ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީވިލާތުގެ ޑައިވަރުންތަކެއް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
މިކަމާ ގުޅިގެން ޓެކްނިކަލް ޑައިވިންއަށް ހާއްްސަ ހުއްދައެއް ދިނުމާއި ގުޅޭގޮތުން މިއަދު ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ، ޓެކްރެކް ޑައިވިންއަށް ގާނޫނެއް ހެދުމުގެ ވިސްނުން އެބަ ހުރި ކަމަށާއި، އެ މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް ކުޅަދާނަ އަދި ވަރަށް ކުރިއްސުރެ ފީނާ ހަދާ ތަޖުރިބާކާރު ޑައިވަރުން އުޅޭ ކަމަށެވެ.
ރާއްޖޭގައި ޓެކްނިކަލް ޑައިވިން ގާނޫނެއް އަދި ނެތެވެ. ތަރުޖަމާނު ވިދާޅުވީ އެފަދަ ގާނޫނެއް ވުޖޫދުވެއްޖެނަމަ ކަނޑު އަޑީގެ ދިރާސާތައް ހަދަން އަންނަ ފަރާތްތަކާއި ޓެކްނިކަލް ރެކްރިއޭޝަން ޑައިވަރުން ޑައިވްކުރުމުގެ ތަޖުރިބާ ހުރި ބަޔަކަށް ނޫނީ އެކަން ނުކުރެވޭ ގޮތަށް، ހެދޭނެ ކަމަށެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ މިމަހުގެ 19 ވަނަ ދުވަހެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ.
މި މީހުންގެ ހަށިތައް ފެނިފައި ވަނީ އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންނެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ބައިވެރިވި އެވެ.
ސަރުކާރުން ވަނީ މި ހާދިސާގައި މަރުވި އިޓަލީވިލާތުގެ ފަތުރުވެރިން އަނބުރާ ގައުމަށް މިއަދު ފަތިހު ފޮނުވައިލާނެކަން އިއްޔެ ހާމަކޮށްފަ އެވެ. މި ކަމުގެ ތަހުގީގެއް އިޓަލީ ސަރުކާރުން އަންނަނީ ކުރަމުން ނެވެ.
ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި އެމީހުންގެ ހަށިގަނޑުތައް ނެގީ ވެސް ގާތްގަނޑަކަށް 200 ފޫޓު ހުންނަ ހޮހަޅައިގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ. ރާއްޖޭގައި ފީނަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ.
މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;