ހިމޭންކަމުގެ ސިކުންތެއް ހޭދަކޮށްލާން ކިތަންމެ ވަރަށް ހިތް އެދުނަސް، މާލޭގައި އެފަދަ ވަގުތުކޮޅެއް ހޭދަކޮށްލެވުމަކީ އިންސާނެއްގެ ނަސީބުގައި އޮތް އަމާން ކަމެއް ނޫނެވެ. އެކިދިމަދިމާއިން ޓެރަސްއަށް އަމާޒުވަމުންދިޔަ އަލިތަކުގެ ތުރާލާއި މެންދަމުގެ ވަގުތުގައިވެސް އަޅަމުންދިޔަ ބަރުގޮނުގެ އަޑުން ސިކުނޑިއަށް ލިބެމުން މިދާ އުނދަގުލާއި ތުރާތަކަށް ދެން ނިމުމެއް ނެތްކަން އަހަރެންވެސް ގަބޫލުކުރަމެވެ.
ފަތިހުގެ ބަންގިއަށް ހޭލެވުމާއެކު ދުވަހުގެ ހެޔޮ ދުއާ ލިބެމުންދިޔަ ދިޔުން މާޒީވީ އެވެ. ކޮންމެ ދުވަހަކު ލިބެމުންދިޔަ ދުއާގެ މެސެޖަކީ އަހަރެންގެ ހަތަރު ބޭބެއަށް ތަހަންމަލްކުރަން ފަސޭހަ ތަކުލީފަކަށް ނުވެ އެވެ. ފާއިތުވެ ދިޔަ ދިގު މުއްދަތުގައި އެ ދުއާ ލިބުމުގެ ނަސީބުވެރި، މަންމައާއި ބައްޕަގެ ހަމައެކަނި ދަރިއަކީ އަހަރެންނެވެ. މި ދުނިޔެއަށް އަހަރެން އެކަނިކޮށް މަންމަ ދިޔަ ކަމުގެ ޝަކުވާ އަހަރެންގެ ހިތުގައި އޮންނާނެ އެވެ. އެއީ ނިމުމެއް ނެތް ރިހުމެކެވެ. މަންމަގާތުގައި އަހަރެން ދައްކަން ހުރި ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. އެންމެ ހަތާވީސް އަހަރަކީ ނުހަނު ކުރު މުއްދަތެކެވެ. ވަދާއުގެ ސަލާމަށް މިހައި އަވަހަށް އަތް އުފުލާލަން ޖެހިދާނެކަމަށް އަހަރެން އުއްމީދެއް ނުކުރަމެވެ. ހަތާވީސް އަހަރުގެ ފިރުމުންތަކަށް ޝުކުރުވެރިވެލާނެ ފުރުސަތެއް ނުލިބުނެވެ. އަށާރަ އަހަރު ނުފުރެނީސް އަހަރެން ފުރީ އޮސްޓްރޭލިއާ އަށެވެ. ހަތަރު އަހަރުގެ ތައުލީމު ނިންމާފައި މާލެ އައީ ހިއުމަން ރިސޯސްގެ ދާއިރާއިން އަހަންނަށް އެތަނުގައި ފުރުސަތު ނެތީތީ އެއް ނޫނެވެ. މަންމަ ނުފެނި ފާއިތުވި ހަތަރު އަހަރުގެ ރިހުމަށް ފަރުވާ ހޯދަން އައީ މަންމައާއި އެއް ވަޒަނެއްގައި ދިރިއުޅުން ބިނާކުރާށެވެ.
