އިލެކްޝަންސް ކޮމިޝަނުން މިފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ދިހަ އަކުން ފެށިގެން 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަންޖެހޭނީ އީސީގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ. އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ވީހާވެސް އަވަހަކަށް ރަޖިސްޓަރީގެ މައުލޫމާތު ޗެކްކޮށް، ރީ-ރަޖިސްޓަރީވާންޖެހޭ ފަރާތްތަކުން އެކަން ފުރިހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެ އެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އެސް.އެމްއެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެ އެވެ. އަދި، ކޮމިޝަނުގެއޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށްވެސް ޗެކް ކުރެވޭނެ އެވެ.
މި އަހަރުގެ އެޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށައަޅާފަ އެވެ.
އެ ގޮތުން ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އަދި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އިންތިހާބު ކުރާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިހާބުކުރާނެ އެވެ.
އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.