ads
މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގައި ދިވެހި ރައްޔިތުން އަޑުއުފުލަނީ
ގިނަ ވަގުތަށް ބާރުގެ ތިލަފަތް ރައްޔިތުންގެ ފަޅިއަށް - ކޮންމެހެން މުހިންމު ބަދަލެއް؟!
ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ އަސްލީ ބިންގަލެވެ. ނަމަވެސް، އަމަލީ މައިދާނުގައި ބާރުގެ ތިލަފަތް ގިނަ ފަހަރަށް ބަރުވަނީ ސިޔާސީ ނުފޫޒާއި ވަކިވަކި ފަރުދުންގެ "ވިޔަފާރި" މަސްލަހަތަށެވެ. ގައުމުގެ ހިންގުން ހަރުދަނާކޮށް، ހަގީގީ މާނައިގައި ޑިމޮކްރަސީއެއް ގާއިމުކުރުމަށްޓަކައި ބާރުގެ ތިލަފަތް ރައްޔިތުންގެ ފަޅިއަށް ލެންބުމަކީ މިއަދު ގައުމަށް ކޮންމެހެން ބޭނުންތެރި އިސްލާހީ ބަދަލެއް ނޫން ހެއްޔެވެ.
Advertisement

ގައުމުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަކީ ގައުމުގެ ކުރިމަގު އުޖާލާވުމަށް އޮތް އެންމެ ކުރު މަގެވެ. ބާރުތައް ރައްޔިތުންގެ އަތުގައި އޮތުމުން، ސަރުކާރާއި މުއައްސަސާތައް ޒިންމާދާރު ކުރުވުމުގެ ފުރުސަތު ބޮޑުވެ ރައްކާތެރިކަން އިތުރުވެގެންދާނެ އެވެ.

ބާރުގެ ތިލަފަތް ރައްޔިތުންގެ ފަޅިއަށް ފުރޮޅާލަން ޖެހޭ އެންމެ ބޮޑު ސަބަބަކީ، ރައްޔިތުންނަކީ ހަމައެކަނި ފަސް އަހަރުން އެއްފަހަރު ވޯޓުލާ ބައެއް ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށްގެން ޒިންމާދާރު ކުރުވުމާއި ޖަވާބުދާރީ ކުރުވަން ދޫކޮށްލައިގެން ތިބޭގޮތަށް ގާނޫނު އަސާސީގައި ކަނޑައެޅުމުން ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުން ގައުމަށާއި ރައްޔިތުންނަށް ލިބުމެވެ.

ރައީސާއި ރައްޔިތުންގެ މަޖިލީހުން ކިތަންމެ ބޮޑު ގޯހެއް ހަދައި ގައުމަށާއި ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބޭ ފަދަ އަމަލެއް ނުވަތަ ނިންމުމެއް ނިންމި ނަމަވެސް ފަސް އަހަރު ތެރޭގައި ރައްޔިތުންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ހާއްސަކޮށް ރައްޔިތުންގެ މަންދޫބުންގެ އަމަލުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އެ މީހުން ޒިންމާދާރުކޮށް ޖަވާބުދާރީ ކުރެވޭނެ ތަހުޒީބީ އަދި ގާނޫނީ މަގެއް ނެތެވެ.

އެ ސަބަބާ ހެދި ރައްޔިތުންގެ މަންދޫބުން ވެސް ހުވާކޮށް މަގާމު ކަށަވަރުވުމާއެކު އިންތިހާބުކޮށްދިން މީހުންގެ މަތިން ހަނދާން ނައްތާލައި އަމިއްލަ މަސްލަހަތު އިސްކޮށްގެން ފަސް އަހަރު ދުވަހުގެ ދައުރު ނިންމާލަ އެވެ. 

