ގިނަ ދުވަސްތަކެއް ވަންދެން މި ދެ ތަރިންގެ ގުޅުމާ ބެހޭ ގޮތުން ދެކެވެމުން އައި ވާހަކަތަކަށް ނިމުމެއް އައީ، ނޫސްވެރިއަކު ކައިވެންޏަށް މަރުހަބާ ކިޔުމުން ރަޝްމިކާ އެކަން ގަބޫލުކުރުމާ ގުޅިގެންނެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެ ތަރިންގެ ކައިވެނި ކުރަން ހަމަޖެހިފައިވަނީ މި ފެބުރުއަރީ މަހުގެ ސައްބީސް ވަނަ ދުވަހުއެވެ.
މި ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ރާޖަސްތާންގެ އުދައިޕޫރުގައެވެ. މިއީ ވަރަށް މަދު ބަޔަކަށް ދައުވަތު ދީގެން، އާއިލާ އާއި ގާތް ރައްޓެހިންނާއެކު ބާއްވާ ހަފުލާއެކެވެ. ރަޝްމިކާ އާއި ވިޖޭގެ ލޯބީގެ ގުޅުން ފެށުނީ ދެހާސް އަށާރަ ވަނަ އަހަރު ނެރުނު ފިލްމު "ގީތާ ގޯވިންދަމް" އާއި ދެހާސް ނަވާރަ ވަނަ އަހަރުގެ "ޑިއާ ކޮމްރޭޑް" ގައި އެކުގައި މަސައްކަތް ކުރި ހިސާބުންނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހައިދަރުއާބާދުގައި މި ދެ ތަރިން ވަނީ ސިއްރުން އެންގޭޖްވެފައެވެ.
ކައިވެނީގެ ހަފުލާ ސިއްރުކޮށް ބޭއްވުމަށްޓަކައި މީޑިއާއަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޓަނޭޝަނަލް ސެކިއުރިޓީ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މި ހަބަރާއެކު ސޯޝަލް މީޑިއާގައި ފޭނުން އަންނަނީ ވަރަށް ބޮޑަށް އުފާ ފާޅުކުރަމުންނެވެ. ކައިވެންޏަށްފަހު ފިލްމީ ދާއިރާގެ ރައްޓެހިންނަށް ހާއްސަކޮށްގެން މާޗު މަހުގެ ހަތަރު ވަނަ ދުވަހު ހައިދަރުއާބާދުގައި ބޮޑު ރިސެޕްޝަނެއް ބޭއްވުމަށް ރާވާފައިވާ ކަމަށް ރިޕޯޓުތަކުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;