މިއީ، 2024 ވަނަ އަހަރު ފެމެލީ ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލައެކެވެ. އެއީ، ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިޔާވުމުގެ ކުރިން އަނބިމީހާ ވަރިކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
އެކަމަކު އެ މައްސަލަ ފެމިލީ ކޯޓުން ކާމިޔާބު ނުވުމުން ދަރިން، ދެން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުންވެސް ދަރިންނަށް އެ މައްސަލަ ކާމިޔާބު ނުވުމުން މިހާރު އެ މައްސަލަ ސުޕްރީމް ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ.
ބައްޕަ ނިޔާވިއިރު ދޮންމަންމަ ހުރީ ވަރިކޮށްފައިކަން ސާބިތުކުރަން ހުށަހެޅި މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުންވަނީ އަމުރެއް ނެރެ، ތަރިކަ މައްސަލަ ހުއްޓުވައިފައެވެ. މިއީ ދަށު ކޯޓާއި ހައިކޯޓުގައި ވެސް އާއްމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންގޮސްފައިވާ މައްސަލައެއްކަމުން މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތުވަނީ ސިއްރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލަނީ، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ޑރ. މުހައްމަދު އިބްރާހީމް އަދި މުހައްމަދު ސަލީމްއެވެ.