މިއަދު މެންދުރުފަހު މި ރަސްމިއްޔާތު އޮތީ، ޑާކާގެ ނޭޝަނަލް ޕާލިމަންޓުގަ އެވެ. ބަންގްލަދޭޝްގެ އާ ބޮޑުވަޒީރަށާއި ކެބިނެޓުގެ މެންބަރުންނަށް މަގާމުގެ ހުވާ ލައިދެއްވީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން އެވެ.
މި ރަސްމިއްޔާތުގައި އަވަށްޓެރި އަދި ރަޙުމަތްތެރި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ބަންގްލަދޭޝްއަށް އަލަށް އިންތިހާބުވެވަޑައިގަތް ބޮޑުވަޒީރު، ތޯރިގު ރަހްމާންގެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު ވަނީ ބޮޑުވަޒީރާ ބައްދަލުކުރައްވައިފަ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުވަޒީރާ އެކު ކުރިއަށް ދިޔައީ ކާމިޔާބު ބައްދަވުމެއް ކަަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނާއި އާ ސަރުކާރަށް މަރުހަބާ ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
ޖުމްލަ 350 ގޮނޑި ހިމެނޭ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ 212 ގޮނޑި ބީއެންޕީ އިސްވެ އޮތް އިއްތިހާދުން ކާމިޔާބު ކުރިއިރު، ޖަމާއަތު އިސްލާމީ އިސްވެ އޮތް 11 ޕާޓީގެ އިއްތިހާދުން 77 ގޮނޑި ކާމިޔާބުކޮށް އިދިކޮޅު ފަރާތަށް ވަނީ ވެފަ އެވެ. ނަމަވެސް، 2024ގެ ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ދަރިވަރުންގެ ލީޑަރުން އުފެއްދި އާ ޕާޓީއަށް ލިބުނީ ހަ ގޮނޑި އެވެ.
މިއީ، 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން، ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އައި ފަހުން ބޭއްވި ފުރަތަމަ އާންމު އިންތިހާބެވެ.
ޝެއިޚް ހަސީނާގެ އަވާމީ ލީގަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައި ނުވާއިރު، އޭނާ މިހާރު ހުންނެވީ އަރުވާލެވިގެން އިންޑިއާގަ އެވެ.
ސަތާރަ އަހަރު އަރުވާލެވިގެން އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ތާރިގް ރަހުމާން ވަނީ އޭނާގެ އަމިއްލަ ދާއިރާ ކަމަށްވާ ބޮގުރާ-6 އިން ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބުކުރައްވާފަ އެވެ. ބީއެންޕީން ބުނެފައިވަނީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، ތާރިގް ރަހުމާން ވެގެންދާނީ ބަންގްލަދޭޝްގެ ދެން ހުންނާނެ ބޮޑުވަޒީރަށް ކަމަށެވެ.