ތެދު ހާމަވެއްޖެ އެވެ. އަޑު އަހާފައި ހަޖަމުވެސް ނުކުރެވުނެވެ. ސުވާލަކީ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
މަޑުމަޑުން އައިސް ޝައްޔާންގެ ދާދި ގާތުގައި އަމާރާ އިށީނެވެ. އަތް މަތީގައި، އަތް ބާއްވާލާފައި ފިރުމާލީ މަޑުމަޑުންނެވެ. ކޮނެ،ފުނުގައި ވަޅުލާފައި އޮންނަ ހަގީގަތަކީ ބަރު އެއްޗެކެވެ. އެ އުފުލާނެ ހިތެއް، ސިކުނޑިއެއް ނުވަތަ ކަނދުރާއެއް ޝައްޔާންއަށް ލިބިގެން ނުވެ އެވެ.
"ހަގީގަތް މި ބުނެދިނީ..!" ޝައްޔާންގެ އިނގިލަތުގައި އަމާރާ ފިރުމާލި އެވެ.
"ރުޅިއާއި ނަފްރަތުގެ އަލީފާނުން ދިން އިންޒާރަށްފަހު އަހަރެން، ޝައްޔާންގެ ހިޔާވައްސެއްގައި ހުންނާނެހެން ހީވޭތަ؟ ނޫނީ ޝައްޔާން ފެންނަ ހިސާބުގައި އެހާލުގައި އަހަރެން ހުންނާނެތަ؟" އަމާރާ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ.
މާޔޫސްކަމާއި ނަފުސުގެ ކުއްވެރި ހާލުގައި އަމާރާއާއި ދިމާއަށް ޝައްޔާން ބަލައިލި އެވެ. ފެން ކަޅިވެފައިވާ ދެ ލޯ ކަރުނުން ފުރިއްޖެ އެވެ. އަހަރެން ހީކުރީ އަހަރެންގެ އަމާރާ، ދުނިޔޭގެ ލޯ ތަކުގެ ނަޒަރުން ނުބަލާނެ ކަމަށް.. އަހަރެން ދޫކޮށްލާފައި އަހަރެންގެ އަމާރާ ދުވަހަކުވެސް ދާނެކަމަށް އަހަރެން ހިޔެއް ނުކުރަން..!" އަސަރުން ފުރިގެންވީ ބުނެލުމެކެވެ.
ޝައްޔާންގެ މިޒާޖާއި އޭނާގެ ހަގީގަތް އެނގިހުރެ، 'މައާފު'ގެ އަޑު އިވޭނެކަމަށް އަމާރާ އުއްމީދެއްވެސް ނުކުރެ އެވެ. ހިނި އައީ ކުޑަކުއްޖަކު ފަދައިން ޝައްޔާން ތުންފިއްތާލީތީ އެވެ.
ކަރުކެހިލާފައި ޝައްޔާންގެ މޫނުގެ ދެފަރާތުގައި ހިފާލާފައި އަމާރާއާއި ދިމާއަށް އަނބުރާލި އެވެ.
"ފޮތްތަކާއި ކިޔެވުމާއި ހޮސްޕިޓަލުގެ ޑިއުޓީ ނޫން އެހެން އެއްވެސް އެއްޗެއް އަހަންނަށްޓަކައި ވުޖޫދުގައި ނެތް ހާލަތެއްގައި، ކުއްލިޔަކަށް މި ހިތް ފަތަހަކުރި ހަމައެކަނި އިންސާނަކީ ޝައްޔާން.. ދުވަހަކުވެސް އެހެން އިންސާނަކާއި ދިމާއަށް އަހަރެން ބަލާލާނެކަމަށްވެސް ޝައްޔާން ހީކޮށްގެން ނުވާނެ.. އަހަރެންގެ އިހްތިޔާރުގައި އޮތްކަމެއް ނޫން ލޯބި ވުމަކީ.. އެ ހައްގު އަހަރެންގެ ކިބައިން ނިގުޅައިގަތީ ހަމައެކަނި ޝައްޔާން.. ދުނިޔެ ނިމުނަސް، އެކަން ބަދަލެއް ނުވާނެ.. ޝައްޔާންއާއި ނުލައި އެންމެ ދުވަހެއްވެސް އަހަރެން އުއްމީދެއް ނުކުރަން.. ޒަޔާނާގެ ކޮންމެ ހަމަލާއަކަށް އަދި ދުރާއި ގާތުން އަންނަ ކޮންމެ ހަމަލާއަކަށް ދެމީހުން އެކުގައި ކުރިމަތިލެވުނީސް.. އަހަރުމެންނަށް ކާމިޔާބުވެސް ވާނެ! އެކަމަކު ޝައްޔާންގެ ނަޒަރުގައި އެދުވަހު އަހަންނަކީ ކުށްވެރިއެއް.. ހުރިހައި ކަމެއްގެ ތުހުމަތު އެޅުވީ އަހަރެންގެ ބޮލުގައި.. އެހެން މީހަކާއެކު އެހަރެންގެ ފިރިމީހާގެ ސޫރަ ދެކެން އަހަންނަށް ކެތްވާނެތަ..؟" ތުރުތުރު އަޅުވާލާފައި އަމާރާ ބުނެލީ ހިތްދަތިކަމާއެކު އެވެ.
