އެ ބިލަށް އިތުރު ބަދަލެއް ނުގެނެސް، ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރީ ފަސް މިނެޓް ތެރޭގައެވެ.
މި ބިލު މަޖިލީހުން ފާސްކުރީ 72 މެމްބަރުން ވޯޓުންނެވެ. އިދިކޮޅަށް ވޯޓް ދެއްވީ އެއް މެމްބަރެކެވެ.
ގާނޫނު އަސާސީ އިސްލާހުކުރުމުގެ މި ބިލު އެޖެންޑާކޮށް ކޮމެޓީ ރިޕޯޓަށް ބަހުސް ފެށުމުން އެކަމާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން މެމްބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އެއާއި އެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ފަސް މެމްބަރެއްގެ ނަން އިއްވާ ތަޅުމުން ވަނީ ބޭރުކޮށްފައެވެ.
މި ބިލު މިމަހުގެ 18ގެ ކުރިން ފާސްކޮށްފިނަމަ އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އެކު ފެންނަ ނުފެންނަ ވޯޓް ބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން އަންނަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބާއި އެކު ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ނަގާނެކަމަށް ބެލެވެއެވެ.
ކައުންސިލް އިންތިހާބު ބާއްވާ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާ ނަމަ، 20 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ ބުނެފައެވެ.
މި ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކީގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ 1 އިން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިހާބެއް ބާއްވަން ވާނީ، އިސްލާހުތަކާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރު 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީހަށް އިންތިހާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށް އިސްލާހުގައ ބަޔާންކޮށްފައިވެ އެވެ. މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެ އެވެ.
މިހާރު ގާނޫނުއަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ގަ އެވެ.