އެ ރެއަށް ފަހު ހަފްތާއެއް ފާއިތުވެގެން ދިޔައީ އެވެ. އެންމެ ރެއަކުވެސް ޝައްޔާން ލޮލުފިޔައެއް ނުޖަހަ އެވެ. ދެ ލޯ މެރިއްޖެ ނަމަ، 'ކޭ' އަކުރުގެ ނުތަނަވަސްކަމުން، އޭނާ ސިއްސުވާލަ އެވެ.
މިރޭ ކުރިއަށް ދަނީ ރާފީއާއި ފަލަކްގެ ކައިވެނީގެ އެންމެ ފަހު ރަސްމިއްޔާތެވެ. ޕާޓީ އޮތީ ޝައްޔާންގެ ބައްޕަގެ ގޭގަ އެވެ. މާ ގިނަ މެހެމާނުން ބައިވެރި ނުކުރިޔަސް، ބައްޕަގެ އިންޑިއާ އާއިލާތަކުން ބައިވެރިވާނެ އެވެ. އެ އެންމެންގެ އިނގިލި ދިއްކުރުންތަކުން ޝައްޔާން ސަލާމަތްވާނެ ގޮތްތަކެއް އޭނާ ވިސްނަން ޖެހެ އެވެ.
ޒަޔާނާއާއި ރަން ކީ، އެހެން އެއްގޮތެއްވެސް ނެތިގެން ނެވެ. ރަން ކެނޑިކަން އެނގޭނީ ތަސްކީންއާއި ޒަޔާނާ އަދި ޝައްޔާންގެ އިތުރުން ހެކިވެރިންނަށެވެ. ތެދު ހާމަނުކޮށް ހަގީގަތް ފޮރުވާފައި ބޭއްވުމުގެ ނަތީޖާއަކީ، އެކަމުގެ އުނދަގުލުން އަދިވެސް ޝައްޔާންއަށް މިންޖު ނުވެވުމެވެ.
ކައިވެނީގެ މައުލޫއަކީ، ޝައްޔާންގެ މަންމައާއި ދެ ފަރާތުގެ އާއިލާއިންވެސް އޭނާގެ މައްޗަށް އެންމެ ބާރު ފޯރުވާން މަސައްކަތްކުރާ، ކަންތަކެވެ. ސިއްރު ކައިވެންޏަކުން އަމާރާގެ ހަތަރެސްފައި ބަނދެ، މިނިވަންކަން ގައިދުކުރާން ޝައްޔާންއަށް މަޖުބޫރުވީވެސް މަންމައާއި ބައްޕަގެ އާއިލާއިން އެކަމަށް ބާރު ހިންގާލެއް ބޮޑުކަމުންނެވެ. ނަމަވެސް ހުރިހައި ކަމެއްގެ ކޮންޓްރޯލް ގެއްލި، ގޯހުން ގޯހަށް ދިޔަ ސަބަބާއިމެދު އަދިވެސް ޝައްޔާންއަށް ގޮތެއް ނުނިންމެ އެވެ. އޭނާގެ ނަޒަރުގައި އޭނާގެ ކުށެށް ނެތެވެ.
ފިނި ފެނުގެ ސަބަބުން އަތްފައި މޭލިބޮއެ، ގައިގެ އެތަން މިތަން ނޫފާގަތްފައި ހުރިކަންވެސް ނޭގި، ޝައްޔާން ފެންމާގަނޑު ބަންދުކޮށްލި އެވެ. ކުއްލިޔަކަށް ތުންފަތް ތުރުތުރުއަޅައި، މޫނުމައްޗަށް އަނދިރިވާން ފެށުމުން، ތުވާލިގަނޑު ދަމައިގަތްފައި މުޅި ގައިގައި އޮޅައިލި އެވެ.
....................
ކުލަކުލައިގެ ބޮކިތަކާއި އެކިވައްތަރުގެ މާމެލާމެލިން ޒީނަތްތެރިކޮށްލާފައި އޮތް ބޮޑު ފެންޑާގެ ތެރެއިން ޝައްޔާން ވަދެގެން އައީ އިސްޖަހައިގެންނެވެ. ވަށައިގެން އަމާޒުވާ ލޯތަކާއި، ޒުވާން އަންހެން ކުދިންގެ ގޮތްދެއްކުންތަކަށް، މި ރޭ ޝައްޔާން ތައްޔާރެއް ނޫނެވެ. އޭނާގެ ސިކުނޑީގައި ހިނގަމުންދިޔަ ގަދަ ހަނގުރާމައިން ކާމިޔާބު ހޯދުން ނޫން ގޮތެއް އޭނާއަށް ނެތެވެ. އަމާރާއާއި އޭނާގެ އަތުގައި ފަވާލާފައި އޮތް 'ކޭ' އަކުރު ފިޔަވައި އެހެން އެއްވެސް ކަމެއް ޝައްޔާންގެ ސިކުނޑީގައި ނެތެވެ.