"ޝައްޔާންއަށް އިތުރު އުނދަގުލެއް ނުވަތަ ހިތްދަތިކަމެއް ދީގެން، ދިރިއުޅުން ދަތިކުރާން އަހަރެން ބޭނުން ނުވީ.. ޝައްޔާން ދޫކޮށްލާފައި ދިޔައީ އަހަންނެއް ނޫން.. އަހަރެން ދޫކޮށްލީ، ޝައްޔާން.." މަޑުމަޑުން އަމާރާ ބުންޏެވެ.
ހަށިފުރާއި ނޭވާއެއްލާފައި އަމާރާގެ މޫނަށް ޝައްޔާން ބަލައިލި އެވެ. ''އައި އެމް ސޮރީ މައި ލަވް" އަސަރާއެކު ޝައްޔާން މައާފަށް އެދުނެވެ. އަމާރާގެ ހުރިހައި ޝަކުވާއެއް ހިތާއި ސިކުނޑިން ފިލައި ދިޔަފަދަ އެވެ. ޝައްޔާންގެ 'ސޮރީ'ލަފްޒަކީ އަމާރާއަށް އަގުހުރި ޖަވާހިރަކަށް ވުރެން، މުހިއްމު އެއްޗެކެވެ.
"އަހަރެން ހީކުރީ، ހީއަކަށްވެސް އަހަރުމެން ދެމީހުންގެ ކަމެއް ފެންމަތިވެއްޖިއްޔާ އަމާރާއާއި އަމާރާގެ އާއިލާއަށް ދިރިއުޅެން އުނދަގޫވާވަރަށް މީޑިއާގެ ތުރާ އަންނާނެކަމަށް.. ހިތް ބިރުގަތީ، އަމާރާގެ މިނިވަންކަން ގެއްލި ދިރިއުޅެން އުނދަގޫވެދާނެތީ" އަމާރާގެ ދެއަތް ޝައްޔާންގެ އަތުގެތެރޭގައި ބޮނޑިކޮށްލި އެވެ.
"ހުރިހައި ރުޅިއެއް ބާލައިލެވުނީ އަމާރާއަށް.. އަހަރެންގެ ރުޅި މަޑުވެ، ހަމަޔަކަށް އެޅުމުން އަމާރާ ހޯދަން ދިޔައިން.. އެކަމަކު މާބޮޑަށް ލަސްވީ! އަހަރެން ދިޔައިރު އަމާރާ ހިނގައްޖެ! އަހަރެން ހީކުރީ، އަހަންނަކީ އަމާރާއަށް އެއްވެސް މީހަކަށް ނުވީކަމަށް.. އަމާރާއާއި އަހަރެން އެކަށީގެން ނުވަނީ ކަމ..
ޝައްޔާންގެ ދެ ތުންފަތުގައި އަމާރާ އިނގިލި އަޅައި އިތުރު އެއްޗެއް ނުބުނަން އިޝާރާތްކުރި އެވެ.
"ޝަކުވާއާއި ރިހުމުން ކިތަންމެ ކަރުނައެއް އެޅިޔަސް އަހަރުމެންނަށް ލިބޭނެ ކުރިއެރުމެއް ނެތް.. ކިސްވާއަށް ޝައްޔާންއަކީ އެދަރިފުޅުގެ ހަގީގީ ބައްޕަކަން ބުނެދޭނެ ގޮތެއް ވިސްނަބަލަ.." އަމާރާގެ ބުނެލުމާއެކު ޝައްޔާން ތެޅިގަތެވެ. ވިސްނާލުމަށްފަހު ސޯފާއިން ތެދުވެ، އަމާރާގެ ކުރިމަތީގައި ކުޑަކަކޫޖަހައި ތިރިވި އެވެ.
