މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އެވެ. ޑާޓުއަރގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރު އިންޑިއަން އޯޝަން އެންޑް އޭޝިއާ، ޔޯން ކްރައުޒަރ އެވެ.
މި އެއްބަސްވުމުގެ ދަށުން، ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށާއި، ޖެހިގެން އަންނަ އަހަރު މި އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއްގެ ގޮތުގައި ޖަރުމަނުވިލާތް އޮތް އޮތުން އިތުރަށް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތެއްކަމަށް ވެސް ވިޒިޓް މޯލްޑިްވސް އިން ހާމަކުރެ އެވެ.
މީގެ އިތުރުން ރާއްޖެއަކީ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި، ދެ ފަރާތުން ގުޅިގެން ހަރަކާތްތަކާއި ޕްރޮމޯޝަންތައް ކުރިއަށް ގެންދިޔުމަށް ވެސް ނިންމާފައި ވެއެވެ. އަދި ޖަރުމަނުގެ ފަތުރުވެރިންގެ ޝައުޤުވެރިކަމާއި، ސީޒަނަލް ޑިމާންޑަށް ބިނާކޮށް، ގުޅިފައިވާ ޕްރޮމޯޝަނަލް ކެމްޕޭންތަކާއި ޓްރޭޑް އެންގޭޖްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
ޖަރުމަނުން މިދިޔަ އަހަރު ރާއްޖެއަށް 167,481 ފަތުރުވެރިން އައިސްފައިވާއިރު، އެއީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ. މި އަހަރުގެ މިހާތަނަށް ޖަރުމަނު އޮތީ ލިސްޓުގެ ފަސްވަނައިގައި ކަމަށްވާއިރު އެ ގައުމުން 18,630 ފަތުރުވެރިން އައިސްފައި ވެއެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އަދި އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ތިން ގައުމު ފިޔަވައި ހިމެނެނީ ޔޫރަޕްގެ ގައުމުތަކެވެ. ޔޫރަޕްގެ ގައުމުތައް ފިޔަވައި އެ ލިސްޓުގައި ޗައިނާގެ އިތުރުން ހިމެނެނީ އިންޑިއާ އާއި އެމެރިކާ އެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގަނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އިން 5.55 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 13.8 ޕަސެންޓްގެ ކުރިއެރުމެކެވެ.