ދިރިއުޅުމުގެ ނަސީބު ލިބުނީ އެއް ބިމެއްގަ އެވެ. ނަމަވެސް ތަފާތު ދެ ފުރާޅެކެވެ. ލޯބިވެވުނީ އިހްތިޔާރަކު ނޫނެވެ. އަހަރެންގެ ލޯތްބާއި އިހްތިޔާރުކުރި އަނބިމީހާއަށް މަންމަ ދިން އިހްތިރާމް ދުވަހަކުވެސް ހަނދާން ނުނެތޭނެ އެވެ. މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވެ ދަރިއެއްގެ އެހީތެރިކަން ބޭނުންވި ދުވަހެވެ. ގާތުގައި ދިރިއުޅެން ބޭނުންވި ހަމައެކަނި ދަރިފުޅަށް، އަލަތު އަނބިމީހާގެ ބޭނުންތަކަށް އިސްކަން ދިނުމަށް މަންމަ ނަސޭހަތް ދިނެވެ. އޭނާގެ މައިން ބަފައިން އޭނާއަށް މުހިއްމެވެ. އަހަރެންގެ ހިތުގެ ނޫރުފަދަ މަންމައާއި ބައްޕަ އެކަނިވެރިކޮށް، ފުރާޅު ބަދަލުކުރީ އަންހެނުންގެ ހިތް ރުއްސުވުމަށެވެ.
އިންސާނަކު ލޯބިވާނެ ހުރިހައި ސިފައެއް އަހަރެންގެ މައިންބަފައިންގެ ކިބައި ހުންނަކަމަށް، ލިޔުމެއްގައި ލިޔެ އިނގިލީގެ ނިޝާން ޖަހާފައި ދޭންޖެހުނަސް އެކަމަށް އަހަރެން ތައްޔާރެވެ. އެވަރުގެ ލޯބި ދެމީހުން ދޫކޮށް އަހަރެން ދިޔައީ އުފާވެރި އާއިލާއެއް ބިނާކުރަން މަންމަ ދިން ނަސޭހަތުގައި ހިފައިގެންނެވެ. ފިރިހެން ދަރިއެއްގެ ހަޔާތުގައި މައިވަންތަ ލޯތްބާއި އަނބިމީހާއަށް އޮންނަ ލޯތްބަކީ މުޅިން ތަފާތު ދެ ދާއިރާއެކެވެ. އެއިގެ ހައްދު އަހަރެންގެ މައިންބަފައިން ވަނީ ބުނެދީފަ އެވެ. މަންމަދެކެ ލޯބި ވުމަކީ އަންހެނުންނަށް ސަމާލުކަން ކުޑަކުރުމެއް ނޫނެވެ. އެކަން އަހަރެން ދުވަހަކުވެސް ނުކުރަމެވެ. ހައްދު އޮޅުނީ އަހަރެންގެ އަންހެނުން ނަށެވެ. އޭނާގެ ގެއަށް ބަދަލުވުމުން ނޫނީ އޭނާދެކެ އަހަރެން ލޯބިވާކަމަށް ގަބޫލެއް ނުކުރި އެވެ.
މަންމައަކީ އަހަރެން ދުނިޔެއަށް ފޮނުއްވުމަށް މެދުވެރިކުރެއްވި އަސްލެވެ. އަހަރެންގެ ދަރިން، އަހަރެން އަންހެނުން ދެކެ ލޯބިވާން އޭނާ އެދޭފަދައިން އަހަރެންގެ މަންމަދެކެ އަހަރެންވެސް ލޯބިވެ އެވެ. އެހެން ކުދިންނެކޭ އެއްގޮތަށް އަހަރެންގެ ގޭގައިވެސް ކުދިންގެ މެދުގައި 'ފައިޓް' އޮތެވެ. އެކަންކަން ހައްލުކުރުމަށް މަންމަ ނުވަތަ ބައްޕަ ގަދަ އަޑުން އަހަރުމެން އެއްވެސް ކުއްޖަކާއި މުހާތަބް ނުކުރެ އެވެ. ކުދިން އެއްގަލަކަށް އެރުވުމަށް ބައްޕަ ނުވަތަ މަންމަ އަހަރުމެންނާއެކު އެކަމެއްގައި ބައިވެރިވެލާފައި ކަންކަން ހައްލުކޮށްލަނީ ހުނަރުވެރިކަމާއެކު އެވެ. އެއީ ފަސް ފިރިހެން ދަރީން ބޮޑުވި ގެއެކެވެ. ހުތުރު ބަހެއް ގޭތެރެއިން އަޑެއް ނާހަމެވެ. އެކަކު އަނެކަކަށް ހަސަދަވެރިވުން އެއީ އަހަރުމެން ތެރޭގައި އޮންނަ ސަގާފަތެއް ނޫނެވެ. އެކަކު އަނެކެއްގެ އެއްޗެހި ހިއްސާކޮށް، އެހީތެރިވުމަށް މަންމަ ދަސްކޮށްދިނެވެ. ތައުލީމުގައި ޓިއުޝަން ޓީޗަރުންނަކީ މަންމައާއި ބައްޕަ އަދި އެ މާއްދާއަކުން އެންމެ މަތީން މާކްސް ހޯދާފައިވާ މީހެކެވެ. ދުވަހަކުވެސް ވަކި ކުއްޖަކަށް ވަކި ހަދިޔާއެއް ބައްޕަ ނުގެނެ އެވެ. ލިބޭ އެއްޗެއް ލިބޭނީ އެންމެންނަށް އެއްވަރަށެވެ.