ކޭ އަކުރުގެ ހަގީގަތް ނޭގެނީސް، ޝައްޔާންއަށް ހަމަނޭވާ ނުލެވޭނެ އެވެ.
ގޭތެރެއަށް ވަދެވުމާއެކު ފަހަރަކު މީހަކު އައިސް ޝައްޔާންއަށް މަރުހަބާ ކިޔަމުން، އޭނާއާއި ބައްދަލު ނުވާތީ އެތަށް ޝަކުވާއެއް ހުށަހެޅި އެވެ. އެފަދަ މައުލޫއަކަށް ޝައްޔާން މިވަގުތު ތައްޔާރެއް ނޫނެވެ.
ކުރިއަށްދަނީ ފަލަކްގެ ހަޔާތުން އުފާވެރި ސަފްހާއެއްގެ ފޮޅުވަތްތަކެވެ. ލިޔެވެމުންދަނީ ކާމިޔާބު ލޯތްބެއްގެ އުފާވެރި އަލްފާޒް ތަކެވެ. މެހެފިލްގައި މަދުވަނީ އެންމެ ކަމެކެވެ. ދެބެންގެ ހިނިތުންވުމެވެ. ދެބެން ދެމެދު އުފެދިފައިވާ 'ނުތަނަވަސް' އުފާވެރި ހިނިތުންވުމަށް ހުރަސް އަޅަ އެވެ. އެންމެ ލޯބިވާ ބޭބެ، ފަލަކްއަށް ކައިވެނީގެ ހަދިޔާ ނުދިނުމުގެ ޝަކުވާ އަޑުއަހަން ޝައްޔާންއަށްވެސް ފަސޭހައެއް ނޫނެވެ.
އިހްތިޔާރުގެ ބޯޅަ އޮތީ ފަލަކް ކޮޅުގަ އެވެ. ރެފްރީއަކީވެސް ކީޕަރަކީވެސް މި ގޭމްގައި ޝައްޔާން އެވެ. ކައިވެނީގެ ހަދިޔާ ލިބުމަށް އޮތީ އެންމެ ޝަރުތެކެވެ. ޝަރުތު ފުރިހަމަ ކުރުމަކީ ފަލަކްއަށް އޮތް އިހްތިޔާރެއް ނޫނެވެ. ހަދިޔާގެ އަގަކީ، ރާފީއަށް ފަލަކް ވެފައި އޮތް ވައުދު އުވާލުމެވެ. ހުވަފެނެއްގައިވެސް އެކަން ފަލަކް ނުކުރާނެ އެވެ.
އަމާރާއާއި ކޭ އަކުރާއި އޮތް ގުޅުން ޝައްޔާންއަށް ތަފްސީލްކޮށް ނުދެނީސް ހަދިޔާގެ ވާހަކަ ދެއްކުންވެސް މަނަލެވެ. ކުރިއަށްދަނީ މުޅި އާއިލާއިން ފަލަކްއަށް ތަހުނިޔާ ކިޔުމާއި ހަދިޔާ ދިނުމަށް ހާއްސަ ހަފްލާއެކެވެ. އަލަތު ކައިވެނި ކުރެވުނު ދެ ބައިވެރިންނަށް ހާއްސަކުރެވިފައިވާ ސްޓޭޖުގައި ފަލަކްގެ އަތުގައި ހިފައިލައިގެން ރާފީ ހުރި މަންޒަރު ކިތަންމެ ކެމެރާއަކުން ރައްކާކޮށްފި އެވެ.
ވަށައިގެން ހިނގަމުންދިޔަ އެއްވެސްކަމެއް ޝައްޔާންގެ ލޮލުގެ ކެމެރާގައި ކުރެހިގެން ނުދިޔަ އެވެ. އެކަހެރިކޮށް، އެއް އަރިމައްޗެއްގައި ލެނިގިލައިގެން ހުރި އަމާރާ ފެނުމުން ކުއްލިޔަކަށް ޝައްޔާން ގޮސް ހުއްޓުނީ އަމާރާއާއި ދާދި ގާތުގަ އެވެ.
"ވީ ނީޑް ޓު ޓޯކް" ސީރިއަސްކަމާއެކު، ނަމަވެސް މަޑުމަޑުން ޝައްޔާން ބުނެލި އެވެ.
"މިވަގުތަކު ނޫން" ވަށައިގެންވީ މެހެމާނުންނަށް ދެ ލޮލުން އިޝާރާތްކުރަމުން، ދަތްކުނޑި ވިކާލާފައި އަމާރާ ބުނެލި އެވެ.
