެ ދެއަތުގައި ހިފައިލި އެވެ.
އިނގިލިތަކުގައި ނުހަނު ފަރުވާތެރިކަމާއެކު ފިރުމާލާފައި ނެގެސް ދެ އަތަށް ބަލައިލި އެވެ. ހަމަ އެހިނދުގައި ޝައްޔާންގެ ދެ ބުމަ ދޭތެރެއަށް ރޫ ބޮނޑިކޮށްލާފައި އަމާރާގެ ކަނާއަތަށް ބަލައިލި އެވެ. ގަދަ ރަތް ކުލައިން 'ކޭ' އަކުރު ފަވާލާފައި ވަނިކޮން ޝައްޔާންއަށް ފެނުނެވެ.
އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވި އެވެ. ޝައްޔާންއަށް އައި ބަދަލު ފާހަގަކުރެވުމަށް އަމާރާ ވަގުތު ނެގި އެވެ. ކުއްލިޔަކަށް ޝައްޔާންގެ އަތުގެ ތެރެއިން އަތް ދަމައިގަތީ، އެކަމާއިމެދު ޝައްޔާން ސުވާލުކުރަން ފުރުސަތު ނުދިނުމަށެވެ.
މޭގައި ޖަހައިލި ގަދަ ވިންދާއެކު ސުވާލުކުރަން ތުންފަތް ހަރަކާތް ކުރިޔަސް، ދުލުން ލަފްޒެއް ނުނިކުތެވެ. އެސްފިޔަ ޖަހާލަންވެސް ނޭގިފައި ހުއްޓައި، ޝައްޔާންގެ ކުރިމަތީން އަމާރާ ގެއްލިއްޖެ އެވެ.
...............
ފެންމާގަނޑުން އޮހެމުންދިޔަ ފިނި ފެނުގެ އަސަރު ޝައްޔާންގެ ނަފުސު އިހްސާސްކުރަމުންދިޔައީ ހިއްސު ކެނޑިފައިވާ މީހަކު ފަދައިންނެވެ. އަމާރާގެ އަތުގައި ކޭ އަކުރު ފަވާލެވެންޖެހޭނެ އެއްވެސް ސަބަބެއް ޝައްޔާންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އަމާރާއާއި ބެހޭގޮތުން މައުލޫމާތު ލިބޭތޯ އެތަށް ގޮތަކަށް އޭނާ މަސައްކަތްކޮށްފި އެވެ. ނަމަވެސް އިތުރު ގުޅުމެއްގައި ކުޑަވެސް މިންވަރަކަށް އަމާރާ ޝާމިލުވެފައިވާ ކަމުގެ ޒައްރެއްގެ މިންވަރުގެ ހެއްކެއްވެސް ނުލިބުނެވެ.
އަމާރާއާއި ބެހޭގޮތުން ރާފީއާއި ސުވާލުކުރުމަށް އެތަށް ފަހަރަކު ޝައްޔާން މަސައްކަތް ކޮށްފި އެވެ. ނަމަވެސް އޭނާގެ އިސްކޮޅަށްވުރެން އެތަށް ގުނައެއް ދިގު، 'އީގޯ'ގެ ސަބަބުން އޭނާގެ ޒަމީރު އެކަމަށް އެއްބަހެއް ނުވި އެވެ. ފަލަކްގެ ފަރާތުން މައުލޫމާތެއް ހޯދުމެކޭ، ރާޅުޖަހާފަށުގައި ގަލަމުން ރޮނގެއް އެޅުމެކޭ ތަފާތެއް ނުވާނެކަން އޭނާއަށް ޔަގީންވެ އެވެ. އެކަމުން އިސްތިއުފާ ދިނީ، ފަލަކްގެ އިތުރު ސުވާލުތަކަށް ކުރިމަތިލާނެ ހިތްވަރު ޝައްޔާންގެ ކިބައިގައި ނެތުމުންނެވެ.
ނަމަވެސް އެ 'ކޭ'އަކުރުގެ ތަކްލީފް ޝައްޔާންއަށް ބައްޔަކަށް ވެއްޖެ އެވެ. އެއްހާސް އެތިކޮޅުގެ ޖިގްސޯ ޕަޒްލްއަކުން، އެންމެ އެތިކޮޅެއް ގެއްލުމުން، މުޅި މަންޒަރުގެ އުނިކަން ފާޅުވާ ފަދައިން ޝައްޔާންގެ ހިޔާލާއި ފިކުރުގައިވަނީ އުނިކަމެވެ. އެތިއެތިކޮޅު ގުޅުވަން ކުރާ ހުރިހާ މަސައްކަތެއް ބޭކާރުވަނީ މާޔޫސްކުރުވާފަ އެވެ. (ނުނިމޭ)