ads
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)
"ވޯޓުގެ ހަގީގީ ފައިދާ ހޯދުމަށް ބޯވަ އެޖެންޓުންގެ ކިބައިން ސަލާމަތްވާން ޖެހޭ"
އިންތިހާބުތަކުގެ ހަގީގީ މަންފާ ގައުމަށް ލިބޭނީ ސަރުކާރާއި ރައްޔިތުން ވެސް އެކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ އިންތިހާބީ ނިޒާމާ ބެހޭގޮތުން ބޮންޑޭ "ސީއެންއެމް" އަށް ވިދާޅުވީ، މި ސަރުކާރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތަކީ ދެ ބާރު އެއްކޮށްލުމަށް ރާވާފައިވާ ރޭވުމެއް ކަމަށެވެ. އަދި އެއީ މިހާރަށް ވުރެ ވެސް ބޮޑަށް ރައްޔިތުންގެ ބާރުތައް ވެރީންގެ މުށުތެރޭގައި ތާށި ކޮށްލާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ބޮންޑޭ ވިދާޅުވީ ސަރުކާރާއި މަޖިލިސް މަސްހުނިވިޔަ ނުދިނުމަށާއި، ރައްޔިތުންނަށް ވެރިންނާ މެދު ގޮތް ނިންމުމުގެ ބާރު އިތުރުކުރުމަށް ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމަކީ ރަނގަޅު ހައްލެއް ކަމަށެވެ. ނަމަވެސް މިވަގުތު ރާއްޖޭގެ ސިޔާސީ ހަރަކާތްތައް ބައްޓަންވެފައި އޮތް ގޮތަށް ބަލާއިރު އެފަދަ އިންތިހާބެއް ބޭއްވުމުގެ ހަގީގީ ފައިދާ ގައުމަށް ކޮށްފާނެކަމާމެދު ބޮންޑޭ ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މިޑްޓާމް އިލެކްޝަނަކީ ހައްލެއް، އެކަމަކު އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ނުވާނެ. 5 އަހަރަށް [ވެރިކަން] ދިނީމަވެސް ނާޖާއިޒު ފައިދާ ނަގާ ވާހަކަ މި ދައްކަނީ. އިންތިހާބަށް ވިއްކަންވާނީ ސިޔާސަތުތައް." ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި، ވެރިން ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް ލިބޭ ބާރު އިތުރުކުރުމުގެ ގޮތުން ބާއްވާ އިތުރު އިންތިހާބެއްގެ ރަނގަޅު ނަތީޖާ ހޯދޭނީ، ސަރުކާރާއި ރައްޔިތުން ވެސް އިންތިހާބުތަކުގެ ފައިދާ ނަހަމަ ގޮތުގައި ނެގުމުން ދުރުހެލިވެގެންނެވެ. އެގޮތުން ސަރުކާރުތަކުން އިންތިހާބާ ދިމާކޮށް މަޝްރޫއުތަކުގެ ދަޅަ ދެއްކުމާއި، ވަޒީފާތައް ދިނުމާއި ފައިސާ ބެހުން ފަދަ ރިޝްވަތުގެ އަމަލުތައް ހިންގާހާ ހިނދަކު، އެކަންކަމުގެ އަސަރު އިންތިހާބަށް ފޯރާނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ މަޅީގައި ރައްޔިތުން ޖެހި ވޯޓު ވިއްކާލާ ނަމަ، އިންތިހާބުގެ މަގްސަދު ގެއްލޭނެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވާ 20 ވަރަކަށް އިންސައްތަ މީހުންނަކީ، އެވަގުތަކު ސިޔާސީ ބާރުވެރިކަން ލިބޭނެ ޕާޓީއަކަށް ކުލަ ބަދަލުކުރާ މީހުން ކަމަށެވެ. އަދި އިންތިހާބުތަކާ ދިމާކޮށް މިފަދަ މީހުން މެދުވެރިކޮށް ރަށްރަށުގައި ފައިސާ ބެހުން ފަދަ ރިޝްވަތުގެ މުއާމަލާތްތައް ހިންގާތީ، އިންތިހާބަށް އޭގެ ނޭދެވޭ އަސަރުކޮށް، ރައްޔިތުންނަށް ގައުމާމެދު ފެންނަ އެންމެ ރަނގަޅު ގޮތް ނިންމުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް ހެއްލޭ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ ރަށެއްގައި ވެސް ތިބޭނެ ކޮރަޕްޝަން އެޖެންޓުން، އެއީ ބޯވަ އެޖެންޓުން. އެކަހަލަ ބޯވަތައް ކުލަ ބަދަލުކޮށްލައިގެން ރައްޔިތުންގެ ކައިރިއަށް ގޮސް ފައިސާކޮޅެއް ބަހާލަނީ." ބޮންޑޭ ވިދާޅުވި އެވެ.

