އީސީން ބުނީ ރީ ރެޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 16 މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
އީސީން ބުނީ މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަނިަކަމަށެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެކަމަށް އީސީން ބުނެއެވެ. އަދި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށްވެސް ޗެކް ކުރެވޭނެކަމަށްވެސް އީސީން ބުނެއެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށްކަމަށް އީސީން ބުނެއެވެ.
'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެކަމަށް އީސީން ބުނެއެވެ. އަދި 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންކަމަށާއި މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެކަމަށްވެސް އީސީން ބުނެއެވެ.