ads
ޓިއުނީޝިއާގެ ކޯޗު ސަބްރީ ލަމޫޗީ: އޭނާ ވަނީ ފުރަތަމަ މެޗަށް ފަހު މަގާމުން ވަކިކޮށްފައި
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބަލިވިތާ މާގިނައިރުތަކެއްނުވެ ޓިއުނީޝިއާގެ ކޯޗު ވަކިކޮށްފި
ފީފާ ވޯލްޑް ކަޕް 2026 ގައި ޓިއުނީޝިއާއިން ކުޅުނު ފުރަތަމަ މެޗުން ސްވިޑަން އަތުން 5-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެން، އެ ޓީމުގެ ހެޑް ކޯޗު ސަބްރީ ލަމޫޗީ މަގާމުން ވަކިކޮށްފި އެވެ.
Advertisement

ފްރާންސް އަށް އުފަން ލަމޫޗީ، 54، ވަކިކުރަން ޓިއުނީޝިއާ އިން ނިންމީ ސްވިޑެން އަތުން ބަލިވި މެޗަށް ފަހު، ބޭއްވި ޓިއުނީޝިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އިމެޖެންސީ ބައްދަލުވުމެއްގެ ތެރެއިންނެވެ. އަދި، ލަމޫޗީގެ ކޯޗުކަމުގައި އެކަށީގެންވާ ނަތީޖާއެއް ބާކީ އޮތް ދެ މެޗުގައި ނެރެވޭނެ ކަމުގެ ޔަގީންކަން ފެޑެރޭޝަނުގެ ސީނިއާ މެނޭޖްމަންޓަށް ނެތުމުންނެވެ. 

ޓިއުނީޝިއާގެ ކޯޗުކަމުން ވަކިކުރި ލަމޫޗީ އެ މަގާމާ ހަވާލުވީ ޖެނުއަރީ މަހު އެވެ. ފްރާންސް ގައުމީ ޓީމާއި، އިންޓަ މިލާނުގެ ކުރީގެ މިޑްފީލްޑަރު ލަމޫޗީ އަށް އިތުރު ފުރުސަތެއް ނުދީ ވަކިކުރަން ނިންމުމުން އެއް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މިއީ ޓިއުނީޝިއާގެ ފުޓްބޯޅަ ތާރީޚުގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް ނަތީޖާތައް ދަށްވުމުގެ ސަބަބުން ހެންރީކް ކަސްޕަރްޒަކް ވަނީ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް އެ ފަހަރު އޭނާއަށް ދެ މެޗުގެ ފުރުސަތުދިނެވެ.

މީގެ އިތުރުން އެ މުބާރާތުގައި ދެކުނު ކޮރެއާގެ ޗާބުމްކުންވެސް މަގާމުން ވަކިކުރިއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށެން އެންމެ ދެ ދުވަހަށް ވެފައިވަނިކޮށް ސްޕެއިންގެ ކޯޗު ހޫލެން ލޮޕެޓެގީވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެއީ އޭނާ ރެއާލް މެޑްރިޑުގެ ކޯޗުކަމާ ހަވާލުވާން ނިންމިކަން އިއުލާންކުރުމާ ގުޅިގެންނެވެ.

އެހެންކަމުން މިއީ ލަމޫޗީއަށް ލަދުވެތި ކަމަކަށްވީ ނަމަވެސް، މިއީ މީގެ ކުރިންވެސް ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކުގައި ހިނގާފައިވާ ފަދަ ކަމެކެވެ.

ޓިއުނީޝިއާ ފެޑެރޭޝަނުން ބުނީ ކުރިއަށް ހުރި މެޗުތަކުގައި އެ ޓީމަށް ކޯޗުކޮށްދޭނީ ފްރާންސްގެ ހާވޭ ރެނާޑް ކަމަށެވެ. އޭނާ އަކީ، 2022 ގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުން ޗެމްޕިއަން އާޖެންޓީނާ އަތުން 1-0 އިން ސައޫދީ އަރަބިއާ މޮޅުވިއިރު އެ ޓީމުގެ ކޯޗެވެ. އޭގެ ފަހުން ރެނާޑް ކޯޗުކޮށްދެމުން އައީ ފްރާންސްގެ ގައުމީ އަންހެން ޓީމަށެވެ.

ގްރޫޕް ސްޓޭޖުގައި ޓިއުނީޝިޔާއަށް ކުރިއަށް އޮތީ ޖަޕާން މެޗަށްވާއިރު, ޖަޕާން އިން ވަނީ ނެދަލޭންޑްސް އާއި އެއްވަރުކޮށްފަ އެވެ. އެހެންކަމުން ޖަޕާން އަތުން ބަލިވެއްޖެނަމަ ޓިއުނީޝިޔާއަށް މުބާރާތުގެ ފްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުމުގެ ފުރުސަތު ހަނިވާނެ އެވެ.

ލަމޫޗީގެ އިރުޝާދުގެ ދަށުން ޓިއުނީޝިޔާ މިހާތަނަށް ކުޅެފައިވާ ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުން ހެއިޓީ އަތުން އެކަނި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;