ބަންގްލަދޭޝްގެ އައު ބޮޑުވަޒީރަށާއި ކެބިނެޓުގެ މެންބަރުންނަށް މަޤާމުގެ ހުވާ ލައިދެއްވީ، ބަންގްލަދޭޝްގެ ރައީސް، މުހައްމަދު ޝަހާބުއްދީން އެވެ. މި ރަސްމިއްޔާތުގައި އަވަށްޓެރި އަދި ރަޙުމަތްތެރި ގައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އޭނަ ހުވާ ކުރައްވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައެެއް ގައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވަޑައިގަތެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަނެ އެވެ.
ޖުމްލަ 350 ގޮނޑި ހިމެނޭ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ 212 ގޮނޑި ބީއެންޕީ އިސްވެ އޮތް އިއްތިހާދުން ކާމިޔާބު ކުރިއިރު، ޖަމާއަތު އިސްލާމީ އިސްވެ އޮތް 11 ޕާޓީގެ އިއްތިހާދުން 77 ގޮނޑި ކާމިޔާބުކޮށް އިދިކޮޅު ފަރާތަށް ވަނީ ވެފަ އެވެ. ނަމަވެސް، 2024ގެ ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ދަރިވަރުންގެ ލީޑަރުން އުފެއްދި އާ ޕާޓީއަށް ލިބުނީ ހަ ގޮނޑި އެވެ.
މިއީ، 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން، ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އައި ފަހުން ބޭއްވި ފުރަތަމަ އާންމު އިންތިހާބެވެ.
ޝެއިޚް ހަސީނާގެ އަވާމީ ލީގަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައި ނުވާއިރު، އޭނާ މިހާރު ހުންނެވީ އަރުވާލެވިގެން އިންޑިއާގައެވެ.
ސަތާރަ އަހަރު އަރުވާލެވިގެން އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ތާރިގް ރަހުމާން ވަނީ އޭނާގެ އަމިއްލަ ދާއިރާ ކަމަށްވާ ބޮގުރާ-6 އިން ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބުކުރައްވާފަ އެވެ. ބީއެންޕީން ބުނެފައިވަނީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، ތާރިގް ރަހުމާން ވެގެންދާނީ ބަންގްލަދޭޝްގެ ދެން ހުންނާނެ ބޮޑުވަޒީރަށް ކަމަށެވެ.