ބޮޑެތިވެ، ވަޒީފާތަކުގައި ޝާމިލުވެ އަމިއްލަ ދިރިއުޅުންތަކާއި ޖެހުނު ހިސާބުން އެކަކު އަނެކެއްގެ ދިރިއުޅުމަށް އައި ދުރުކަމާއި ބަދަލު އަހަންނަށް އަދިވެސް ހަޖަމެއް ނުކުރެވެ އެވެ. އަހަރުމެންގެ ހަޔާތުގެ ބައިވެރިން އިހްތިޔާރުކުރުމުގައި އަހަރުމެން ފެއިލްވީ ހެއްޔެވެ؟ އަހަރެންގެ އަންހެނުން ބުނާގޮތުން އަހަންނަކީ 'މަންމަގެ ބޯއީ'އެކެވެ. އެކަމުގައި މައްސަލައަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ ކުށެށް އޭނާއަށް މިހައިތަނަށް ދެއްކިފައެއް ނެތެވެ. ލޯބިވުމާއި ލޯބި ދިނުމުގައި އަހަރެން ވަރުގެ ފިރިއެއް އޭނާއަށް ނުލިބޭނެކަމަށް އޭނާގެ އާއިލާ މީހުން އެބުނަނީ ހަގީގަތެއް އޮތީމައެވެ.
މައިންބަފައިންދެކެ އަހަރެން ލޯބިވުމުގައި އެހެން ބަޔަކަށް މައްސަލައެއް އޮތަސް އަހަރެންގެ ފަރުވާލެއް ނެތެވެ.
މަންމަދެކެ އިންތިހާއަށް އަހަރެން ލޯބިވުމުގެ އަސްލަކީ މަންމައާއި އަހަރެންގެ ލޮލުގެ ކުލަ އެއްގޮތްވުމާއި އަހަރެންގެ ނަމަކީ މަންމަ އިހްތިޔާރުކުރި ނަމަކަށް ވާތީކަމަށް ބައެއް ރަހްމަތްތެރިންވެސް ބުނެ އެވެ. އެދުވަހު އެކަމާއި ހިނިތުންވުން ފިޔަވައި އިތުރަކަށް ނުވިސްނަމެވެ. އެކަމަކު ފާއިތުވެދިޔަ ދެތިންދުވަހު ލޯގަނޑެއްގެ ކުރިމަށްޗަށް އަރާ ކޮންމެ ފަހަރަކު، އަހަރެންގެ ލޮލުގެ ހޭޒަލްނަޓް ކުލައިގެ ކަޅީގެ ތެރެއިން މަންމަ ފެނުމަކީ މީގެކުރިން ކުރެވިފައި ނެތް އިހްސާސެކެވެ. ތެދެކެވެ. މަންމައާއި އަހަރެން ލޮލުގެ ކަޅީގެ ކުލަވެސް އަދި ބައްޓަންވެސް އެއްގޮތެވެ. ހިނިތުންވުމުގައި ތަފާތެއް ނެތެވެ.
