އެމްޑަބްލިޔުއެސްސީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، ފެނާއި ނަރުދަމާގެ 27 މަޝްރޫޢެއްގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މަޝްރޫއުތައް ދިގުދެމިގެން ގޮސްފައިހުރީ އެކި ކަހަލަ ގޮންޖެހުންތައް ހުރުމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ބައެއް ފަހަރު މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން އުނދަގޫވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަނެ، މިހާރުން ފަށައިގެން، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑަައިގެންނެވި ފަހުން 42 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށް 39 ރަށުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހިންގައި ނިންމާފައި ވެއެވެ.
އަދި އެމަނިކުފާނުވަނީ ކުރިއަށް އޮތް 18 މަސް ތެރޭ އިތުރު 51 ރަށެއްގައި ފެނުގެ ނިޒާމު އަދި 40 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވައި ނިންމަވާނެކަން އިއުލާނުކުރައްވާފައި ވެއެވެ.