ޔާޝްގެ މަގުބޫލުކަން މުޅި އިންޑިއާގައި ބޮޑުވެފައިވާކަން ހާމަވަނީ މި ފިލްމުގެ ޑިސްޓްރިބިއުޝަން އެއްބަސްވުންތަކުންނެވެ. އުތުރު އިންޑިއާގެ ހިންދީ މާކެޓުގައި ފިލްމު ދެއްކުމަށްޓަކައި އަނިލް ތަދާނީގެ "އޭއޭ ފިލްމްސް" އާއެކު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މިއީ މީގެ ކުރިން "ކޭޖީއެފް" ފްރެންޗައިޒްގައި ވެސް ޔާޝްއާއެކު މަސައްކަތްކުރި ކުންފުންޏެވެ. މި އެއްބަސްވުމާއެކު ހިންދީ ބެލްޓުގައި އެކަނިވެސް 3،500 އަށް ވުރެ ގިނަ ސްކްރީނުގައި މި ފިލްމު ދައްކާނެ ކަމަށް ބެލެވެއެވެ.
ވިޔަފާރީގެ ގޮތުން ބަލާއިރު، "ޓޮކްސިކް" ވަނީ ރިލީޒްކުރުމުގެ ކުރިން ވެސް ރެކޯޑުތައް މުގުރާލަން ފަށާފައެވެ. ތެލުގޫ ސަރަހައްދުތަކުން މި ފިލްމުގެ ރައިޓްސް ވިއްކާލާފައިވަނީ 120 ކްރޯޑު ރުޕީސް އަށެވެ. މިއީ ތެލުގޫ ނޫން ބަހަކުން އުފައްދާ ފިލްމަކަށް އެ ސަރަހައްދުން މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދެވެ. މީގެ އިތުރުން ތަމަޅަ ނާޑޫ އާއި އިންޓަނޭޝަނަލް މާކެޓުތަކުން ވެސް މި ފިލްމު ވަނީ 100 ކްރޯޑަށް ވުރެ ގިނަ ރުޕީސްގެ ވިޔަފާރި ކަށަވަރުކޮށްފައެވެ.
ގީތޫ މޯހަންދާސް ޑައިރެކްޓުކުރާ މި ފިލްމަކީ ގާތްގަނޑަކަށް 600 އާއި 700 ކްރޯޑު ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ. ޔާޝް މި ފިލްމުގައި ފެންނާނީ "ރާޔާ" ނަމަކަށް ކިޔާ ގޭންގްސްޓަރެއްގެ ރޯލުންނެވެ. ފިލްމުގެ އެކްޝަން މަންޒަރުތައް ކޮރިއޮގްރާފް ކޮށްފައިވަނީ "ޖޯން ވިކް" ފަދަ ހޮލީވުޑް ފިލްމުތަކުގައި މަސައްކަތްކުރި ޖޭޖޭ ޕެރީއެވެ. ފިލްމުގެ ކާސްޓުގައި ނިއަންތާރާ، ކިއާރާ އަދުވާނީ، ހުމާ ގްރޭޝީ އަދި ތާރާ ސުތާރިއާ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
މާޗު 19 ގައި ފިލްމު ރިލީޒްކުރާނީ އީދު ބަންދާއި އިންޑިއާގެ ބައެއް ބޮޑެތި ފެސްޓިވަލްތަކާ ދިމާކޮށެވެ. ދެ ގަޑިއިރާއި 20 މިނެޓުގެ މި ފިލްމާއި ތިން ގަޑިއިރަށް ވުރެ ދިގު "ދުރަންދަރު 2" ގެ ކުރިމަތިލުމުން ކުރި ހޯދާނީ ކޮން ފިލްމެއްތޯ ބެލުމަށް ފިލްމީ ދާއިރާގެ މީހުން ތިބީ ވަރަށް ބޮޑު ޝައުގުވެރިކަމެއްގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;