އަލީ ހުސެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިތާ 15 ދުވަސްވީއިރު އެ ބިލު ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމާފައިނުވާތީ އަދި ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އުސޫލަށް އަމަލުކޮށްފައިނުވާތީ ބިލު ތަސްދީގު ކުރަން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާފައިވާ ކަމަށް ބުނެ އެވެ. އެހެންވެ، އެ ބިލަކީ މިހާރު ބާތިލްވެފައިވާ ބިލެއް ކަމަށް ކަނޑައަޅައިދޭން މައްސަލައިގައި އެދިފައިވެ އެވެ.
އެހެންވެ، އެ ބިލު ފާސްކުރުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކަމެއް ކަމަށް ކަނޑައަޅައިދޭން ވެސް އެދިފައިވެ އެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވިދާޅުވީ، ބިލަކާމެދު ގޮތެއް ނިންމަން ގާނޫނުއަސާސީ އިން ދީފައިވާ 15 ދުވަހުގެ މުހުލަތަށް އަމަލު ކުރަންޖެހޭނީ އެ ބިލެއް ތަސްދީގު ނުކުރަން ރައީސް ނިންމަވާ ހާލަތްތަކުގައި އެކަނި ކަމަށެވެ.
ރަޖިސްޓްރާ ވިދާޅުވެފައިވާ ގޮތުގައި، މައުލޫގައި ހިމެނޭ ބިލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން މެނުވީ ތަސްދީގު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކެޓަގަރީގެ ބިލެކެވެ. އެހެންކަމުން އެ ބިލަށް 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ވެސް ރަޖިސްޓްރާ ވިދާޅުވެފައިވެ އެވެ.
މި ބިލު ތަސްދީގުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާފައިވަނީ ކައުންސިލް އިންތިހާބާ އެކު އަންނަ މަހުގެ 4 ވަނަ ދުވަހަށެވެ. އެ ގޮތަށް ކަނޑައެޅީ ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.
ހިޔާލު ހޯދުމުގެ ވޯޓުގައި ކުރާނެ ސުވާލު އެ ގަރާރުގައި ކަނޑައަޅާފައިވާއިރު، އެ ސުވާލު ވެސް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ދެ ވަކީލަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަަލަ ބަލައިގަނެ މާދަމާ ފެށުމަށް ތާވަލުކޮށްފަ އެވެ.
- އިތުރަށް ކިޔާލަން: ފެންނަ ނުފެންނަ ހުއްޓުވަން ހުށަހެޅި މައްސަލަ މާދަމާ ފަށަނީ
ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެ ކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ގައި ރެފެރެންޑަމް ވޯޓު ނަގާއިރު އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ވެސް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;