"އަހަރެން ހަދަންވީ ގޮތެއް އަމާރާ ބުނޭ... ހަގީގަތް ނޭގިވެސް އަހަރެން މިއައީ އެހެން ހުރިހައި ކަމެއް ހައްލުކޮށްފައި.. ދެން އޮތީ އަހަރެންގެ ކުއީންއާއި ޕްރިންސެސްއާއި ކުރިމަތިލުން.. އެކަން އަހަންނަށް ފަސޭހަ ކޮށްދީ، ޕްލީޒް!" ދެ އަތް ޖޯޑުކޮށްލާފައި ލޯބިގޮތަކަށް ޝައްޔާން ބުންޏެވެ.
"ބައްޕައަކީ ކާކުކަން އެނގުމަކީ ކިސްވާގެ ހައްގެއް!" މަޑުމަޑުން އަމާރާ ބުނެލި އެވެ.
"އެކަމަށްޓަކައި ކޮންމެ ކަމެއް ކުރާންޖެހުނަސް އަހަރެން ތައްޔާރު..!" ކެތްތެރިކަން ކުޑަވެފައި ޝާއްޔާން ބުންޏެވެ.
"ތިކަމަށް އަހަރެން ވަގުތު ބޭނުން.. މި ހަގީގަތް ކިސްވާއަށް ބުނެދިނުން އަހަންނަށް ފަސޭހައެއް ނުވާނެ.." އަމާރާ ބުނެލީ ހަގީގަތެވެ.
"ގަބޫލުކުރަން..! އެކަމަކު އަހަންނަށް ވަގުތެއް ނެތް.. އެދަރިފުޅާއި ދުރުގައި ދެން ނޫޅެވޭނެ.. ހުރިހައި އެއްޗެއް ދޫކޮށްލާފައި އަހަރެން މިއައީ އަހަރެން ލޯބި ހާސިލްކުރަން.. ކިސްވާއާއި ވާހަކަ ދައްކަން ބޭނުން.. ހަގީގަތް ބުނެދޭން ބޭނުން.. އެކަން އަހަންނަށް ދޫކޮށްލާ..!" އަމާރާގެ ދެއަތުގައި ހިފައި ބޮނޑިކޮށްލަމުން ޝައްޔާން ބުނެލީ އަސަރާއެކު އެވެ.
"ހަޔާތުގައި އަހަންނަށް ކުރެވުނު އެންމެ ރަގަޅު ހަމައެކަނި ކަމަކީ ސިއްރުންވިޔަސް ބްލެކްމެއިލްކޮށްގެން ވިޔަސް އޮޅުވާލައިގެން ވިޔަސް އަމާރާއާއި ކައިވެނިކުރެވުން.. އެހެންނޫންނަމަ މިހާރު އަހަރެންގެ ދުވަސ..." މިފަހަރުވެސް ޝައްޔާން ހުއްޓުވީ އަމާރާ އެވެ.
އެފަދަ ވާހަކަ ނުދެއްކުމަށް އެދުނެވެ. ރިހުމާއި ވޭނުން ދެމީހުންގެ ހިތް ރޮމުންދިޔައީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރުލިބިގެންނެވެ.
"ލެޓް މީ ފިކްސް ދިޒް އަމާރާ" ޝައްޔާން މާނަކުރީ ކިސްވާއަށްކަން އަމާރާއަށްވެސް އެނގެ އެވެ.
"އަހަރެންގެ ކުއީންއާއި ޕްރިންސެސް އަހަންނަށްޓަކައި ފަހުރުވެރިވާ މީހަކަށް ވުމަށް އަހަންނަށް ފުރުސަތު ދީ ޕްލީޒް، ލަވް! އަހަރެން ކުރި ކުށް އިސްލާހްކުރަން ފުރުސަތު ދީ ޕްލީޒް.. އަމާރާދެކެ ލޯބިވުމާއި އަހަރުމެންގެ ދަރިއަކު ދުނިޔޭގައި ހުރުން ނޫން އެހެން އެއްކަމެއްވެސް އަހަންނަށް ރަގަޅަށް ކުރެވިފައެއް ނެތް.. އަހަރެންގެ ޒިންމާ އަދާކުރަން އަހަންނަށް ފުރުސަތު ދީ ޕްލީޒް ލަވް!" އަސަރާއެކު ޝާއްޔާން ބުނަމުންދިޔައިރު އޭނާގެ ތުންބުޅި ދިޔައީ ތެމެމުންނެވެ.
