ފާހަގަކޮށްލެވޭ ގޮތުގައި މާރުކޭޓް މަޝްރުއަށް ބިން ހަވާލުކޮށްދެވެން ނެތް ސަބަބެއްގެ ގޮތުގައި ސިޓީ ކައުންސިލުން ބުނެފައި ވަނީ 2023 ވަނަ އަހަރުގެ މާޗް މަހުގެ ނުވަ ވަނަ ދުވަހު، ކައުންސިލާއި ހައިރު އިންޖީނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާރުކޭޓް ތަރައްގީކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާތީ އެވެ. އަދި މިނިސްޓްރީއަށް އެ ބިން ހަވާލުކުރެވޭނީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށްފަހު ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
މި ފަހުން މާލެ ސިޓީ ކައުންސިލުން ބޭއްވި ރަސްމީ އާންމު ޖަލްސާގައި މޭޔަރު އާޒިމް ވިދާޅުވީ، މިނިސްްޓްރީން އެދިފައިވަނީ އެ ބިން ހަވާލުކޮށްދިނުމާ އެކު ބިމުގެ ރަޖިސްޓްރީ އެ މިނިސްޓްރީއަށް ބަދަލުކޮށްދިނުމަށް ކަމަށެވެ. އެކަމަކު އެ ބިމަކީ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ތަނަކަށްވުމުންނާއި، ސަރުކާރުން ހިންގާ ވަކި މަޝްރޫއަކަށް ބިމެއް ހަވާލުކޮށްދީގެން ގާނޫނީ ބާރުވެރިކަން ކައުންސިލުގެ ފުށުން ނުނެގޭނެތީ އެ ބިން އޮންނާނީ ކައުންސިލުގެ ތަނެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.
މި މައްސަލަ ހޫނުވެ އާ މާރުކޭޓް އެޅުން ލަސްވަމުން ދަނިކޮށް، ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައިރު އިންޖިނިއަރިން ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން، އެ އެއްބަސްވުމުގައިވާ ގޮތަށް ބާތިލްކުރުމަށް ފަހު ނޫނީ ސިޓީ ކައުންސިލުން ބުނާއިރު، އެއްވެސް ބަދަލަކާ ނުލާ އެއްބަސްވުން ބާތިލްކުރުމަށް އެ ކުންފުނި ތައްޔާރަށް އޮތްކަން އަންގައި ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެއްބަސްވުމުގައިވާ ގޮތަށް މިހާތަނަށް އެ ކުންފުނިން ވަގުތީ ގޮޅި އެޅުން ފިޔަވައި އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމުން، އެއްބަސްވުން ބާތިލްކުރުމަކީ އެ ކަމުގައި އެއްވެސް ހުރަހެއް އޮތް ކަމެއް ކަމުގައި ނުދެކޭ ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އެއްބަސްވުން ބާތިލްނުކޮށް ވެސް ސަރުކާރާ އެ ބިން ހަވާލުކުރުމަށް ހުރަހެއް ނެތް ކަމަށް ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން އެ ގޮތަށް ދެކޭ ސަބަބަކީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއަކަށް ބިން ހަވާލުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހެވެ. ހައުސިން މިނިސްޓްރީގެ ބަޔާނުގައި އެ އިސްލާހަށް ހަވާލާދީފައި ވެސް ވެއެވެ.
މާލޭގެ ހުރިހާ މާރުކޭޓެއް އެއް ތަނަކަށް ބަދަލުކުރާ ގޮތަށް ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ އާ މާރުކޭޓެއް ނުވަތަ "ވެޓް މާކެޓް ކޮމްޕްލެކްސް"އެއް އަޅަން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ. އެ އިމާރާތުގައި ފަސް ފުލޯ ހުންނާނެ އެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މި މަސައްކަތް ނުފެށި ލަސްވާ ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާއި ހަވާލުކޮށްފައި ނުވުން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;