އެވަރުގެ މަންމައަކާއި ނުލައި އަހަރެންގެ ދުނިޔެ އާރާސްތުކުރާނެ ގޮތެއް ނުވިސްނެ އެވެ. ކުޑަމިނުން، ފަތިހުގެ އެ މެސެޖްތަށް އަހަރެން އަލުން ބޭނުމެވެ. އެ ދުވަސްތަށް އެނބުރި އަންނާނެ ނަމަ އެވެ.
ދެ ލޯ ރަގަޅަށް ނުހުޅުވެނީސް ފޯނަށް އަހަރެންގެ ސަމާލުކަން ހުއްޓޭތީ އަންހެނުން ކުރާ ޝަކުވާއާއި އޭނާގެ ޝައްކުތަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަންނަކީވެސް ސޯޝަލް މީޑިއާ ބޭނުންކުރާ މީހަކީމެވެ. އެކަމަކު އެއަށް ދެވިހިފާފައި ހުރި މީހެއް ނޫނެވެ. އަހަރެންގެ ފޯނަކީ ދުވަހުގެ ފެށުމޭ ބުނުމަކީ ދޮގަކަށްވެސް ނުވާނެ އެވެ. ލޯ ނުހުޅުވެނީސް އަތް ދިއްކޮށްލެވެނީ ދާދި ގާތުގައި ހުންނަ ސައިޑް ޓޭބަލް މަތީގައި އޮންނަ ފޯނަށެވެ.
އޭގައި އޮންނަ މެސެޖަކީ އަހަރެންގެ ކޮންމެ ދުވަހެއްގެ ފެށުމެވެ. އެ މެސެޖްތަކުން ގެނެސްދިން ހިނިތުންވުން ފިލައި ދިޔައީ އިހަށްދުވަހު އެވެ. ކިތަންމެ އަވަހަށް ހޭލިޔަސް، ފޯނުގެ ހުރިހައި ފޯލްޑަރތަކެއް ހޭވިޔަސް، އެ މެސެޖްތަށް ދެން ނުލިބޭނެ އެވެ. އެ ހިނިތުންވުމެއް އަހަރެންގެ މޫނުމައްޗަކުން ދެން ދުވަހަކުވެސް ނުފެންނާނެ އެވެ. މި ދުވަސް އަންނާނެކަން ކުރިން އިހްސާސްވި ނަމަ، އެ ހުރިހައި މެސެޖެއް 'މަންމަ' ފޯލްޑަރ އެއް ހަދާފައި އޭގައި ރައްކާކުރީމުހެވެ. އެ ދުވަހެއްގެ މެސެޖްވެސް 'ޑިލީޓްކުރަން' މަޖުބޫރު ވަނީ ކޮންމެ ދުވަހެއްގެ މެސެޖް ކިޔާފައި އަހަރެންގެ އަންހެނުން ކުރާ މަލާމާތް އަޑުއަހަން ބޭނުން ނުވާތީ އެވެ. އޭނާގެ ނަޒަރުގައި އަހަރެންގެ މަންމައަކީ 'ކަޓު ހިޔާލުގެ' ނާ ތަހުޒީބު މީހެކެވެ. ދަރިންނަށް 'ގުޑު މޯނިންގ މެސެޖް' ފޮނުވުމަކީ ކުރާނެ ކަމެއް ނޯންނަ ގޮތްދައްކާ މައިންގެ ކަމެކެވެ. އޭނާގެ އެ އަމަލުތަކަށް ރައްދު ދިނުން މަނާކުރީވެސް މަންމަ އެވެ. މަންމައާއި ހިސާބަށް މިކަން ދިޔައީ އަހަރެންގެ ފޯނުން، މަންމަގެ މެސެޖަށް އަންހެނުން ޖަވާބު ދިން ދުވަހު އެވެ. އޭގެ ފަހުން މަންމަގެ ކޮންމެ މެސެޖެއް ކިޔުމަށްފަހު ވަގުތުން ޑިލީޓް ކުރަމެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;