ރޯދަމާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ގޭބިސީތަކުން ނެރޭ ކުނީގެ އަދަދުތައް އިތުވެގެން އާދެއެވެ. އެގޮތުން އުކާލާތަކެތީގެ ތެރޭގައި ފާރުނީޗަރާއި ގޭގައި ހިފާ ގެންގުޅޭ ސާމާނުތައް ހިމެނެއެވެ.
މިއަހަރަށް ރޯދަ ފެށުމާއި އެކު ގޭބިސީތަކުން ނެރޭ ކުނީގެ މައްސަލަ އެންމެ ބޮޑުވެފައި މިވަނީ ހުޅުމާލޭގައެވެ. ރޯދަމާއި ދިމާކޮށް ހިޔާ ފްލެޓްގެ އެޕާޓްމަންޓުތަކުން ނެރުނު ކުނިން މުޅިތަން ވަނީ ގޮނޑުކޮށްލާފައެވެ. އެގޮތުން ލިޓްތަކަށް އަރަން މީހުން މޑުކޮށްލާ ސަރަހައްދަށް ކުނި އަޅާ ފުރާ މުޅިތަން ވަނީ ގޮނޑަކަށް ހަދާލާފައެވެ.
މި ކުނިތަކުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. ފޮޓޯތަކުން ވަނީ މުޅި ސަރަހައްދު ފުރާލާފައިވާ ކުނިތައް އެޗްޑީސީގެ މުވައްޒަފުން ނަގާ ސާފުކުރަމުން ދާ މަންޒަރެވެ.
ހިޔާ ޓަވަރަށް އަޅާފައިވާ ކުނިތައް އެޗްޑީސީ މުވައްޒަފުން ނަގަނީ
އެޗްޑީސީން ބުނީ ހިޔާ ޓަވަރަށް ކުނި އަޅާ މީހުން ފާހަގަކުރެވި އެ ފަރާތްތަކަށް އެކަން ނުކުރަން އަންގަމުން އަންނަކަމަށެވެ.
ދާދީ ފަހުން މި މައްސަލަ ވަނީ ހުޅުމާލޭގައި ތަރައްގީ ކުރި ފަހި ދިރިއުޅުން ފްލެޓްތަކަށްވެސް ދިމާވެފައެވެ. އެތަނުގައި އަލަށް އާބާދުވާން ފެށި ބައެއް މީހުން އެ ސަރަހައްދަށް ކުނި އަޅާ ގޮނޑަކަށް ހަދާލިއެވެ. އެފްޑީސީން ކުނިތައް ނެގުމުން ދެވަނަ ފަހަރަށްވެސް ކުނި އަޅާ ފުރާލިއެވެ. އެންމެފަހުން އެފްޑީސީން ވަނީ ކުނި އަޅާ މީހުން ފާހަގަކޮށް ޖޫރިމަނާކުރަން ފަށާފައެވެ. އަދި ދެ މީހަކު 8000 ރުފިޔާއިން ޖޫރިމަނާވެސް ކުރިއެވެ.