ނަމަވެސް އެ ބުނި އެއްޗެއްގެ ކުޑަވެސް އަސަރެއް ނެތެވެ.
"އަމާރާގެ އަތުގައި ރަތްކުލައިން، ކޭ އަކުރު ލިޔެވެންޖެހުނީ ކީއްވެ؟" އަމާރާގެ މައްޗަށް އޮތް ޝައްޔާންގެ ހައްގުގައި ބުނެލާފަދައިން، ޝައްޔާން ސުވާލުކުރި އެވެ.
ހަސަދައާއި، ނަފްރަތާއި ނުތަވަސްކަމުން ޝައްޔާންގެ ހިތާއި ހަށިގަނޑުގައި ހުޅު ރޯވެފައިވާކަން އަމަރާއަށް ޔަގީންވި އެވެ.
"ވަޓް؟ ކޮން 'ކޭ' އެއް؟ ކީ ކޭ ކިޔަން ތިއުޅެނީ؟" ޝައުގުވެރިކަމެއް ނެތްކަން ދައްކާލަމުން އަމާރާ ބުނެލި އެވެ.
"އަހަރެންގެ އަތުގައި ކޮންމެ އަކުރެއް ފަވާލާފައި އޮތަސް، ޝައްޔާންއަށް ކޮންކަމެއް..؟ ކުއްލިޔަކަށް ހަތް އަހަރުފަހުން އަމިއްލަ ހައްގު އަހަރެންގެ މައްޗަށް އިއުލާންކުރަން އުޅުމުގެ ހުއްދައެއް ޝައްޔާންއަކަށް މިހާރަކު ނޯންނާނެ.." ހިތްހަމަ ނުޖެހިފައި މަޑުމަޑުން އަމާރާ ބުނެލިއިރު އޭނާގެ އަޑާއި ރާގު ބަދަލުވެއްޖެ އެވެ. ކިތަންމެ ރީތިކޮށް ލޮލުގެ މޭކަޕް ކޮށްލާފައި ވިޔަސް، ދެ ލޮލުން ކަރުނަ ވިދާލައިފި އެވެ.
"އަމާރާގެ އަތުގައި އަހަރެންގެ ނަމަށް ނިސްބަތްވާ އަކުރެއް ނޫނީ ނުލިޔެވޭނެ.. ތިއީ އަހަރެންގެ ހައްގެއް! އަމާރާގެ ދިރިއުޅުމުގެ ހުރިހައި ތަފްސީލެއް އަހަންނަށް އެނގެންޖެހޭނެ.. ކޭ އަކުރުން ފެށޭ ކާކު އަމާރާގެ ދިރިއުޅުމުގެ އެހައި މުހިއްމުމީހަކީ؟" ދަތްކުނޑިވިކާލާފައި ޝައްޔާން ސުވާލުކުރި އެވެ.
ހިތްގައިމު ލަވަތަކާއި ރީތި މިއުޒިކަށް އާއިލީ މެންބަރުންގެ ނެށުންތައް ކުރިއަށް ދިޔައީ އުފާވެރިކަމާއެކު އެވެ. ނަމަވެސް އެތަނުގައި ހިނގަމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއްވެސް ޝައްޔާންއަށް ނުވެ އެވެ.
"އެއީ ޝައްޔާންއާއި ބެހޭކަމެއް ނޫން" ޝައްޔާންގެ ރުޅިއާއި، އަމާރާގެ ކަންކަމުގައި ޝައްޔާންގެ މިޒާޖު ހުންނާނެ ގޮތް އެނގިހުރެވެސް، އަލިފާނަން ޕެޓްރޯލް އަޅާ ފަދައިން އަމާރާގެ ވަރުގަދަ ބަސްތަށް ގެންދިޔައީ ކުރިއަށެވެ. ޝައްޔާންގެ ދެ ލޮލުން އަލިފާންކަނި ބުރަ އެވެ. ދެ ލޯ ރަތްވެ، އޭނާގެ ކޯ ކަށިގަނޑު ބިންދައިގެން ދާވަރަށް ދަތްކުނޑި ވިކައިފި އެވެ.
"ތީގެ މާނައަކީ، ކޭ އަކުރުގެ ހަގީގަތެއް އަމާރާ ނުބުނާނަމޭތަ؟" އަމާރާއަށްޓަކައި ޝައްޔާންގެ ހިތުގައި އޮތް އަމިއްލަ ވަންތަކަމުގެ ހުރިހައި ސަހަރެއް ފަތަހަކޮށް، އެންމެ ފަހުގެ ރޮނގާއި ހަމައަށް އޭނާ ވާސިލްވީ އެވެ.
