ads
އެމްޑީއޭއާ ޕީއެންސީ ބޭއްވި މަޝްވަރާތަކުގެ ތެރެއިން - ފައިލް ފޮޓޯ
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ އިން ވެސް ތާއީދު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ތާއީދުކުރާކަން، އެ ޕާޓީން މިރޭ ހާމަކޮށްފި އެވެ.
Advertisement

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.

އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.

އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރެ އެވެ. އެއީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި ގައުމުގެ ސުލްހަމަސަލަސް ކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް އެ ޕާޓިން ދެކޭ ކަމަށް ވަނީ ބުނެފަ އެވެ. 

އެމްޑީއޭ އިން ބުނީ އިންތިހާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އެއްބަސްވާ ކަމަށެވެ. އަދި އެއީ ގައުމުގެ ކުރިމަގަށް އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ.

"އިންތިހާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް މި ޕާޓީން އިއުތިރާފުވަމެވެ،" ބަޔާނުގައި ވެއެވެ.

އެމްޑީއޭއިން ބުނީ، ދެ އިންތިހާބު އެއްކޮށްލުމަކީ ގައުމުގެ ކުރިއެރުމަށް އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލީސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ސަރުކާރުން ނިންމި ނިންމުމަށް އެމްޑީއޭއިން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި، ހަރަދު ކުޑަކޮށް، އިގުތިސާދު ވަރުގަދަކުރަން ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރަން އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީން އަންނަނީ ބުނަމުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އަންނަނީ، އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ، ރިޔާސީ ދައުރު ދަންމާލުމަށް މަގުފަހިވާނެ ކަމަށް ބުނަމުންނެވެ. އެމްޑީޕީން ވަނީ އެ ވޯޓު ހުއްޓުވަން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.  

މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް އިބްރާހިމް ވެސް ވަނީ މީސްމީޑިޔާގައި ޕޯސްޓެއް ޝާއިއުކޮށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;