ads
އިމްރާން މުހައްމަދު ގައުމީ ޖަރޒީގައި
ގައުމީ ޓީމުގެ ކުޅުންތެރިން މާޔޫސްކޮށްނުލާ: އިމްރާން
ލޮކްޑައުންގެ ސަބަބުން ޕްރެކްޓިސް ނުކުރެވިފައިތިބި ޤައުމީ ޓީމްތަކުގެ ކުޅުންތެރިން މާޔޫސްކޮށް ނުލުމަށް، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އެއްވަނަ ގޯލް ކީޕަރު އިމްރާން މުހައްމަދު ގޮވާލައިފި އެވެ. އިމްރާން މިގޮތަށް ގޮވާލީ، ސޯޝަލް މީޑިއާގަ އެވެ.

ސަތާރަ އަހަރު ވަންދެން ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އަދި މިހާރު ގައުމީ ޓީމުގެ ގޯލް ކީޕަރު ކޯޗުގެ މަގާމުގައި ހުރި އިމްރާން ބުނީ، ލޮކްޑައުންގެ ސަބަބުން ޕްރެކްޓިސް ނުކޮށް ތިބި ގައުމީ ޓީމްގެ ކުޅުންތެރިންނަށް ކޮންމެވެސް ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.

"ލޮކްޑައުންގެ ސަބަބުން ޕްރެކްޓިސް ނުކުރެވިފައި ތިބި ގައުމީ ޓީމްތަކުގެ ކުޅުންތެރިންގެ އެލަވަންސް ކަނޑާލުމަކީ، ކުޅުންތެރިންނަށް ލިބެމުން ދިޔަ އާމްދަނީ ހުއްޓި ޕްލެޔަރުން ހާލުގައި ޖެހޭނެ ކަމެއް. މި ކުޅުންތެރިން މާޔޫސްކޮށްނުލާ، ކޮންމެވެސް ހައްލެއް ހޯދައިދިނުން މުހިއްމުކަމަށް ދެކެން،"

ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް އެންމެ ފުރަތަމަ ހޯދައިދިން ގައުމީ ޓީމުގައިވެސް ހިމެނޭ، އަދި ކުޅިވަރުގެ އާއިލާގެ ގިނަބައެއްގެ ލޯއްބާއި އިހްތިރާމް ލިބިފައިވާ އިމްރާން ބުނީ، އޭނާ މި ވާހަކަ ދައްކަނީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިންގެ ވާހަކައެއް ނޫން ކަމަށާއި އެހެން ކުޅިވަރުތައް ހިމެނޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑު މި ދައްކަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ވާހަކަ އެކަންޏެއް ނޫން. އެހެން ކުޅިވަރުތައްވެސް ހިމެނޭ ގޮތަށް ވަރަށް ގިނަ ކުޅުންތެރިންނަކީ ކުޅިވަރުން ލިބޭ އާމްދަނީން ދިރިއުޅުމުގެ ކަންކަން ހަމަ ޖައްސާ ބައެއް. އެ މީހުންގެ އާއިލާތައްވެސް ބަލަހައްޓަނީ ހަމަ ކުޅިވަރުން. އެހެންކަމުން އެ ކުޅުންތެރިންނަށް ކޮންމެވެސް ގޮތްތަކެއް ހޯދައިދިނުން އެދެން،"

އިމްރާންގެ ވާހަކަ މި ގޮތަށް މިއައީ، ޕްރެކްޓިސް ނުކުރާ ދުވަސްވަރު މުސާރަ ނުލިބޭނެ ކަމަށް ވިދާޅުވެ، ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި މިނިސްޓަރު މަހްލޫފު ވިދާޅުވެފައި ވަނީ ގައުމީ ޓީމަށް އެލަވެންސް ނުލިބިގެން އުޅެނީ ފަރިތަކުރުންތައް ކުރިއަށް ނުގެންދާތީ ކަމަށެވެ. އެކަމާއި ގުޅިގެން ގިނަ އެތްލީޓުން އަންނަނީ ހިޔާލުފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް