ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި މިއަދު ފަށާފައިވާ ހަނގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާއު ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާއި ރައްކާތެރިކަމަށް ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، އެ މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ވެސް ވަނީ އެދިފަ އެވެ.
މި ސަރަޙައްދުގައިވާ އެމްބަސީތަކާއި މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް:
ދޯހާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896 +
ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97126740200 +
ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477 +
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)
އީމެއިލް: [email protected]
މި ހަމަލާތަކާ ގުޅިގެން، ރާއްޖެ އަންނަ އެމިރޭޓްސް، ފްލައިދުބާއީ، އިއްތިހާދު އަދި ގަތަރު އެއާވޭސްގެ އިތުރުން، ކުވައިތު އެއާވޭސް ފަދަ އެއާލައިންތަކުން ވަނީ ދަތުރުތައް މެދުކަނޑާލާފަ އެވެ.
މެދުއިރުމަތި ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުނީ، އިރާނުގެ ސަރުކާރާއި އަސްކަރިއްޔާގެ އިސް ވެރިންނާއި މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލާއި އެެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިރާންގެ ޕްރެޒިޑެންޝަލް ކޮމްޕްލެކްސް އަދި އިންޓެލްޖިންސް ހެޑްކުއާޓާސްއަށް ވަނީ ބޮން އަޅާފަ އެވެ.
އިރާނުން ރައްދުގައި ދިން ހަމަލާތަކުގައި އިޒްރޭލާއި މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯނާއި މިސައިލް ހަމަލާތައް ވަނީ ފޮނުވާލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;