އާދަޔާ ހިލާފަށް ވަރުބަލިވުމުން ދުރުހެލިވުމަށްޓަކައި ހާރުގައި ކާނާގެ ބާވަތްތައް އިހުތިޔާރު ކުރާ ގޮތް ބަދަލުކުރަންޖެހެއެވެ. ފަތިސް ނަމާދު ވަގުތު ކައިރިކޮށް ހާރު ކެއުމަކީ މުޅި ދުވަހު ހަކަތަ ހުރުމަށް އެހީތެރިވެދޭ ކަމެކެވެ. ހާރުގައި ބޭނުންކުރަންވާނީ ގިނަ ވަގުތު ހަށިގަނޑުގައި ހަކަތަ ހިފަހައްޓައިދޭ ކާނާގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ބިހާއި، އޯޓްސް އަދި ތަފާތު މޭވާ ހިމެނެއެވެ.
މީގެ އިތުރުން ރޯދަ ވީއްލާ ވަގުތުން ފެށިގެން ހާރާ ހަމައަށް ދެ ލީޓަރާއި ތިން ލީޓަރާ ދެމެދުގެ ފެން ބުއިމަކީ ބޯ އެނބުރުމާއި ވަރުބަލިވުމުން ދުރުކޮށްދޭނެ ކަމެކެވެ. ނަމަވެސް އެއްފަހަރާ ގިނަ ފެން ބުއިމުގެ ބަދަލުގައި މަޑުމަޑުން ފެން ބުއިމަށް ސަމާލުކަން ދޭންޖެހެއެވެ. ރޯދަ ވީއްލާއިރު ފުރަތަމަ ކުޑަ މިންވަރަކުން ކެއުން ފެށުމަކީ ހަށިގަނޑަށް ލުއިވާނެ ކަމެކެވެ.
ކަދުރުން ރޯދަ ވީއްލުމަކީ ހަށިގަނޑަށް ބޭނުންވާ މާއްދާތައް އަވަހަށް ލިބިގަތުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް ތެޔޮ އެއްޗިއްސާއި، މާ ގިނައިން ހަކުރު ހިމެނޭ ތަކެތި ބޭނުންކުރުމުން ދުރުހެލިވާންޖެހެއެވެ. މިފަދަ ތަކެތީގެ ސަބަބުން ބަނޑު ފުއްޕުމާއި ނުތަނަވަސްވުން ދިމާވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ހަށިގަނޑަށް ލުއި އަދި ފައިދާހުރި ކާނާ ބޭނުންކުރުމުން ރޯދަ މަހުގެ އަޅުކަންތައް ކުރުމަށް ފަސޭހަވެގެންދާނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;