.................
މަޑުމަޑު އަޑަކާއެކު ކިސްވާގެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައީ ހިތްތަށް ފުރިގެންދާފަދަ މަޑުމަޑު މީރުވަހަކާއެކު އެވެ.
ކުޑަކުޑަ ޕްރިންސެސްގެ ހިތްގައިމު ކޮޓަރިއަށް ޝައްޔާން ބަލައިލި އެވެ. ފުރިހަމަ ކަމުގެ ލާމަސީލެކެވެ. ކިސްވާދެކެ އަމާރާ ވާ ލޯބި ސާބިތުކޮށްދޭކަށް ނުޖެހެ އެވެ. ރީތި އަހްލާގާއި މާތް ގުޅުންތަކާއި އޯގާތެރިކަމާއި އިހްތިރާމްކުރުމާއި ހިތްހެޔޮކަމާއި އެހެން މީހުންނަށް އެހީތެރިވުމަށް އަމާރާ ދަސްކޮށްދިފައި އެބަހުއްޓެވެ. އުމުރަށްވުރެން އެތަށްގުނައެއް މަތީން އެދަރިފުޅަށް ތައުލީމް ދީފައި އެބަހުއްޓެވެ. އެހެން މީހުންތެރޭގައި އުޅެން އިނގޭ، ބަސްއަހައި ކިޔަމަންތެރި ކުއްޖެކެވެ. ދީނަށް ލޯބިކުރާން ދަންނަ ދަރިއެކެވެ. މުޅި އުމުރު ހުސްވާންދެން ހިދުމަތްކުރިޔަސް އަމާރާގެ މަސައްކަތުގެ އަގު އަދާނުކުރެވޭނެކަން ޝައްޔާން ގަބޫލުކުރި އެވެ. ފަނޑުއަލިކަމުގައިވެސް ކޮޓަރީގެ ހިތްގައިމުކަން އިންތިހާ އެވެ. ހުދުކުލައާއި މަޑު ފިޔާތޮށިކުލައިން މުޅި ކޮޓަރި ޒީނަތްތެރިކޮށްލާފައިވާއިރު، ތަރުތީބު ގެއްލިފައިވާ އެންމެ އެއްޗެއްވެސް އެތަނުގައި ނެތެވެ.
ތަފާތުކަމެއް ކޮޓަރިތެރެއިން ފާހަގަވުމުން ހޭލެވޭ ފަދައިން ކިސްވާގެ ލޯ ހުޅުވާލި އެވެ.
"މަންމާ.." ނިދީގެ ތެރެއިން ދެ ލޯ އުނގުޅާލާފައި ރަގަޅަށް ބަލައިލި އެވެ.
"ޕާޕާ..؟" ހައިރާން ވެފައި ކިސްވާ ބަލައިލީ ޝައްޔާން އަށެވެ.
އަވަސް އަވަހަށް ކިސްވާއާއި ހަމައަށްގޮސް މަގަތުން ކިސްވާގެ ގާތުގައި އަމާރާ އިށީނެވެ. ބާރަށް ތެޅެމުންދިޔަ ހިތަކާއެކު ލަސް ފިޔަވަޅުތަކުގައި ކިސްވާގެ އެނދާއި ޝައްޔާން ގާތްވަމުންދިޔަ އެވެ.
"ކިސްވާ، މަންމަގެ ލޯބިވާ ދަރިފުޅުގާތުގައި ވަރަށް ބޮޑު ވާހަކައެއް ބުނަން މަންމަ މި އައީ..'' ލޯބިން ފުރިފައިވާ ފިރުމާލުމަކުން އެ ދަރިފުޅުގެ ބޮލުގައި އަމާރާ ފިރުމާލި އެވެ.