"ބުނަންޖެހޭ ސަބަބެއް ނެތް.. އަހަރެންގެ މައްޗަށް ޝައްޔާންގެ ހައްގެއް އޮތްކަމަށް ހީކޮށް، ގަދަ ދައްކަން ނޫޅޭ.." އަމާރާ ބުނި ޖުމުލައިގެ ބަރުމިން އޭނާއަށްވެސް އަންދާޒާ ނުކުރެވެ އެވެ.
ޖީބަށް ޖަހާލާފައި އޮތް ޝައްޔާންގެ ދެ އަތުގެ އިނގިލިތަށް ބިނދޭވަރަށް މުށްކަވާލީ އޭނާގެ ބޮލަށް އަރަމުންދިޔަ، ހޫނު ލޭގެ ބިޔަ ރާޅު މައިތިރިކުރެވޭތޯ އެވެ. ހަގީގަތް ފެންނަމުން ދިޔައިރުވެސް، ކައިވެނީގެ މަޖުލިސް ކުރިއަށް ދިއަޔަސް މިވަގުތު އަމާރާވެސް ގޮތް ދުލެއް ނުކުރި އެވެ.
"ޝައްޔާންގެ އަގުބޮޑު، ވަގުތުތައް ބޭކާރު ނުކުރޭ.. ޒަޔާނާއަށް ޝައްޔާން ފޯކަސް ކުރޭ.. އެއީ ޝައްޔާންގެ މުސްތަގްބަލް.. އަހަރެންނަކީ ޝައްޔާންގެ ދުނިޔޭގެ ހިއްސާއެއް ނޫން.." ދަގަނޑުފަދަ ހިލަ، އަދި ޒަހަރުފަދަ ވިހަގަދަ ބުނެލުމަކުން އަމާރާ ޝައްޔާންގެ ހިތް ފުނޑުފުނޑުކޮށްލި އެވެ.
ޝައްޔާންގެ ދެ ލޮލުން ބުރަމުންދިޔައީ ނަފްރަތުގެ އަލިފާނެވެ. ހާލަތާއި ވަގުތު އަދި މާހައުލުގެ ނާޒުކުކަމަށް އޭނާގެ ފަރުވާލެއް ނެތެވެ.
"އަމާރާގެ ރުޅިއާއި ގޮތްދޫނުކުރުމުގެ މިޒާޖު އަހަރެންގެ ކުރިމަތީގައި ނުދެއްކޭނެ އިނގޭ.." ހޫނު ގަދަ ބަހުގެ ހަމަލާތަކެއް ބަދަލުވަމުން ދިޔައިރު ދެމީހުން ވަށައިގެން އެތަށް ލޮލެއް އެ މެހެފިލްގައި ހާޒިރުވެތިބިކަމުގެ އިޝާރާތެއްވެސް ދެމީހުންނަށް ނުވާފަދަ އެވެ. ދޮންބެއާއި ދޮންތަގެ ލޯބިވާ ދެ ކޮއްކޮގެ ހަޔާތުން އެންމެ މުހިއްމު ވަގުތުކޮޅު ކުރިއަށް ދަނީ އެވެ. ދެމީހުންގެ ނަޒަރު އެންމެ ފަހަރަކުވެސް އެ މިސްރާބަށް ދަތުރުނުކުރެ އެވެ.
"ރުޅިއާއި، ގޮތްދޫނުކުރުން..، ސީރިއަސްލީ..؟ ޝައްޔާންއަށް އެކަންކަން ދައްކައިގެން އަހަންނަށް ހާސިލްވާނެ އެއްޗެއް އެބައޮތްތަ؟ ތިޔަބުނާ ފަދަ ހަކަތައެއް ޝައްޔާންއަށްޓަކައި ހޭދަކުރުމަކީ، ބޭކާރުކަމެއް؟" ލައިގެން ހުރި އައިވަރީ ކްރީމް ކުލައިގެ ހެދުމުގައި އަމާރާ ކުއްލިޔަކަށް، ފުރަގަސްދިނީ ޝައްޔާންއާއި ދުރަށް ދިއުމަށެވެ. އޭނާގެ ނަލަ ހެދުމާއި، ހިތްގައިމު އެ ކުލަ އަމާރާގެ ހަށިގަނޑާއި ނުހަނު ގުޅެ އެވެ.
މުޅި މެހެފިލްގައި ހުރި އެންމެ ހިތްގައިމު ރާނީއަކީ އަމާރާކަން ޝައްޔާންއަށް ފާހަގަވީ އެ ސިކުނތުގަ އެވެ. އަމާރާގެ ޝިފޯން ހެދުމުގެ ތުނިތުނި ފަށަލަތަށް ވައިގެ ތެރޭގައި ހޫރިގެން ދިޔައީ އޭނާ އެނބުރުނުލެއް ބާރުކަމުންނެވެ. (ނުނިމޭ)