މިފަދަ ނުރައްކާތެރި މަޅިތަކުގައި ރައްޔިތުން ޖެހެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އާމްދަނީއާ ނުބައްދަލު މިންވަރަކަށް ތަކެއްޗާއި ހިދުމަތްތަކުގެ އަގު އުފުލިފައިވާތީ، ގިނަ ރައްޔިތުންނަށް އަމިއްލަ ހަރަދުތަކައިގެން ސަލާމަތް ނުވެގެން އުޅެން ޖެހިފައި ތިބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން "އަނގަޔާއި އަތާ ދިމާނުވާ" ފަދަ ހާލަތުގައި ތިއްބައި ހުށަހަޅާ މިފަދަ ކަންކަމުގައި ހިފާނެ ގިނަ ބަޔަކު ތިބޭނެ ކަމަށް ބޮންޑޭ ވަނީ ވިދާޅުވެފަ އެވެ.

"މާބޮޑަށް ގައުމުގެ ކަންކަމަށް ސަމާލުކަންދޭ ވަރަށް ވުރެ އެއް ބަޔަކީ ނިކަމެތި ބައެއް، އެ މީހުންގެ އަނބި ދަރީންގެ ކަންތައް ފުއްދާފައި އިތުރު ކަަމަކަށް ވިސްނާނެ ޖާގައެއް ނޯންނާނެ." ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ރާއްޖޭގެ ހާލަތު މިގޮތަށް ހުރުމުން ހަމަޖެހިލައިގެން ގައުމާމެދު ވިސްނާލަން ވަގުތު ހުސްކޮށްލެވޭނީ ވެސް އާބާދީގެ ގާތްގަނޑަކަށް 15 ނުވަތަ 20 އިންސައްތެއްހާ މަދު މީހަކަށް ކަމަށެވެ.

އެހެންކަމުން އިންތިހާބީ ކަންތައްތައް ދެފުށް ފެންނަ އިންސާފުވެރި ގޮތަކަށް ކުރިއަށް ގެންދިއުމަށާއި، ހައްގަށް ވޯޓު ދިނުމަށް މަގުފަހިކުރުމަށްޓަކައި، ވޯޓަށް ނުބައި އަސަރު ފޯރާ ގޮތަށް އަމަލުކުރާ ހުރިހާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ ގޮތަށް ނިޒާމު ހަރުދަނާކުރުމަށް ބޮންޑޭ ވަނީ ގޮވާލައްވާފަ އެވެ.

ބޮންޑޭ މިފަދައިން ވިދާޅުވިއިރު، އިންތިހާބީ ދާއިރާތައް ކުޑަވުމުން ފައިސާގެ ނުފޫޒުން ރައްޔިތުންގެ މަސްލަހަތު ފަސާދަ ކުރުމަށް އޮތް ފުރުސަތު ބަންދު ކޮށް އިންތިހާބީ ދާއިރާތައް ބޮޑުކޮށް ފައިސާގެ ނުފޫޒު ގައުމީ އިންތިހާބުތަކުން ކުޑަ ކުރުން ލާޒިމް ކުރުމަށް ގާނޫނު އަސާސީގައި ކަނޑައެޅުމަށް "އެދޭ ރާއްޖެ" ކެމްޕޭން ހަރަކާތުން މިފަހުން ވަނީ ގޮވާލައިފަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]

މިއަދުގެ ހަގީގަތަކީ އަގުލަބިއްޔަތު ނެތް ވެރިޔަކު ވެރިކަމަށް އިސް ނުވުމަށް ވުރެ، އަގުލަބިއްޔަތުން ވެރިކަމަށް އަންނަ މީހާ ދެ ވަނަ ދައުރެއްގެ އެދުން ވެރިކަމުގެ "ވޭނުން" ކަމުން ފާއިތުވެދިޔަ 17 އަހަރު ދިވެހި ދައުލަތާއި ސަރުކާރަށް އަދި ރައްޔިތުންނަށް ލިބުނު ގެއްލުން ބޮޑުވުމެވެ. ޑިމޮކްރެސީގެ އެއް ތޮބީއަތުން ދެއްކި ހަގީގަތަކީ މިއީ އެވެ. 

ދިވެހި ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރު އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް އެކަށައަޅައި، ރައްޔިތުންގެ ކަންކަމާ ހަވާލުވާ މީހާ، މިހަވާލު ވަނީ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އޮތް ކަން، އެ މީހާގެ ސިކުޑި އާއި ހިތުގައި އަބަދު ވެސް ބިންވަޅު ނެގި އަދި އެ އިހްސާސް ކުރެވޭނެ ހިންގުމުގެ އޮނިގަނޑެއް މިހިނދަށް ގެންނަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;