"ބައްޕައާއި ބައްދަލުވާނެ ދުވަހެއްގެ ވާހަކަ މަންމަ ގާތުގައި ދަރިފުޅު ސުވާލުކުރިން ދޯ..!'' ދާދި ގާތުގައި ހުއްޓުނު ޝައްޔާންގެ އަތުގައި ހިފާލާފައި އަމާރާ އެދުނީ ކިސްވާއާއި ގާތަށް އައުމަށެވެ. ފިނިވެފައިވާ ދެއަތުގެ އިނގިލިތަށް ތުރުތުރުއަޅަމުން ދިޔަކަން އަމާރާއަށް ފާހަގަކުރެވުމުން ޝައްޔާންއަށް ހިތްވަރު ދިނުމަށް އަތުގައި ފިރުމާލި އެވެ.
"މިއީ ދަރިފުޅުގެ ހަގީގީ ބައްޕަ..! ޕާޕާ ކިޔަސް، ބައްޕަ ކިޔަސް މަންމަގެ މައްސަލައެއް ނެތް.. ދަރިފުޅު ބޭނުން ނަމަކުން ކިޔަންވީ.. މިއީ ދަރިފުޅުދެކެ ލޯބިވާ، ދަރިފުޅުގެ ބައްޕަ.." ކަރުނައިގެ ތެރެއިން ހިނިތުންވާން މަސައްކަތްކުރަމުން އަމާރާ ބުނެދިނީ ދަރިފުޅަށް ވިސްނޭނެހައި ލަސްލަހުން، ވިސްނައިގެންނެވެ.
ވިސްނާލާފައި ޝައްޔާންއަށް ބަލައިލުމަށްފަހު އަނެއްކާވެސް ކިސްވާ ބަލައިލީ އަމާރާ އަށެވެ.
"ކުރިންވެސް އެއީ ކިސްވާގެ ޕާޕާ.." އަމާރާ ހަނދާންނެތިފައި ހުރިފަދަ ނަޒަރަކުން ބަލައިލަމުން ކިސްވާ ބުނެލީ އާދައިގެ ގޮތަކަށެވެ.
"މަންމަ ބުނީމެއްނުން ކިސްވާގެ ރިއަލް ބައްޕަ ވީ މަސައްކަތްކުރަން ގޮސް ވަރަށް ދުރު ރަށެއްގައޭ.. އެ ރަށަށް ނެޓްވޯކްވެސް ނުލިބެނީއޭ.. މަންމައާއި ކިސްވާގެ ގާތަށް ބައްޕަގެ މަސައްކަތް ނިމުނީމައި އަންނާނެ ވާހަކަ މަންމަ ބުނިންދޯ" ކިސްވާގެ ޖުމުލަތަކާއެކު އަމާރާ އިސްޖަހައިލި އެވެ.
ނަމަވެސް ހައިރާންވެ އަންތަރީސްވެގެން ޝައްޔާންއަށް ބަލައިލެވުނީ އަމާރާ އަށެވެ. ކުރިއަށް ވުރެން، މާބޮޑަށްވެސް ގާތަށް ޖެހިލާފައި ކިސްވާގެ އެނދުގައި ޝައްޔާންވެސް އިށީނެވެ. އެ ވާހަކައިގެ ތެރެއަށް ޝައްޔާން ޝާމިލްވުން މަޖުބޫރުވީ އެވެ.
"ބައްޕަ އޭރު މަސައްކަތްކުރީ ސީކެރެޓް ފިލްމެއްގައި.. އެ މަސައްކަތް މިހާރު ނިންމާފައި މިގަޑީގައިވެސް އަވަހަށް އެއައީ ބައްޕަގެ ޕްރިންސެސް ކައިރިއަށް.." މޫނުމައްޗަށް ހުރަސް އެޅެމުންދިޔަ އިސްތަށިތަށް އެއްފަރާތްކުރަމުން އަމާރާ ހިތްވަރުކުރީ ކިސްވާއަށް ވިސްނައިދެވޭތޯ އެވެ.
"މިފަހަރު ބައްޕަ އެ އައީ ހުރިހައި މަސައްކަތެއް ނިންމާފައި.. ކިސްވާ ދޫކޮށްލާފައި ދެން ބައްޕަ ނުދާނެ.." މަންމައަށް އަދި ބައްޕައަށް ތަފާތު ނަޒަރަކުން ކިސްވާ ބަލައިލި އެވެ. އަމާރާ ދެއްކި ވާހަކައިން ކިސްވާގެ ވިސްނުން މުޅިން ބަދަލުނުކުރެވޭކަން، ޔަގީނެވެ.