ފަސް އަހަރު ދުވަހުގެ ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ އަޅުވެތިކަމުގައި ރައްޔިތުން ތިބެން ޖެހި، ރައްޔިތުންނަށް ލިބިފައިވާ ބާރު ކެނޑިގެންދާ މުއްދަތު ދިގުވެ އެވެ. އެހެން ކަމުން މަންދޫބުން ޒިންމާދާރުކޮށް ޖަވާބުދާރީ ކުރެވޭވަރުގެ ބާރާއި އެ މީހުންގެ ނިންމުންތަކަށް ބަސް އިއްވުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށްމެ ހޯދައިދިނުމެވެ.

ސިޔާސީ ފިތުނައިގެ ސަބަބުން ގައުމަށް ލިބޭ ގެއްލުންތައް ކުޑަކޮށް، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް މުރާޖާ (ރިވައިޒް) ކުރަން އެންގުމުގެ ދުސްތޫރީ ބާރު ރައްޔިތުންނަށް ލިބުމާއެކު ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަންވުން ކުރަންޖެހެ އެވެ.

ރައްޔިތުންގެ ބާރު ހިނގާކަން ކަށަވަރު ކުރެވި، ގައުމުގެ މަންފާއަށް ވުރެ ސިޔާސީންގެ ފައިދާއަށް ކުރާ ކަންކަން ނިމުމަކަށް ނެގެވި، ރައްޔިތުންގެ ކަންބޮޑުވުންތައް ޕެޓިޝަން މެދުވެރިކޮށް ހުށަހެޅުމުން އެކަންކަން ބެލުމަށް މަޖުބޫރުވާ ހާލަތެއް ދުސްތޫރީ ގޮތުން އުފަންވެ، ޑައިރެކްޓް ޑިމޮކްރަސީގެ އަސާސްތައް ހިންގުމުގެ އޮނިގަނޑުގެ ތެރެއަށް ތައާރަފުވާންޖެހެ އެވެ.

އަދި ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލުގެ މަގާމަށް މީހުން އައްޔަނު ކުރުމުގައި މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ދޭ މީހުންނާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މަގާމަށް އައްޔަނު ކުރާ ގޮތަށް ކަނޑައަޅައި އަދި ވަކި ކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާ ގޮތަށް ހަމަޖެއްސުމަކީ ވެސް ރައްޔިތުންގެ ފަޅިއަށް ބާރުގެ ތިލަފަތް ފުރޮޅާލުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެވެ.

އެ ބާރު ރައްޔިތުންނަށް ނުވަތަ ރައްޔިތު މީހާއަށް ލިބިފައިވާ ނަމަ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލް އާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލް މިނިވަންވެ، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަވަރު ކުރުމުގެ ފުރުސަތު އިންތިހާއަށް ލިބިގެންދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ތަޖުރިބާކާރު ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ ހިންގުމުގެ ބާރު ހިންގަން ހަވާލުވާ މީހާގެ އަމަލުތަކުގެ ސަބަބުން ފާރަވެރިވާން ފޮނުވާ މީހުން ވެސް ހިންގުމުގެ ބާރާ ގުޅިގެން ހިންގާ އަދި ނިންމާ ނިންމުންތަކުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވަމުންދާ ކަމަށެވެ. ރައީސާއި މަޖިލީސް އެއް ފިކުރަކަށް ބުރަވެ އެއް މިސްރާބަކަށް ދުއްވަން ފެށުމާ އެކު ގައުމުގައި އަދުލުވެރިކަން ގެއްލި އިންސާފުގެ މައްޗަށް ނާއިންސާފު ކުރި ހޯދައި ގައުމު ހަރާބުގެ މަގަށް ބަދަލުކޮށްލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ބާރުވެރިކަން ކެނޑިފައި އޮންނަ މުއްދަތު ދިގުވުމަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. އެހެން ކަމުން ރައްޔިތުންގެ ބާރުވެރިކަން ބޭނުން ކުރުމުގެ ފުރުސަތު ގިނަކުރަން ޖެހޭ. އަދި ރައީސާއި މަޖިލީހުން ބޭނުންވާހާގޮތަކަށް އަދި އަވަހަށް ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕީޖީ ފަދަ މަގާމުތައް ބަދަލު ނުކުރެވޭނެގޮތަކަށް އޮންނަންޖެހޭނީ. އެ މަގާމުތަކަށް މީހުން ލުމާއި ވަކި ކުރުމުގެ އެންމެ ފަހު ބަސް ނުވަތަ ގޮތް ނިންމަން ޖެހޭނީ ސީދާ ރައްޔިތުން. އެ ބާރު މިހާރުން މިހާރަށް ވެސް ރައްޔިތުންނަށް ދޭންޖެހޭ،" ތަޖުރިބާކާރު ގާނޫނީ ވަކީލް އަލީ ވިދާޅުވި އެވެ.

