ތިނަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިއަހަރުގެ ރަމަޟާން މަހަކީ ވެސް ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާ ހާއްސަ ދުވަސް ތަކަކަށް ހެދޭތޯ އަދާކުރަންޖެހޭ ދައުރު އަދާކުރަން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބައެއް ކަންކަން ނުކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ.
އެގޮތުން ތިނަދޫ ސިޓީގައި ހުރި ތައުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާއަތް ތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ވެސް ރަމަޟާން މަހާ ކުރިމަތިލާއިރު ރަމަޟާން މަހުގެ މަޤްސަދު ހާސިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން ދުވާލު ރޯދަޔަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސްބޮޑަށް ހަމްދަރުދީވެ އަޅާލައި، ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާގޮތަށް، ހާއްސަކޮށް ފަރުޟ ނަމާދުތަކުގެ ޖަމާއަތުގެ ވަގުތުތަކާއި، ތަރާވީހް ނަމާދާއި، ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތުތަކަށް ފުށު ނާރާނެހެން، އަދި އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރަންވެސް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.
" ދުވާލުގެ ވަގުތުވެސް، އަދި ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ޙަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުން." ތިނަދޫ ކައުންސިލުން އެންގި އެންގުމުގައިވެއެވެ.
ކްލަބު ޖަމިއްޔާ، ޖަމާޢަތްތަކަށް ނުވަތަ އިޖުތިމާއީ ޙަރަކާތްތައް ހިންގުމަށް ހާއްސަކޮށްގެން މިއިދާރާއިން ދޫކޮށްފައިވާ ބިންބިމާއި އިމާރާތްތައް ނޫން ތަންތާގައިވެސް (ދިރިއުޅުމުގެ ބޭނުން ފަދަ ކަންކަމަށް ދޫކޮށްފައިވާ ތަންތަނުގައި) ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް އާއްމުކޮށް ހުޅުވާލައިގެން ނުވަތަ އެނޫންގޮތަށް ވިޔަސް ނުބާންވަންވެސް ކައުންސިލުން ވަނީ އަންގާފައެވެ.
ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ހަރަކާތްތަކެއްވިޔަސް ކޮންމެހެން ހިންގަން ޖެހޭ ހާލަތެއް މެދުވެރިވެގެން މެނުވީ (ރަމަޟާން މަހާއި ގުޅުން ހުރި، ދީނީގޮތުން ބޭނުންތެރި ކަންކަން މެނުވީ) ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުބޭއްވުމަށާއި އަދި ރަމަޟާން މަހާއި ގުޅުންހުރި ހަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތުތަކަށް ދަތިނުވާނެހެން، އާންމު ރައްޔިތުންނަށް ބުރަޔަކަށް ނުވާނެހެން، ވަގުތު ދިގުލައި ނުދާނެހެން، ފަރުވާތެރިކަމާއެކު އެފަދަ ހރަކާތްތައް އިންތިޒާމް ކުރަންވެސް ވަނީ އަންގާފައެވެ.