"ބައްޕާ.." ލޯބި އަޑަކުން ކިސްވާ ގޮވައިލި ވަގުތު ޝައްޔާންގެ ދެ ލޯ ކަރުނުން ފުރުނެވެ.
"މަންމައާއި ކިސްވާ އެކަނި ކޮށްލާފައި ދެން ދުވަހަކުވެސް ނުދާނަންތަ؟" ކިސްވާ ބޭނުންވީ ޝައްޔާންގެ ބަހެކެވެ.
ލޯބި ލޯބި ކުޑަކުޑަ އަތް ނަގާފައި ޝައްޔާން ފިރުމާލި އެވެ. އަދި ދެ އަތުގައި ވަކިވަކިން ބޮސްދިނުމަށްފަހު މުޅި މޫނުގައި ލޯބިކޮށްލާފައި ނިއްކުރީގައި ބޮސްދިނެވެ.
"ﷲގަންދީ ބުނަން ބައްޕަގެ ލޯބިވާ ދަރިފުޅާ، އިން ޝާ ﷲ މަންމައާއި ދަރިފުޅު ދޫކޮށްލާފައި ދުވަހަކުވެސް ބައްޕަ ދެން ނުދާނަން.." އަސަރާއެކު މަންމައާއި ބައްޕަ ބަލަން ތިބީ ކިސްވާގެ އިޝާރާތަކަށެވެ.
"އޮއްފޯ ބައްޕާ....! ކުރިންވެސް ތިހެން ބުނިނަމަ... ސިއްރުންވެސް ބުނަންވާނެއްނުން.. ކިސްވާގެ ބައްޕައެއް ނުހުރެޔޭ ކިޔާފަ ދިމާކުރާ ސްކޫލްގައި އުޅޭ މޮޔަ ކުދިން ކައިރީގައި ތިހެން ބުނެވުނީހެއްނުން.." ނިއްކުރީގައި އަތުން ޖަހާލާފައި ކިސްވާ ބުނެލި އެވެ. ހަމަ އެވަގުތު ދާދި ގާތުން ސްނޯބޯލްގެ 'މިއައުއއ'ގެ އަޑު އިވުމާއެކު ހިފެހެއްޓުމެއް ނެތި ކަރުނައިގެ ތެރެއިން ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.
"ދަރިފުޅަށް ގެއްލިފައިވާ އާއިލީ ހުރިހާ ގުޅުންތަކާއި ބައްޕައާއި ވަކިން، މަންމައާއި ދަރިފުޅު ހޭދަކުރި ކޮންމެ ވަގުތެއް ފުރިހަމަ ކޮށްދޭނެކަމަށް ބައްޕަ ވައުދުވަން" ފުންމައިގެން އެނދުމައްޗަށް ސްނޯބޯލް އެރީ އެވަގުތު އެވެ. ޝައްޔާންގެ އަތުގެ ތެރޭގައި ކިސްވާއާއި އަމާރާ ބޮނޑިކޮށްލި ވަގުތު ފުށްކޮޅެއްފަދަ ނިގޫ ތަޅުވާލަފައި ސްނޯބޯލް ޖެހިލީ ކިސްވާއާއި ދާދި ގާތަށެވެ.
ފަތިހުގެ ފިނިފިނި އެ ވަގުތުގައި ކިސްވާގެ ކޮޓަރި ގުގުމާލީ ލޯތްބާއި އުފާވެރިކަމުގެ އަޑުތަކުންނެވެ. އަހަރު ތަކަކަށްފަހު އަމާރާގެ ބަގީޗާއަށް ތާޒާކަން ލިބިއްޖެ އެވެ. ވަސްމީރު ތާޒާ ފިނިފެންމާތަށް ފަރިވެ ފޮޅެމުންދިޔައިރު އުޑުގެ ކަޅުވިލާތަށް ފޫއަޅުވާލަފައި އުޑުމަތީން، ރަން ރީންދޫ އިރުގެ ދޯދިތަށް ފައުޅުވާން ފަށައިފި އެވެ. އެއީ އުއްމީދާއި އިތުބާރާއި ކެތްތެރިކަމުގެ ނަމޫނާ ގުޅުމެކެވެ. (ނިމުނި)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;