ހިންގުމާއި ޑިމޮކްރަސީގެ ކަންކަން ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވީ ރާއްޖެއަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށާއި އެ ބަދަލުގެ އެންމެ އަސާސީ ސިފަތަކުގެ ތެރޭގައި ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕީޖީ ފަދަ މަގާމުތަކަށް މީހުން އައްޔަނު ކުރުމާއި ވަކި ކުރުމުގެ އެންމެ ފަހު ބަސް ބުނާ ބަޔަކީ ސީދާ ރައްޔިތުންނަށް ހަދަން ޖެހޭ ކަމަށެވެ.

"އެ ނޫން ގޮތަކަށް ބާރުވެރިކަން ބެލެންސް ނުވާނެ. ނަހަމަ ކަންކަން ކުރުން ނިމުމަކަށް ނާންނާނެ. ދެން ގެންނަށްޖެހޭ ބަދަލަކީ ވަސީލަތްތައް ބޭނުން ކުރުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ބޭނުން ކުރަން ފުރުސަތު ދޭންވީ. ސަރުކާރު ހިންގަން ހަވާލުވާ މީހާ ބޭނުންހާ ގޮތަކަށް ގައުމުގެ ވަސީލަތް ބޭނުން ކުރެވިގެން ނުވާނެ. އަތޮޅުތަކަށް ވަސީލަތާއި ބާރުވެރިކަން ދޭން ޖެހޭނީ. އޭރުން ގައުމަށް ލިބޭ ފައިދާ އާއި ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ ރައްކާތެރިކަމުގެ އިތުރުފަށަލައެއް ލެވޭނެ،" ނަން ހާމަ ކުރަން ބޭނުންނުވާ ދިރާސާ ވެރިޔާ ވިދާޅުވި އެވެ.

ދިވެހި ގައުމުގެ ވެރިންނަކީ، ގައުމު ހިންގަން ހަވާލުވާ މީހުންނާއި މަޖިލީހަށް އިނތިހާބު ކުރާ މެމްބަރުން ނޫންކަން އެނގޭވަރަށް ހިންގުމުގެ އޮނިގަނޑެއް ކަނޑައަޅައި، ދިވެހި ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން އިހްސާސް ކުރެވޭވަރަށް ބާރު ދޭން ޖެހެ އެވެ. އަދި ރައްޔިތުންގެ ބާރު އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް އެކަށައަޅައި، ރައްޔިތުންގެ ކަންކަމާ ހަވާލުވާ މީހާ، މިހަވާލު ވަނީ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އޮތް ކަން، އެ މީހާގެ ސިކުޑި އާއި ހިތުގައި އަބަދު ވެސް ބިންވަޅު ނެގި އަދި އެ އިހްސާސް ކުރެވޭނެ ހިންގުމުގެ އޮނިގަނޑެއް މިހިނދަށް ރާއްޖެއަށް ގެންނަން އަދިވެސް ނުވޭ ހެއްޔެވެ.

  • އެދޭ ރާއްޖެ

މިފަހުން "އެދޭ ރާއްޖެ" ނަމުގައި ރާއްޖޭގެ ހިންގުމުގެ އޮނިގަނޑުގެ ބަހުސެއް ހިންގުމަށް ވަނީ ގޮވާލާފަ އެވެ. އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

•  އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;